ޚަބަރު ސަރުކާރު

ހަކަތައިގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ހަކަތައިގެ ބިލު (ޤާނޫނު ނަންބަރު: 18/2021) ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤު ކުރައްވައިފިއެވެ.

Ads by STELCO

މި ބިލަކީ 2021 ސެޕްޓެންބަރު މަހުގެ 21 ވީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 16 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

ދިވެހިރާއްޖޭގެ ހަކަތައިގެ ޤާނޫނަކީ ދިވެހިރާއްޖޭގައި ހަކަތަ އުފެއްދުމާއި، ހަކަތަ ބޭނުންކުރުމާއި، ހަކަތަ ފޯރުކޮށްދިނުމާ ގުޅޭ އުސޫލުތައް ކަނޑައަޅައިފައިވާ ޤާނޫނެކެވެ. މި ޤާނޫނުގައި ހަކަތައިގެ ޚިދުމަތް ބޭނުންކުރާ ފަރާތްތަކުގެ ޙައްޤުތަކާއި، ޢާންމު ބޭނުންތަކެއްގެ ޚިދުމަތެއްގެ ގޮތުގައި ހަކަތަ ފޯރުކޮށްދޭ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ކަނޑައަޅައި، އެފަދަ ފަރާތްތަކުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ހިފަހައްޓައި، ޚިދުމަތްހޯދާ ފަރާތްތަކަށް އެކަށީގެންވާ އަގެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ޓަކައި ކަމާބެހޭ ފަރާތްތަކުގެ މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވެއެވެ.

އަދި މިޤާނޫނަކީ އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމާއި، ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާއަކީ ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކޮށްދޭ، ތިމާވެއްޓާ ރައްޓެހި، އަދި މޫސުމަށް އަންނަ ބަދަލުތަކަށް ބަރުދާސްތު ކުރަނިވި، ޖައްވު ހޫނުކުރާ ގޭހުގެ ޙިއްޞާ ކުޑަ، އަދި ޚަރަދުކުޑަ ހަކަތައިގެ ނިޒާމެއް ޤާއިމުކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާގެ ކަންކަން ސަލާމަތާއި ރައްކާތެރިކަމާއެކު ހަރުދަނާ ނިޒާމެއްގެ ދަށުން ހިންގައި ބެލެހެއްޓުމާއި، ހަކަތައިގެ ޚިދުމަތް ހޯދާ ފަރާތްތަކާއި، ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލިބިގެންވާ ޙައްޤުތަކާއި ޒިންމާތައް ކަނޑައެޅުން ހިމެނެއެވެ. އަދި ހަކަތައިގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލައިސަންސް ދިނުމާ ބެހޭ އުސޫލުތައް ބަޔާންކުރުން ވެސް މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ދިވެހިރާއްޖެ ކާބަން ނެޓް ޒީރޯ ޤައުމަކަށް ހެދުމަށް ޓަކައި ކަމާ ބެހޭ ޤާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމުގެ ގޮތުން އިއާދަކުރަނިވި ހަކަތައަށް ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާ ބަދަލުކުރުމަށް އެކުލަވާލަންޖެހޭ ޕްލޭން އެކުލަވާލުން އަދި ހަކަތައިގެ ވަސީލަތްތަކާއި ޚިދުމަތްތަކަށް ޤަޞްދުގައި ދޭ ގެއްލުމުގެ ސަބަބުން ނުވަތަ ހަކަތައިގެ ޚިދުމަތްތައް ފޯރުކޮށްދިނުމާއި އެ ޚިދުމަތްތައް ބެލެހެއްޓުމުގައި އިހުމާލުވުމުގެ ސަބަބުން ލިބޭ ގެއްލުމާ ގުޅިގެން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކުރުން ވެސް މި ޤާނޫގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ދިވެހިރާއްޖޭގެ ހަކަތައިގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާ އެކު، ޤާނޫނު ނަންބަރު 96/4 (ޢާންމު ބޭނުންތަކުގެ ޚިދުމަތާބެހޭ ޤާނޫނު) އުވޭނެކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި މި ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ގިނަވެގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ހަދައި، ޢާންމުކޮށް ޝާއިޢުކުރަންވާނެކަމުގައި ވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރެއްވުމާ ގުޅިގެން މި ބިލު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައިފައެވެ. ހަމައެއާ އެކު، މިއަދުން ފެށިގެން މި ޤާނޫނަށް ޢަމަލުކުރަން ފެށޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!