އެމްޑީޕީގެ ވެރިކަމެއްގެ ވިސްނުމަކީ ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރުން: ވައްޑެ

އެމްޑީޕީގެ ވެރިކަމެއްގެ ވިސްނުމަކީ ދުނިޔޭގެ ޤައުމުތަކާ ގުޅިގެން މަސައްކަތް ކުރުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ފޮރިން ސާވިސްގެ ބިލު، ޚާރިޖީ ކޮމެޓީއިން ދިރާސާކޮށް ނިންމިގޮތުގެ ކޮމެޓީ ރިޕޯޓަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަހުސްކުރައްވަމުން މެންބަރު ވައްޑެ ވިދާޅުވީ ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން، ބޭރުގެ ގައުމުތަކާ ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. މެންވަރު ވައްޑެ ވިދާޅުވީ، ރާއްޖެއަކީ ބިމުގެ ގޮތުން ބަލާއިރު ކުޑަ ގައުމެއް ކަމަށާއި އެހެން ނަމަވެސް، ކަނޑުގެ ސަރަހައްދަށް ބަލާއިރު އަދި އިގްތިސާދީގޮތުން ބަލާއިރު ރާއްޖެއަކީ ދުނިޔޭގައި 31ވަނައަށް އެންމެ ބޮޑު ގައުމުކަމަށެވެ.
މެންބަރު ވައްޑެ އިތުރަށް ވިދާޅުވީ، ރާއްޖެއަކީ ކުޑަ ޤައުމެއް ކަމަށް ދެކިގެން އިދިކޮޅުން މަސައްކަތް ކުރަމުންދާ ކަމަށާއި ރާއްޖެއަކީ ކުޑަ ޤައުމެއްގެ ގޮތުގައި ދެއްކުމަށް ވެސް އިދިކޮޅުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މެންބަރު ވައްޑެ ވިދާޅުވީ، އިދިކޮޅުން އެހެން މަސައްކަތް ކުރި ނަމަވެސް، އެމްޑީޕީގެ ވެރިކަމެއްގައި އަމަލުކުރާނެ ގޮތާއި ގެންގުޅޭ ޚާރިޖީ ސިޔާސަތު ތަފާތުކަމަށެވެ. އެގޮތުން އެމްޑީޕީ ސަރުކާރެއްގެ ވިސްނުމަކީ މުހިންމު ހިސާބެއްގައި ރާއްޖެ އޮތްކަން ދެނެގެން، ގައުމުތަކާއި އެކީ ގުޅިގެން މަސައްކަތްކޮށް މިސަރަހައްދުން ދަތުރުކުރާ އެހެން ގައުމުތަކަށް ވެސް އަމާންވާނެ ގޮތަށް، މިހިސާބަކީ އަމާން ހިސާބެއްގެ ގޮތުގައި ބޭއްވުންކަމަށް ވެސް ވައްޑެ ވިދާޅުވިއެވެ.