ޚަބަރު ސިޔާސީ

"މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ނަމުގައި އަންނަ ހުކުރުގައި ވެސް އިދިކޮޅުން މަގުމައްޗަށް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އިދިކޮޅުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

"މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ނަމުގައި އަންނަ ހުކުރު ދުވަހު ވެސް އިދިކޮޅުން ހިނގާލުމެއް ބޭއްވުމަށް ނިންމައިފިއެވެ.

Ads by Hajj Corporation

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ މި ހިނގާލުމުގައި ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމަށާއި، މިނިވަންކަމާ ދެކޮޅަށް ހަދާފައިވާ އެއްބަސްވުންތައް ބާތިލް ކުރުމަށް ގޮވާލާނެ ކަމަށާއި މިހިނގާލުމަކީ ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދާނެ ހިނގާލުމެއް ކަމަށެވެ.

އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00ގައި ޕީޕީއެމް އޮފީސް ދޮރުމަތިން ފަށާ މި ހިނގާލުމުގައި ބައިވެރިވުމަށް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްލާމް ދީނަށް ލޯބިކުރާ ހުރިހާ ރައްޔިތުންގެ ކިބައިން އެދޭކަމަށް އިދިކޮޅުން ބުނެއެވެ.

ރާއްޖޭގައި ތިބި އިންޑިޔާގެ ސިިފައިން ބޭލުމަށް ގޮވައިލައި މިދިޔަ ހުކުރު ދުވަހު ވެސް އިދިކޮޅުން ވަނީ މަގުތައް މައްޗަށް ނުކުމެ މުޒާހަރާކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހުގެ ހަވީރު ބޭއްވި މި ހިނގާލުމުގެ ބައިވެރިންނާ ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުﷲ އަބްދުއްރަހީމް (އަދުރޭ) ވިދާޅުވީ ރާއްޖޭގައި އިންޑިޔާ ނުވަތަ އެ ނޫން ވެސް ބޭރުގެ އިސްތިއުމާރީ ބާރެއް ރާއްޖޭގައި ޤާއިމުވެ ތިބުމަކީ ދިވެހިން ޤަބޫލުކުރާ ކަމެއް ނޫން ކަމަށާއި، އެކަން އެދުވަހުގެ ހިނގައިލުމުގައި ބައިވެރިވި މީހުންގެ އަދަދުން ސާބިތުވާ ކަމަށެވެ. އަދި އިންޑިއާ ސިފައިން ބާލަން ގޮވައިލާ ހަރަކާތް ދެން ހުއްޓުވައި ނުވެލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!