ބޮލީވުޑް މުނިފޫހިފިލުވުން

ނޯރާ އެންމެ ފުރަތަމަ އަދާކުރީ ވެއިޓަރެއްގެ ވަޒީފާ!

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ބޮލީވުޑް ތަރި ނޯރާ ފަތޭހީ

ބޮލީވުޑަށް ތައާރަފުވުމުގެ ކުރިން އެންމެ ފުރަތަމަ އަދާކުރީ ވެއިޓަރެއްގެ ވަޒީފާކަމަށް މަޝްހޫރު ނެށުންތެރިޔާ ނޯރާ ފަތޭހީ ބުނެފިއެވެ.

Ads by Hajj Corporation

ބޮލީވުޑްގެ ބައެއް ތަރިންނަކީ އެ ދާއިރާއަށް ނިކުމެ މަޝްހޫރުކަން ހޯދުމުގެ ކުރިން ވަރަށް އާދައިގެ ދިރިއުޅުމެއް އުޅުނު މީހުންނެވެ. ރަޖްނީކާންތާއި އަކްޝޭ ކުމާރު ފަދަ ތަރިން ވެސް ކުރިން ވަނީ އާދައިގެ ވަޒީފާތައް އަދާކޮށްފައެވެ.

ރިއަލިޓީ ކުކިން ޝޯއެއްގައި ބައިވެރިވެ ވާހަކަދައްކަމުން ނޯރާ ވެސް ވަނީ އޭނާ ފުރަތަމަ އަދާކުރި ވަޒީފާއާ ގުޅޭގޮތުން ވާހަކަ ދައްކައިފައެވެ. އޭނާ ބުނީ އުމުރުން 16 އަހަރުގައި ފުރަތަމަ ވަޒީފާއަށް އޭނާ ނިކުތް ކަމަށެވެ. އޭރު އުޅުނީ ކެނެޑާގައި ކަމަށާއި ވަޒީފާ އަދާކުރީ ރެސްޓޯރެންޓެއްގެ ވެއިޓަރެއްގެ ގޮތުގައި ކަމަށް ނޯރާ ބުންޏެވެ.

ނޯރާ ބުނި ގޮތުގައި އެ ވަޒީފާގައި ދެ އަހަރު ދުވަސް ހޭދަކުރިއެވެ. އަދި އެއީ އަދާކުރަން ވަރަށް އުނދަގޫ ވަޒީފާއެއްކަމަށް އޭނާ ބުންޏެވެ. އެގޮތުން ވާހަކަދެއްކުމުގެ ހުނަރު ނެތުމާއި ކަންކަން ހަނދާން ބެހެއްޓުމުގައި ބައެއް ފަހަރު އުނދަގޫވުމުގެ ސަބަބުން ވެއިޓަރުކަން ކުރަން ވަރަށް އުނދަގޫވިކަމަށް ނޯރާ ކިޔައިދިނެވެ.

އޭނާ ބުނީ ބައެއް ކަސްޓަމަރުންނާ އެކު މަސައްކަތްކުރަން ވަރަށް އުނދަގޫވި ކަމަށާއި އެކަމަކު ވެއިޓަރެއްގެ ގޮތުގައި މަސައްކަތް ކުރާއިރު ކެތްތެރިވާން ޖެހޭނެ ކަމަށެވެ. އަދި ކޮންމެ ހާލަތެއްގައި ވެސް މަޑުމައިތިރިކަމާ އެކު ކަން ކުރުމުން މަސައްކަތަށް ލުއި ލިބިގެންދާނެ ކަމަށް ނޯރާ ބުންޏެވެ.

ނޯރާ ބޮލީވުޑަށް ތައާރަފުވީ 2013 ވަނަ އަހަރު "ރޯރް" ކިޔާ ފިލްމަކުންނެވެ. އޭގެ ފަހުން އޭނާ ބައެއް ފިލްމުތަކުން ފެނިގެން ދިޔައެވެ. ނޯރާ ބޮޑު މަގުބޫލުކަމެއް ހޯދީ 2018 ވަނަ އަހަރު ފިލްމު "ސަތިޔަމޭވަ ޖަޔަތޭ" ގައި ހިމެނުނު ދިލްބަރް ލަވައިންނެވެ.

އޭގެ ފަހުން ނޯރާގެ ގިނަ ލަވަތަކެއް މަޝްހޫރުވެގެން ދިޔައެވެ. އޭނާ އެންމެ ފަހުން ފެނުނީ ފިލްމު "ބުޖް" އިންނެވެ. މިފިލްމުގައި ހިމެނުނު "ޒާލިމާ ކޮކަ ކޯލާ ޕިލާދޭ" ލަވަ ވެގެން ދިޔައީ ބޮޑު މަގުބޫލުކަމެއް ހޯދި ލަވައަކަށެވެ. އެފިލުގެ އައިޓަމް ސޯންގުގެ އިތުރުން މުހިންމު ރޯލަކުން ވެސް ނޯރާ ފެނިގެން ދިޔައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!