އެއް ރަށުން އަނެއް ރަށަށް މީހުން ބަދަލުކުރުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން: އަސްލަމް
ރާއްޖޭގެ ކުދި ރަށްތަކުގައި ކުޑަ އާބާދީތަކާ އެކު ދިރިއުޅޭ ރައްޔިތުން އެއްރަށުން އަނެއްރަށަށް ބަދަލު ކުރުމަކީ ސަރުކާރުގެ ވިސްނުމެއް ނޫންކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިއަދު މިނިސްޓަރ އަސްލަމް ހާޒިރުވެވަޑައިގަތުމުން، މިނިސްޓަރާ ސުވާލު ކުރަން ދިން ފުރުސަތުގައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ސުވާލު ކުރެއްވީ ކުޑަ އާބާދީތަކުގައި ތިބި ރައްޔިތުން އެހެން ރަށްތަކަށް ބަދަލު ކުރުމުމުގެ ވިސްނުން ގެންގުޅުއްވަންތޯއެވެ.
އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ މިސަރުކާރުން އެއްވެސް ރަށެއްގެ ރައްޔިތުން އެއްރަށުން އަނެއް ރަށަށް ބަދަލު ކުރުމުގެ ވިސްނުމެއް ނުގެން ގުޅޭކަމަށެވެ.
މިނިސްޓަރ އަސްލަމް އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުދި ތަކުގައި ދިރިއުޅޭ ރަށްޔިތުންނަށް ވެސް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ވަސީލަތްތަކާއި، އާމްދަނީ ހޯދޭނެ ގޮތް ފަހި ކުރުންކަމަށެވެ. އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމް ކުރުމަކީ ސަރުކާރުގެ ވައުދެއް ކަމަށާއި މީގެ ތެރެއިން މިހާރު މަސައްކަތް ހަވާލު ނުވެ ވަނީ މަދު ރަށެއްކަން ވެސް ޕްލޭނިންގ މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރައްވައިފައިވެއެވެ.
"ރާއްޖޭގެ ކުޑަ އަބާދީތަކަކީ އެރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ރަށުގައި ތިބެގެން ބޮޑެތި މަންފާތަކެއް ލިބޭނެ ވަރުގެ ގުދުރަތީ ވަސީލަތްތަކާއި، ހިތްގައިމު މާހައުލެއް އޮތް ރަށްތަކެއް" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
މީގެ އިތުރުން ވަކިވަކި ރަށްތަކުގެ މިސާލު ނަންގަވަމުން މިނިސްޓަރ ވިދާޅުވީ އއ.އުކުޅަހާއި، ކ.މާފުއްޓާއި، އަދި އެ ނޫން ވެސް ރަށްތަކަކީ މީގެ ކުރިން މާބޮޑު ކަމެއް އިޤްތިޞާދެއް ނެތް ރަށްތަކެއްގެ ގޮތުގައި ފާހަގަވީ ނަމަވެސް މިއަދު ފުދުންތެރިކަން އެންމެ ބޮޑު، އަދި އެންމެ ބޮޑު އިޤްތިޞާދެއް އޮތް ރަށްތަކުގެ ގޮތުގައި އެ ރަށްތައް ފާހަގަވާކަމަށެވެ.