ރާއްޖޭ ކުޅިވަރު ފުޓްބޯޅަ

ފަހަތުން އަރައި ލަންކާ، ރާއްޖެއާ އެއްވަރު ކުރީ ފަރުވާ ކުޑަކޮށްލެވުމުން: އަކްރަމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މަހިންދަ ރާޖަޕަކްސަ ޓްރޮފީ ފޯ ނޭޝަންސް ކަޕްގައި 4-4ގެ ނަތީޖާއަކުން ލަންކާއިން ރާއްޖެ ހިފެހެއްޓީ ފަރުވާ ކުޑަކޮށްލެވުމުން ކަމަށް ޤައުމީ ޓީމްގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ ބުނެފިއެވެ.

Ads by Hajj Corporation

ފޯ ނޭޝަންސް ކަޕްގައި ރާއްޖެ ބައްދަލު ކުރި ފުރަތަމަ މެޗްގައި ރާއްޖެއިން ވަނީ މެޗުގެ ފުރަތަމަ 58 މިނެޓްގައި ހަތަރު ގޯލް ޖަހައިފައެވެ. ލަންކާއިން ފަހަތުން އަރައި ރާއްޖެއާ އެއްވަރު ކުރީ، އޭގެ ފަހުން ހަތަރު ގޯލް ކާމިޔާބުކޮށްގެނެވެ. ލަންކާގެ ހަތަރު ގޯލް ވެސް ކާމިޔާބުކޮށްދީފައި ވަނީ ވަސީމް ރަޒީކެވެ.

މާދަމާ ބަންގާޅާ ދެކޮޅަށް ރާއްޖެ ނިކުންނަ މެޗުގެ ކުރިން މިއަދު ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަމުން އަކްރަމް ބުނެފައި ވަނީ، މެޗުގެ ނަތީޖާއާ މެދު އުޒުރެއް ދައްކަން ބޭނުން ނުވާ ކަމަށާއި މެޗު ގެއްލިގެން ދިޔައީ ކުޅުންތެރިން ފަރުވާ ކުޑަކޮށްލުމުން ކަމަށެވެ. އަކްރަމް ބުނީ އިތުރު ތިން، ހަތަރު ގޯލް ޖެހުމުގެ ފުރުސަތު ވެސް ރާއްޖެއަށް ލިބުނު ކަމަށާއި ނަމަވެސް ފުރުސަތުގެ ބޭނުން ނުހިފުނު ކަމަށެވެ.

"ވަކި މީހެއް ނޫން އަޅުގަނޑު ވެސް ހިމެނޭހެން ދަނޑުމަތީގައި އެ ވަގުތު ތިބި ކުޅުންތެރިންގެ ފަރުވާ ކުޑަކަމާއި ކޮންސަންޓްރޭޝަން ގެއްލިގެން ވީ ކަމެއް" އަކްރަމް ބުންޏެވެ.

އެންމެ ފަހުން ސާފް ޗެންޕިއަންޝިޕްގައި ރާއްޖޭގެ ޓީމު ވަނީ 2-0ގެ ނަތީޖާއަކުން ބަނގްލަދޭޝް ބަލިކޮށްފައެވެ. ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު ރާއްޖޭ ގަޑިން 15:30ގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!