ޚަބަރު ސަރުކާރު

އާއްމު މަޖިލީހުގެ މުހިއްމު ބައްދަލުވުންތަކުގައި ރައީސް ތަޤްރީރުކުރެއްވުމަށް ޝާހިދު އެދިވަޑައިގެންފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ހިނގަމުންމިދާ އ.ދ.ގެ އާއްމު މަޖިލީހުގެ ދައުރުގައި ކުރިއަށްގެންދާ ވެކްސިނާއި ތިމާވެއްޓާ ގުޅޭ މުހިއްމު ބައްދަލުކުރެއްވުންތަކުގެ ތެރެއިން ރާއްޖޭގެ އެންމެ މަތީވެރިޔާގެ އަޑުފުޅު ދުނިޔެއަށް އިއްވައި ދިނުމަށް އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެދިވަޑައިގެންފިއެވެ.

Ads by MWSC

އދ.ގެ އާއްމު މަޖިލީހުގެ ރައީސް، ނ.ޢ.ޢ.ވ އަބްދުﷲ ޝާހިދު މިގޮތަށް ވިދާޅުވީ، އެމަނިކުފާނުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ދެއްވި ރަސްމީ ޖާފަތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

އެ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްގެ ހައިސިއްޔަތުން، ޢަބްދުﷲ ޝާހިދު ރާއްޖެއަށް ޒިޔާރަތްކުރެއްވި ކަމަށް ޓަކައި، އެ މަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް މަޤާމު ދިވެއްސަކު ފުރުއްވަމުންގެންދަވާ ކަމީ، ކޮންމެ ދިވެއްސަކަށް ވެސް ލިބޭ ފަޚުރަކާއި ޝަރަފެއްކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޮވިޑުން މިންޖުވުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ ތަރައްޤީކުރުމަށް ކުރާ މަސައްކަތްތަކުގައި ބައިނަލްއަޤުވާމީ މުޖްތަމަޢުގެ އެހީތެރިކަމާ އެހެން ޤައުމުތަކުގެ ތަޖުރިބާ ރާއްޖެއަށް މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ތިމާވެށީގެ މައްސަލަތައް ޙައްލުކުރުމުގައި، ކުރިއަރައިފައިވާ ޤައުމުތަކުގެ އެއްބާރުލުން ބޭނުންވާކަމަށާ އަދި އ.ދ. މަޖިލީހަކީ އެންމެންގެ ޙައްޤުތަކަށް އިޙްތިރާމްކުރާ، އަދި މިހާރަށް ވުރެ އިންސާފުވެރި ހަމަހަމަ އުޞޫލަކުން، ހުރިހާ ޤައުމުތަކާ މެދު މުޢާމަލާތުކުރެވޭ މުއައްސަސާއަކަށް، ވުމަކީ ވެސް ރާއްޖެއިން އެދޭކަމެއްކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރިޔާސަތު ރާއްޖެއަށް ލިބުމަކީ މި ހުރިހާކަމަކަށް ލިބުނު އުންމީދެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އ.ދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތަށް ޢަބްދުﷲ ޝާހިދު އިންތިޚާބުވެވަޑައިގަތުމަކީ، ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ދުނިޔެ ބަލައިގަނެފައިވާ ކަމުގެ ހެއްކެއްކަމުގައި ވިދާޅުވިއެވެ. އަދި މިއީ ރާއްޖެއާއި އެހެން ޤައުމުތަކާ ދެމެދު ހަރުދަނާ ގުޅުމަކުން ގުޅިފައިވާކަމުގެ ނިޝާނެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވައިލެއްވީ އ.ދ.ގެ ޢާންމު މަޖިލީހުގެ އުންމީދުގެ ރިޔާސަތުގައި، ބައިނަލްއަޤުވާމީ މުޖްތަމަޢުގައި މިހާރަށް ވުރެ ވެސް، ކުލަގަދަ ގޮތެއްގައި ރާއްޖޭގެ ނަން ފެވިގެން ދިއުމަށް އެދިވަޑައިގަންނަވަމުންނެވެ.

ކުރުނބާ މޯލްޑިވްސްގައި މިއަދު މެންދުރުފަހު ބޭއްވި މި ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްގެ ދެކަނބަލުންގެ އިތުރުން ވަޒީރުންނާއި ދައުލަތުގެ ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!