ފުޓްބޯޅަ

ބަނގްލަދޭޝް މީހުންނަށް ތަފާތު ކުރުމެއް ނެތި ޓިކެޓް ވިއްކުމަށް ގޮވައިލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ސާފް ޗެމްޕިއަންޝިޕް ޓިކެޓު/ ފޮޓޯ: މިހާރު

ބަނގްލަދޭޝް މީހުންނަށް ތަފާތު ކުރުމެއް ނެތި ސާފް ޗެންޕިއަންޝިޕް މެޗްގެ ޓިކެޓް ވިއްކުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވައިލައިފިއެވެ.

Ads by MWSC

ޓްރާންސްޕޭރެންސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބަނގްލަދޭޝްއާއި ރާއްޖެ ބައްދަލުކުރާ މެޗް ކުރިއަށް އޮއްވާ ވަކި ގައުމެއްގެ މީހުންނަށް ތަފާތު ކުރުން ގެންގުޅެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ނިންމި ނިންމުން ކުށްވެރި ކުރާ ކަމަށެވެ.

މި މަހުގެ 7 ވަނަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ ބަނގްލަދޭޝް އަދި ރާއްޖެ ބައްދަލު ކުރާ މެޗަށް ވަނުމަށް އެފްއޭއެމްއިން ބަނގްލަދޭޝް މީހުންނަށް ވިއްކީ އެންމެ 200 ޓިކެޓެވެ. އަދި ދިވެހިން ގަތް ޓިކެޓް ބަނގްލަދޭޝް މީހުންނަށް ވިއްކަމުން ދަނިކޮށް އެފްއޭއެމްއިން ވަނީ ވޯކްޕާމިޓް ނުވަތަ ވިސާ ނެތް ބިދޭސީންނަށް މެޗް ބަލަން ދަނޑަށް ނުވަދެވޭނެ ކަމަށް ވެސް މިއަދު އިއުލާނު ކޮށްފައެވެ.

މިކަމާ ގުޅޭ ގޮތުން ބަނގްލަދޭޝް ޓީމުގެ ސަޕޯޓަރުން މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށް ގަލޮޅު ދަނޑު ކައިރީގައި ހަޅުތާލު ވެސް ހަދައިފައެވެ.

ސާފް ޗެމްޕިއަންޝިޕްގައި، މިމަހުގެ 7ވާ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ރާއްޖެއާއި ބަނގްލަދޭޝް ބައްދަލުކުރާ މެޗުގެ ހުރިހާ ޓިކެޓެއް، އެންމެ ހަ ގަޑިއިރު ތެރޭ މިހާރު ވަނީ ވިއްކި ހުސްވެފައެވެ.

ކޮންމެ މެޗަކަށް ގަލޮޅު ދަނޑުން ޖުމްލަ 5،000 ޓިކެޓު ވިއްކަން މިފަހަރު ހަމަޖެހިފައިވާ އިރު، ހޯމް ޓީމުގެ މެޗުތައް ކުޅޭއިރު އަވޭ ޓީމަށް ވިއްކަން ހަމަޖެހިފައި ވަނީ 350 ޓިކެޓެވެ. އެއީ ސަޕޯޓަރުންނަށް ކަނޑައެޅިފައިވާ ޖާގައިގެ ހަތް އިންސައްތައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!