ބޮލީވުޑްގެ ބައެއް އެކްޓަރުންގެ ކިބައިގައި ހުރި ތަފާތު އާދަތަކެއް

އެހެން މީހުންނެކޭ އެއްފަދައިން މަޝްހޫރު ތަރިންނަކީ ވެސް އެމީހުންގެ ކިބައިގައި ވަރަށް ތަފާތު އާދަތަކެއް އަށަގެންފައިވާ ބައެކެވެ.
އެކަން ބޮލީވުޑްގެ މަޝްހޫރު ބައެއް ތަރިން ވެސް ވަނީ ސާބިތު ކޮށްދީފައެވެ. އެގޮތުން ބޮލީވުޑްގެ ބައެއް ތަރިންގެ ކިބައިގައި ހުރި ތަފާތު، އަދި ނުހުއްޓުނު އާދަތަކެއް މި ލިޔުމުގައި ހިމަނައިލާނަމެވެ.

▪︎ ހަރުފައަކީ ވަރަށް ބިރުވެރި އަދި އެހާމެ ނުރައްކާތެރި އެއްޗެއްތާދޯއެވެ. ނަމަވެސް ބޮލީވުޑްގެ އެކްޓްރެސް ސުޝްމީތާ ސެން އެކަމާ ދޭތެރޭ ދެކޭ ގޮތް މުޅިން ތަފާތެވެ. އޭނާ ހުންނަނީ ހަރުފައެއް ފެނިއްޖިއްޔާ މޮޔަވެފައޭ ބުންޏަަސް ދޮގަކަށް ނުވެއެވެ. ސުޝްމީތާގެ ގޭގައި ޕެޓެއްގެ ގޮތުގައި ވެސް އޭނާ ގެންގުޅެނީ ބޮޑު ޕައިތަންއެކެވެ.
ހަރުފަ ގެންގުޅުމުގެ އިތުރުން ސުޝްމީތާ ދެން އެންމެ ކުރާ ހިތްވާ އެއް ކަމަކީ އޭނާގެ ގޭގައި ހުންނަ އޯޕަން ޓެރެސްގައި ފެންވެރުމެވެ. އެގޮތުން އެތަނުގައި ފެންވަރަން ބިލިގާއެއް ވެސް ބަހައްޓައިފައި ހުންނަ ކަމަށް ސުޝްމީތާ ބުނެފައިވެއެވެ.

▪︎ މަޝްހޫރު އެކްޓްރެސް ޕްރިޔާންކާ ޗޯޕްރާ ޖޯނަސް އެންމެ ކުރާ ހިތްވާ އެއް ކަމަކީ ތަފާތު އެކި ވައްތަރުގެ ބޫޓު ގަތުމެވެ. އެގޮތުން އޭނާ އަތުގައި މިހާރު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޯދައިފައި ހުރި ވަރަށް ގިނަ ޑިޒައިނަރ ބޫޓު ހުރި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
▪︎ އެކްޓްރެސް ރާނީ މުކަރްޖީ ގެންގުޅެނީ ސިއްޙަތަށް ގެއްލުންދޭ އާދައެކެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި ރާނީއަކީ ވަރަށް ގަދަޔަށް ސިނގިރޭޓު ބޯ މީހެކެވެ. ފިރިމީހާގެ އެދުމުގެ މަތިން އެކަން ހުއްޓައިލާން މަސައްކަތް ކުރި ނަމަވެސް، އަދި އެކަން ވެފައި ނުވާ ކަމަށް ރާނީ ބުނެއެވެ.

▪︎ މަޝްހޫރު އެކްޓަރު ސަލްމާން ޚާން ގެންގުޅެނީ ވަރަށް ވެސް ހައިރާން ކުރުވަނިވި އާދައެކެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި ސަލްމާން ޚާން ވަރަށް ކުރާ ހިތްވާ އެއްކަމަކީ އެކި ވައްތަރުގެ ސައިބޯނި ހޯދުމެވެ. އެގޮތުން އޭނާގެ ގޭގައި ތަފާތު އެކި ކަހަލަ ސައިބޯނި ހުންނަ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
▪︎ މަޝްހޫރު އެކްޓްރެސް ކަރީނާ ކަޕޫރް ޚާންއަށް އެންމެ އުނދަގޫ އެއް ކަމަކީ ނިޔަފަތި ނުކައި ހުރުމެވެ. ފިލްމުތަކުގައި އެކްޓު ކުރާއިރު ކަރީނާގެ އެ އާދަ ނުފެނުނަސް، އާންމު ދިރިއުޅުމުގައި އުޅޭއިރު އޭނާއަކީ ވަރަށް ނިޔަފަތި ކާ މީހެއް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
▪︎ ކާން އިންނައިރު ޝާހްރުކް ޚާންގެ ފޮޓޯ ނެގުން އޭނާއަށް ކަމަކު ނުދެއެވެ. ނަމަވެސް ޝާހްރުކް ޚާންއަކީ ވަރަށް ގޭމް ކުޅޭ ހިތްވާ މީހެކެވެ. އޭނާގެ ގޭގައި އެއް ފަންގިފިލާ އެއްކޮށް ހާއްސަ ކޮށްފައި ވަނީ ގޭމް ކުޅުމަށެވެ.

▪︎ ސައިފް ޢަލީ ޚާންގެ ގޭގައި ހުންނަނީ އާދައިގެ ފާޚާނާއެއް ނޫނެވެ. ފޮތް ކިޔުމަށް ފޯރި ހުންނަ ސައިފް އޭނާގެ ކޮޓަރީގެ ފާޚާނާ ތެރޭގައި ވެސް ހުންނަނީ ލައިބްރަރީއެއް ހަދައި، އެކި ކަހަލަ ފޮތްތައް ވެސް ބަހައްޓައިފައެވެ. އޭގެ އިތުރުން އެ ފާޚާނާ ތެރޭގައި ފޯނެއް ވެސް ހުރެއެވެ.