ފިލްމު ކުޅޭ ވަރަށް ވުރެ އަމީތާބު މިހާރު މާ މުސްކުޅި ވެއްޖެ: ސަލްމާން ޚާންގެ ބައްޕަ

ބޮލީވުޑްގެ މެގާ ސްޓާ އެކްޓަރ އަމީތާބް ބަޗަން، ފިލްމު ކުޅޭ ވަރަށް ވުރެ މިހާރު މާ މުސްކުޅިވެއްޖެ ކަމަށާއި ރިޓަޔަރ ވާން ޖެހޭ ކަމަށް ސަލީމް ޚާން ބުނެފިއެވެ.
މަޝްހޫރު އެކްޓަރ ސަލްމާން ޚާންގެ ބައްޕަ ސަލީމަކީ ލިޔުންތެރިއެކެވެ. އޭނާ ވަނީ ކުރީގެ މަޝްހޫރު ފިލްމުތައް ކަމަށްވާ ޝޯލޭ، ޑޯން އަދި ދީވާރް ފަދަ ފިލްމުތަކުގައި އަމީތާބްއާ އެކު މަސައްކަތް ވެސް ކޮށްފައެވެ.
ނަމަވެސް ސަލީމް މިހާރު ބޭނުން ވަނީ އަމީތާބު މި ދާއިރާއިން ދުރަށް ދާށެވެ.
"އަމީތާބްގެ އުމުރުން މިހާރު 80 އަހަރު އެ ފުރުނީ. އޭނަ ވަނީ ދާއިރާގައި މުއްސަނދިކަމާއި މަޝްހޫރުކަން ވެސް ހާސިލު ކޮށްފަ. މިހާރު ދެން ރަނގަޅު ވާނީ ރިޓަޔަރ ވިއްޔާ. އަމިއްލަ ނަފްސަށް ވެސް ވަގުތުކޮޅެއް ދޭން ވާނެ" އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން ސަލީމް ބުންޏެވެ.
ކޮންމެ މީހަކު ވެސް އެމީހެއްގެ އަމިއްލަ ދިރިއުޅުމުގައި އުފަލާ މަޖާ ކުރުމަށް އަދި އަރާމު ކުރުމަށް ރިޓަޔަރ ވުމަކީ މުހިންމު ކަމެއް ކަމަށް ވެސް ސަލީމް ބުންޏެވެ. އަދި އޭނާ ވެސް ރިޓަޔަރ ވީ އެހެންވެ ކަމަަށާއި މިހާރު އޭނައާ އެކު އުޅެނީ ވެސް ފިލްމީ ދާއިރާއާ ދުރު މީހުން ކަމަށް ވެސް ސަލީމް ބުންޏެވެ.