ދީން

ޒަކާތަކީ މުދަލުގެ އަހުލުވެރިންނަށް ފަޤީރުންގެ ހެޔޮ ދުޢާ ލިބިގެން ދިޔުމުގެ ސަބަބެއް: ޚުތުބާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
Namaadhu, ނަމާދު hukuru, ހުކުރު

އެންމެހައި ޙަމްދު ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލު ކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާ ކަމަށް އަޅު ހެކިވަމެވެ. އެ މާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލައްވާށިއެވެ. އާމީން!

Ads by STELCO

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ ޒަކާތް ދިނުމުގެ މަތިވެރި އަަޅުކަމުގެ މައްޗަށެވެ. ތިޔަ އެންމެހާ ލޮބުވެތި ފަރާތްތަކަށް ވެސް އެނގިވަޑައިގަންނަވާނެ ގޮތުގައި، ޒަކާތް ދިނުމަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ.

މާތް ނަބިއްޔާ (ޞޢވ) ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

އިސްލާމްކަން ބިނާވެގެން ވަނީ ފަސްކަމެއްގެ މައްޗަށެވެ. އެއީ މާތް ﷲ މެނުވީ ޙައްޤުގޮތުގައި އަޅުކަން ވެވޭ އެހެން އިލާހަކު ނުވާކަމަށާއި މުޙައްމަދު (ޞޢވ)އީ ﷲ ގެ ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ގާއިމު ކުރުމާއި، ޒަކާތްދިނުމާއި، ރަމަޟާން މަހު ރޯދަ ހިފުމާއި (ކުޅަދާނަކަން ލިބިއްޖެ މީހާ) ގެފުޅަށް ގޮސް ޙައްޖުވުމެވެ.

ޒަކާތަކީ އޭގެ ސަބަބުން މުއްސަނދިންގެ މުދަލާ މެދު ފަޤީރުންގެ ހިތްތައް ސާފުވެ، މުދަލުގެ އަހުލުވެރިންނަށް އެބައިމީހުންގެ ހެޔޮ ދުޢާ ލިބިގެން ދިޔުމުގެ ސަބަބެކެވެ. އަދި މުޖުތަމަޢުއިން ފަޤީރުކަން ފިލައި، ނިކަމެތީންގެ މޫނުމަތިން އުފާވެރިކަމާއި، ހިނިތުންވުމުގެ އަސަރުތައް ފާޅުކޮށްދޭ ކަމެކެވެ. އިސްލާމީ މުޖުތަމަޢުގައި އޮންނަންޖެހޭ އެކުވެރިކަމާއި، ރަޙުމާއި ހަމްދަރުދީގެ މަތިވެރި ސިފަ ރަމްޒު ކޮށްދޭ ކަމެކެވެ. އޭގެ ސަބަބުން އިޖުތިމާއީ ގުޅުންތައް ބަދަހިވެދެއެވެ. އަދި އެއީ އިސްލާމީ ދައުލަތުގެ ބައިތުލްމާލަށް އިޤްތިސާދީ ގޮތުން ލިބޭ ވަރުގަދަ ބާރެކެވެ.

މުދަލު ޒަކާތް ނެރުން ވާޖިބު ވަނީ މައިގަނޑު ތިން ޝަރުތެއް ހަމަވުމުންނެވެ. އެއީ މުދަލުގެ ނިޞާބު ހަމަވުމާއި، ނިޞާބު ހަމަވެ އެއަށް ހިޖުރީ އަހަރުން އަހަރެއް ފުރުމާއި، ތިމާގެ ފުރިހަމަ މިލްކުވެރިކަމުގައި އެ މުދާ ހުރުމެވެ.

މުދަލު ޒަކާތުގެ ނިޞާބަކީ ރަނުން ނަމަ 85 ގްރާމެވެ. ރިހިން ނަމަ 595 ގްރާމެވެ. ދިވެހި ރާއްޖޭގައި ނިޞާބު ބަލަނީ ރިހިންނެވެ. ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ދިވެހި ފައިސާއިން ޒަކާތުގެ ނިޞާބަށް ޖެހޭ އަދަދަށް ބަދަލު އަންނާނެއެވެ. މީހެއްގެ އަތުގައި ހުރި ނިޞާބު ހަމަވެ، ނިޞާބަށް ވުރެ މަދުނުވެ ހިޖުރީ ސަނަތުން އެއް އަހަރު ވެއްޖެ ނަމަ، އެ މުދަލުގެ ސާޅީސް ބައިކުޅަ އެއްބައި ޒަކާތަށް ނެރުން ވާޖިބުވާނެއެވެ.

ޒަކާތް ނެރުން ވާޖިބުވެފައިވާ މީހާ ޒަކާތް ނެރުން ފަސްކުޅައުން ހުއްދަވެގެނެއް ނުވެއެވެ. ވިޔަފާރިވެރިއަކު ނަމަ، ނިޞާބު ހަމަވިތޯ ބަލާނީ އަތުގައި ހުރި ފައިސާގެ ތެރެއަށް ވިޔަފާރި މުދާ ގަތް އަގު އެއްކޮށް ޖުމްލަ އަގުންނެވެ.

ކުންފުނި ހިންގާ ފަރާތުން ޒަކާތް ނުނެރޭ ނަމަ، ކުންފުނީގެ ހިއްސާދާރުން އަމިއްލައަށް އެމީހެއްގެ ހިއްސާއާއި ޒަކާތް ނެރުން ވާޖިބުވާނެއެވެ. ހިއްސާގެ އަގުން ޒަކާތް ނެރޭނީ އެއީ ގަނެވިއްކާ ހިއްސާ ކަމުގައިވާ ނަމައެވެ. އެނޫން ހިއްސާތަކުން ޒަކާތް ވާޖިބުވާނީ އެއިން ލިބޭ ފައިދާ އިންނެވެ.

އަމިއްލަ ބޭނުމަށް ދުއްވާ އޮޑި ދޯނިފަހަރާއި، ކާރާއި، ސައިކަލު އަދި ގެދޮރުން ޒަކާތް ދިނުން ވާޖިބެއް ނޫނެވެ. ނަމަވެސް އެފަދަ ތަކެތި ކުއްޔަށް ދޭނަމަ، ލިބޭ ކުލިން ޒަކާތް ނެރެން ޖެހޭނެއެވެ. ވިއްކާ ނަމަ އެ ތަކެތި އުފެއްދުމަށް ހޭދަވި މިންވަރަށް އަގުކޮށް ނިޞާބު ހަމަވާ ނަމަ، އަހަރު ފުރުމުން އެ މުދަލުން ވެސް ނިޞާބު ނެރެން ޖެހޭނެއެވެ.

ދަނޑުގޮވާމާއި މޭވާއިން ޒަކާތް ދޭން ޖެހޭނީ ފަހަށް ރައްކާ ކޮށްފައި ބެހެއްޓޭ ފަދަ އޮށްޓަރު ހުންނަ ގޮވާމުންނެވެ. ޒަކާތް ދޭން ޖެހޭ މޭވާގެ ބާވަތްތަކަކީ ކަދުރާއި މޭބިސްކަދުރެވެ. ތަރުކާރީއާއި އެހެނިހެން މޭވާގެ ބާވަތްތަކުން ޒަކާތް ދޭކަށް ނުޖެހޭނެއެވެ. އެފަދަ ބާވަތްތަކުން ޒަކާތް ދޭން ޖެހޭނީ އެ ތަކެތި ވިޔަފާރި މުދަލެއްގެ ގޮތުގައި ބޭނުން ކުރާ ނަމަ އެ ވިއްކައިގެން ލިބޭ އަގަކުންނެވެ. އެއީ ވިޔަފާރި މުދަލުން ޒަކާތް ދޭން ޖެހޭ އުސޫލުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!