ނިޔާޒް މެރުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި
2014ވަނަ އަހަރު ކ. ތުލުސްދޫގައި ވަޅިން ހަމަލާދީ މަރައިލި އެރަށު ބިޖިލީ އުފާ އަލީ ޝިހާމްގެ ގާތިލު ހަމަ އެ ރަށު ރެޑްރޯސް މުހައްމަދު ނިޔާޒް މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއިދުކޮށްފިއެވެ.
ޝިހާމް މަރާލިކަމުގެ ކުށް ސާބިތުވެ ނިޔާޒް މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އޭނާގެ ފަރާތުން އިސްތިއުނާފުކޮށްފައި ނުވާތީ އެ ހުކުމުގެ ސައްހަކަން ސާބިތު ކުރުމަށް ހައިކޯޓަށް ދައުލަތުން ހުށައެޅި މައްސަލައިގެ އަޑުއެހުމުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާއެވެ.
ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު ޝުއައިބް ވިދާޅުވީ ނިޔާޒު، ޝިހާމަށް ވަޅިން ހަމަލާ ދިނީ ގަސްތުގައި ނޫންކަމަށް ބުނެފައި ވިޔަސް ގަސްދު މަރުގައި ފުރިހަމަވާން ޖެހޭ ހުރިހާ ރުކުނެއް ޝިހާމްގެ މަރުގައި ފުރިހަމަ ވާކަމަށެވެ. އަދި ޝިހާމަށް ވަޅިން ހަމަލާ ދީފައިވާކަމަށް ނިޔާޒް އިއުތިރާފް ވެފައިވާކަމަށް ވެސް ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.
2014ވަނަ އަހަރު ހިނގި މިހާދިސާގައި ހުކުމް ތަންފީޒު ކުރުން ލަސްވާތީ ނިޔާޒް މީގެ ކުރިން ވަނީ ހުކުމް ތަންފީޒު ކުރުން އަވަސް ކުރުމަށް އެދިފައެވެ.
ޝިހާމަށް ތޫނު ހަތިޔާރުން ހަމަލާދީފައި ވަނީ އޭނާގެ ބެލުމުގެ ދަށުން ތުލުސްދޫގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ތަނަކުން ނިޔާޒް ވައްކަން ކުރިކަމަށް ޝިހާމް ބުނުމުން ބަދަލު ހިފުމުގެ ގޮތުންނެވެ. ޝިހާމަށް ނިޔާޒް ހަމަލާދީފައި ވަނީ އެ ރަށު ދުށްފަޅުގޭ ކައިރީގައި އޮންނަ ހުސް ބިން ސަރަހައްދުގައި ހުރި ގަސްތަކުގެ ތެރެއިން ގަހެއްގައި އެލުވައިލައިފައިވާ ޖޯއްޔެއްގައި އޭނާ އޮއްވައި ނިޔާޒު ބައިސްކަލެއްގައި ގޮސް، ޝިހާމްގެ މެއަށް ވަޅިއެއް ހަރައިލައިގެންނެވެ.