ސަމިޓުތަކަށް ދިޔުމުގެ ނަމުގައި ބޭކާރު ހަރަދު ނުކުރައްވާ: ޝިޔާމް
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ސަމިޓުތަކަށް ދިޔުމުގެ ނަމުގައި ބޭކާރު ހަރަދު ނުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ވ. ފެލިދޫ ގިރާ ސަރަހައްދުގެ މައްސަލައިގައި ގަރާރެއް ހުށަހަޅުއްވައިފައެވެ. އެމައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މި ދުވަސްވަރަކީ ތިމާވެށީގެ ވާހަކަ ވަރަށް ބާރަށް ދެކެވޭ ދުވަސްވަރެއް ކަމަށެވެ. ހާއްސަކޮށް ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އދ.އިން ބާއްވާ ކޮންފަރެންސް، ކޮޕް ސައްބީހުގެ ވާހަކަ މި ދުވަސްވަރު ދެކެވޭއިރު އެ ކޮންފަރެންސަށް ދިވެހި ސަރުކާރުގެ ވަފުދެއް ވެސް ވަޑައިގެން އުޅުއްވާކަން ޝިޔާމް ފާހަގަކުރެއްވިއެވެ. ޝިޔާމް ކަންބޮޑުވުން ފާޅުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ތިމާވެއްޓާ ބެހޭ ކޮމިޓީގެ މުގައްރިރަށް އެ ދަތުރުގައި ބައިވެރިވެވަޑައިގެންނެވުމުގެ ފުރުސަތު ލިބިނުލެއްވުމުންނެވެ.
"އެއީކީ އެއްވެސް ހާލެއްގަ މަޖިލީހުގެ މައްސަލައެއް ކަމަކަށް އަޅުގަނޑު ނުދަންނަވަން. އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ މިވަރުގެ ބޮޑު ޑެލިގޭޝަންތަކާ އެކީގައި ގައުމުތަކަށް ވަޑައިގަންނަވާއިރުގަ އެކަންތައްތަކުގައި ހަރަކާތްތެރިވާ ފަރާތްތައް ދެނެނުގަނެ އެތަނުން މީހެއް މިތަނުން މީހެއް އެހެރަ ތަނުން މީހެއް ގޮވައިގެން ދިޔައީމަ އިއްޒަތްތެރި ރައީސް ދިވެހިރާއްޖޭގެ ހާލަތު އޭގެ އެންމެ ފުރިހަމަ ގޮތުގަ ބަޔާންކޮށްދެވޭނެ ކަމަކަށް ވެސް އަޅުގަނޑު ގަބޫލެއް ނުކުރަން އަދި އެންމެ ފުރިހަމަ މަސައްކަތްތަކެއް ކުރެވޭނެ ކަމަކަށް ވެސް އަޅުގަނޑު ގަބޫލެއް ނުކުރަން" ޝިޔާމް ވިދާޅުވިއެވެ.
ކޮޕް ސައްބީހުގައި މި އަހަރު ހާސިލްކުރަން ބޭނުންވާ ހަތަރު ކަމެއް ފާހަގަކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ކަމަކީ ފައިސާ ހޯދުންކަމަށް ޝިޔާމް ވިދާޅުވިއެވެ. ބޮޑެތި ގައުމުތަކުން 100 ބިލިއަނުން ފައިސާ ހޯދަން އަމާޒު ހިފާފައިވީ ނަމަވެސް ހަމައެކަނި މަގްސަދަކީ އެ ފައިސާ ހޯދުންކަމަށް ވާން ނުޖެހޭކަމަށް މެމްބަރު ވިދާޅުވިއެވެ. ޝިޔާމް ވަނީ މަޖިލީހުގެ ތިމާވެއްޓާ ބެހޭ ކޮމިޓީގެ މުގައްރިރު ކޮޕް ސައްބީހަށް ފޮނުވުމަށް ގޮވައިލައްވައިފައެވެ.
ދަތުރުތަކުގައި ސަރުކާރުގެ ވަފުދުގައި ކަމާ ނުގުޅޭ ބޭބޭފުޅުން ވަޑައިގަންނަވާކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ ބައެއް ބޭފުޅުން ވަޑައިގަންނަވަނީ ރައީސް ހުންނަވާ ފޮޓޯގެ މެދުގައި ހުންނެވުމަށްކަމަށެވެ. މިފަދަ ދަތުރުތަކުގެ ހަރަދު ދިވެހި ރައްޔިތުންގެ ފައިސާއިން ހޭދަކުރާއިރު އެފައިސާ ހޭދަކުރަނީ ރަނގަޅަށްކަން ޔަގީން ވާންޖެހޭކަމަށް ޝިޔާމް ވިދާޅުވިއެވެ.
"އަދި ކުޑަކުޑަ ހަރަދަކުން ފަރުޖައްސާލެވެން އޮންނަ ކަމެއް ބޮޑު ސިންގާ ހޭދައެއް ކޮށްގެން ތިބޭކަށް ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ އިއްޒަތްތެރި ރައީސް" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމްގެ ވާހަކަފުޅު ދެން ގެންދެވީ ހިޔާ މަޝްރޫއުއާއި ގުޅޭ ގޮތުންނެވެ. އެގޮތުން އެފްލެޓުތަކަށް ބޮޑު އިންޓަރެސްޓް ރޭޓެއް ނަގަން ސަރުކާރުން ނިންމި ނިންމުމާ ގުޅޭގޮތުން ޝިޔާމް ވާހަކަ ދައްކަވައި އެކަން ކުށްވެރި ކުރެއްވިއެވެ. ޝިޔާމްގެ މި ވާހަކަފުޅާ ގުޅިގެން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ނިޒާމީ މައްސަލައެއް ނަންގަވައި މައުޝޫއާ ނުގުޅޭ ވާހަކަ ދައްކަވާތީ އެކަން ރިޔާސަތުގެ ސަމާލުކަމަށް ގެންނެވިއެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޝިޔާމް އެކަމާ މެދު ވިސްނަވައިލެއްވުމަށް އެދިވަޑައިގެންފައެވެ.
ޝިޔާމްގެ ވާހަކަފުޅު އިތުރަށް ކުރިއަށް ގެންދަވަމުން ވިދާޅުވީ ދައްކަވަމުން ގެންދަވަނީ ފެލިދޫ ގިރާ ސަރަހައްދުގެ މައްސަލައިގެ ގަރާރާ ގުޅުންހުރި ވާހަކަތަކެއް ކަމަށެވެ. އެގޮތުން ފައިސާއަކީ މިއިން ކޮންމެ މައްސަލައަކާ ވެސް ގުޅުންހުރި ކަމެއްކަމަށާއި ސަމިޓުތަކަށް ވަޑައިގަންނަވާއިރު ބޭކާރު ގޮތުގައި ބޮޑެތި ހޭދަ ނުކުރައްވަން ޝިޔާމް ގޮވައިލެއްވިއެވެ.
ކޮޕް ސައްބީހުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުންނާއި އެހެނިހެން ވެސް ދައުލަތުގެ އިސްވެރިން މީގެ ދެ ދުވަސް ކުރިން ވަނީ ދުބާއީއަށް ވަޑައިގެންފައެވެ. މި ވަފުދުގައި 200އެއްހައި ބޭފުޅުން ހިމެނިވަޑައިގަންނަވާކަމަށް މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޝިޔާމް ވިދާޅުވިއެވެ.
ތިޔަ ވިދާޅުވަނީ ވަރަސް ބޮޑު ތެދުފުޅެކެވެ.
ހިޔާ ފްލެޓް ފިނިޝިން ނިންމާދެއްވާ. ޕްލީޒް ނަމާ އެއްފަދަ ސުލޯ ރައީސް