ޚަބަރު

ބަނގްލަދޭޝްގެ ސަޕޯޓަރުންގެ ފަރާތުން ފުޓްބޯޅަ އާއިލާއަށް ދިނީ ލޯބިން ފުރިގެންވާ މެސެޖެއް!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ފޮޓޯ/މީސްމީޑިއާ

ދިވެހިން ނިކުމެ މުޅި ދަނޑު ފުރައިލިއެވެ. ދިވެހިންގެ ޤައުމީ ޓީމަށް އޮތް ލޯބި ދައްކާލަދިނެވެ. ކުޅުންތެރިން ވެސް ބެލުންތެރިންނަށް ދިނީ ރީތި ހަދިޔާއެވެ. ހަންޕްގެ ރީތި ގޯލާއި ދަގަނޑޭގެ ކުޅަދާނަ ޕެނަލްޓީން މުޅި ދަނޑު ގުގުމާލިއެވެ.

Ads by Hajj Corporation

މެޗު ބަލަން އިންއިރު ފޯރީގެ ތެރޭގައިވެސް އަހަރެންގެ ނަޒަރު ހުއްޓުނު އެއްބަޔަކީ ބަނގްލަދޭޝްގެ ސަޕޯޓަރުންނެވެ. މިރޭ އޮތް އުރީދޫ ސާފް ޗެންޕިއަންޝިޕްގެ މެޗުން ރާއްޖޭގެ ޤައުމީ ޓީމް ވަރަށް މުހިންމު މޮޅެއް ހޯދައިފައިވާއިރު، މިމޮޅާއެކު އަހަރެމެން އެންމެންގެ ހިތްތަކުގައި ޤައުމީ ޓީމްގެ އިތުރުން، އިތުރު ބަޔަކަށް ލޯބި އުފެދިއްޖެއެވެ. މިކިޔަނީ އާއްމު ބަހުރުވައިން ނަމަ ބަންގާޅު ސަޕޯޓަރުންގެ ވާހަކައެވެ. އެ މީހުން ވަނީ ފުޓްބޯޅަ އާއިލާއަށް ލޯބިން ފުރިގެންވާ މެސެޖެއް ދީފައެވެ.

ހޯމް އެޑްވާންޓޭޖްގެ ދަށުން މިރޭގެ މެޗަށް ވައްދާފައިވަނީ 200 އެއްހާ ބަނގްލަދޭޝް ސަޕޯޓަރުން.. ފޮޓޯ/ވަގުތު

ބިދޭސީ މީހާއަށް އިޙްތިރާމެއް ނެތް!

ސާފް ޗެންޕިއަންޝިޕްގެ މުބާރާތަށް ދިވެހި ރާއްޖެ ނިކުތް މި މުހިންމު މެޗަށް ނުކުތުމުގެ ތިން ދުވަހެއް ކުރިން މެޗްގެ ފޯރި ވަނީ ހިއްޕައިލާފައެވެ. މެޗަށް ވަނުމަށް ގިނަ އަދަދެއްގެ ބިދޭސީން ކިއު ދަމައިލިއިރު، ރާއްޖެ-ބަނގްލަދޭޝް މެޗަށް ބަނގްލަދޭޝް ސަޕޯޓަރުންނަށް ވިއްކީ އެންމެ 200 ޓިކެޓެވެ. ވިއްކަން ހުރި ޓިކެޓްތައް ވިއްކަން ފެށުނުތާ ގަޑިއިރެއް ނުވަނީސް ވިކި ހުސްވެއްޖެއެވެ. އެހިސާބުން ފެށުނީ ބޮޑު ބަހުސެވެ. ދިވެހިން ނަސްލީ ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކެވެ. އުސޫލު ބުނާ ގޮތުން ހޯސްޓް ކުރާ ޤައުމަކަށް ހޯމް އެޑްވާންޓޭޖްގެ ދަށުން އޮޕޯނެޓް ސަޕޯޓަރުން ލިމިޓްކޮށް ވެއްދޭނެއެވެ. އަހަރެންނަށް މައްސަލައަކަށްވީ، ދަނޑަށް ލިމިޓްކޮށްގެން ބިދޭސީން ވެއްދުމެއް ނޫނެވެ. ދެން ކަން ހިނގައިދިޔަ ގޮތެވެ،

ދަނޑުގެ ކައިރީގައި ޓިކެޓް ނުލިބިގެން އެތައް ބިދޭންސީނެއް އިޙްތިތާޖްކޮށްފައިވާއިރު، އެސަރަައްދުގައި ހަރަކާތްތެރިވި އޮފިޝަލުން ކަންތައް ކުރި ގޮތުން މުޅި ދިވެހިރާއްޖޭގެ ނަން ވެއްޔާ މޮޑެލިއެވެ. ނޫސްވެރިއެއްގެ ވާޖިބަށް ހުރަސް އެޅިއިރު، އެތަނުގައި އެއްވެފައި އޮތް ކްރައުޑް ކޮންޓްރޯލް ކުރީ އެއްވެސް ޕްރޮފެޝަނަލް ކަމެއް ނެތިއެވެ. އިންޓަރނޭޝަނަލް މީޑިއާތަކުން އެމަންޒަރުތައް ވަގުތުން ގެނެސްދިންއިރު، އަބަދުވެސް އެންމެންނަށް ލޯބި ކުރާ، އިންސާނީ ޙައްޤުތަކަށް ވަކާލާތް ކުރާ ދިވެހިންގެ ވާހަކަ މިފަހަރު ދެއްކީ މުޅިން އެހެން ގޮތަކަށެވެ.

މެޗުގެ ނަތީޖާ އެނބުރު ނަމަ އާޚިރު ނަތީޖާ ތަފާތު ވާނެ؟

މެޗުގެ ކުރިން އިންތިހާއަށް މަޝްރަޙް ހޫނުވެފައި އޮތްއިރު، ގިނަ ބަޔަކަށް ހީވެފައި އޮތީ ރޭގެ މެޗުގައި މޮޅުވާ ސަޕޯޓަރުންގެ ފަރާތުން ދަށްވާ ޓީމްގެ ސަޕޯޓަރުންގެ ދެރަ ބަސް ބުނެ ހަމަނުޖެހުން ތަކެއް ހިންގަފާނެ ކަމަށެވެ. ޓްވިޓަރގައި ވެސް އިއްޔެ އޮތީ އެ ވާހަކައެވެ. ސެކިއުރިޓީ ވަރުގަދަ ކުރަން ވެސް ގޮވައިލިއެވެ.

އެހެން ނަމަވެސް އިއްޔެ ފެނުނު މަންޒަރު ވަރަށް ތަފާތެވެ. މެޗުގެ ކުރިން ރާއްޖޭގެ ޓީވީއަކުން ގެނެސްދިން ބަނގްލަދޭޝްގެ މީހުންގެ އިންޓަރވިއުގައި ވެސް އެމީހުން ބުނެފައިވަނީ އެމީހުން ރާއްޖެއަށް އިޙްތިރާމް ކުރާ ކަމަށެވެ. މަތީގައި އެވާ ފޮޓޯގައި ވެސް ބުނެފައި ވަނީ އެހެންނެވެ.

"އަހަރެން ބަނގްލަދޭޝް ދެކެ ވަރަށް ލޯބިވޭ، އަދި ދިވެހި ރާއްޖެއަށް އެހާމެ އިޙްތިރާމް ކުރަން" ޕޯސްޓަރުގައި ވަނީ މިހެންނެވެ.

ދެން އުފެދޭ ސުވާލަކީ މިއީއެވެ. ދިވެހިން ރޭގެ މެޗުން ބަލިވި ނަމަ ދިވެހިން އެ ފަދަ ނަމޫނާއެއް ދައްކަފާނެ ހެއްޔެވެ. ބަންގާޅު ރައްޔިތުން މެޗު ނިންމައިލުމަށް ފަހު ނިކުމެ ދަމުން ދިވެހި ޓީމަށް ސެލިއުޓް ކުރިތަން ވެސް ފެނިގެން ދިޔައެވެ.

މިރޭގެ މެޗަށް ސަޕޯޓް ކުރަން ދިޔަ ބަނގްލަދޭޝް މީހެއް ދިވެހި ދިދައާއެކު.. ފޮޓޯ/ވަގުތު

ދިވެހިންނަށް ސަޕޯޓް ކުރި ބަންގާޅު ސަޕޯޓަރުން!

މެޗަށް ފަހު މީސްމީޑިއާގައި ބަހުގެ ހަމަލާތައް ވަނީ އިތުރުވެފައެވެ. ބަންގާޅު ބައެއް ފަރާތްތަކުން ދިވެހިންނަށް ބަދު ބަސް ބުނި ނަމަވެސް، ގިނަ ބަޔަކު ބުނަމުން އަންނަނީ ލިބުނީ ޙައްޤު މޮޅެއް ކަމަށެވެ.

އަދި އެއް ވާހަކަ އެބައޮތެވެ. ދިވެހިންގެ ޓީމަށް އެމީހުންގެ ސަޕޯޓް ނުކުރާނެ ކަމަށް ބުނާ ވާހަކައެވެ. އެހެން ނަމަވެސް ތާރީޚް މިކަން ދޮގު ކުރެއެވެ.

ހަނދާނަށް އަންނަނީ 2009 ވަނަ އަހަރު ބަންގާޅުގެ ބަންގްބަންދު ސްޓޭޑިއަމްގައި އޮތް ސާފް ޗެންޕިއަންޝިޕްގެ ފައިނަލް މެޗެވެ. އެ މެޗްގައި ދިވެހިންނަށް ސަޕޯޓް ކުރަން ނިކުތީ ބަނގްލަދޭޝް މީހުންނެވެ. ޓީވީތަކަށް އެމީހުން އަރާ އިންޓަވިއުތައް ދީ އުޅުނެވެ. އެމީހުންގެ ބޭބެ ނުވަތަ ކޮއްކޮ ރާއްޖޭގައި ހުންނާ ކަމަށާއި އެހެންވެ ރާއްޖެއަށް ސަޕޯޓް ކުރާ ކަމަށް އޭރު ބުންޏެވެ. އިންޑިއާއާއި ރާއްޖެއާ ކުޅުނު އެ މެޗްގައި ޕެނަލްޓީ ޖަހައިގެން 3-1 ގެ ނަތީޖާއަކުން ރާއްޖެ ދަށްވި ނަމަވެސް އެ ފަހަރު ވެސް މުޅި ދަނޑު އޮތީ ދިވެހި ޤައުމީ ޓީމަށް ސަޕޯޓް ކުރުމަށް ދިޔަ ފަރާތްތަކުން ފުރައިލާފައެވެ. ދިވެހިންނެއް ނޫނެވެ. ދިވެހިންނަށް ސަޕޯޓް ކުރާ ބަނގްލަދޭޝް މީހުންނެވެ.

Ads by HDC
  1. ީތަރަފަނަ

    މިސަރުކާރުގެ އަސްލު ތި ފެނުނީ، މި ސަރުކާރަކީ،މީހުނަށް އިހުތިރާމް ކުރާ ސަރުކާރެއް ނޫން.