މިނިވަންކަން ދިފާއުކުރަން ދިވެހިން ތިބީ ރެއާ ދުވާލު ނުނިދާ ތިބެން ތައްޔާރަށްކަމަށް އިދިކޮޅު ކޯލިޝަނުގެ އެކްޓިން ލީޑަރ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
"މިނިވަންކަމުގެ ދިފާއުގައި" މި ނަމުގައި އިދިކޮޅުން މިއަދު ކުރިއަށް ގެންދިޔަ ހިނގާލުމުގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ރައްޔިތުންގެ މި ހަރަކާތް ކިތަންމެ ވަރަކަށް ހުއްޓުވަން އުޅުނަސް ދެން ނުހުއްޓޭނެ ކަމަށާއި އެއްދުވަހުން އަނެއްދުވަހަށް މިހަރަކާތް ދާނީ ފުޅާވަމުން ކަމަށެވެ.
"ރައްޔިތުން ނިންމާނީ ގާނޫނޫ އަސާސީން ރައްޔިތުންނަށް ލިބިދޭ ބާރުތައް ހޯދައިފައި އެބާރުގެ ބޭނުންކޮށްގެން ދިވެހި ރާއްޖޭގެ މިނިވަންކަން ދިފާއު ކޮށްފައި. މާތްވެގެންވާ އިސްލާމް ދީން ހިމާޔަތްކޮށްފައި. ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދީފައި" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ މިއަދުގެ އެއްވުމުން މިއަދުގެ ސަރުކާރާ ދޭތެރޭގައި ރައްޔިތުންގެ ހިތްހަމަނުޖެހުން އެބައޮތްކަން އެނގިގެން ދާނެކަމަށެވެ. އަދި މިވެރިކަން ބަދަލު ކުރުމަށް ރައްޔިތުން ފުރާނައިން ވެސް އަގު ދައްކަން ތައްޔާރަށް ތިބިކަމަށް ވިދާޅުވިއެވެ.
"ރައްޔިތުން ބޭނުން ވަނީ މިއަނިޔާވެރި މި ޣައްދާރު މި ލާއިންސާނީ ސަރުކާރު ބަދަލު ކުރަންކަން. ރައްޔިތުން ކޮންމެ އަގެއް ދީގެން ނަމަވެސް އެއީ އެބައިމީހުންގެ ފުރާނައިގެ އަގު ދައްކައިގެން ކަމަށް ވިޔަސް އެ އަގު ދައްކައިގެން ދިވެހިރާއްޖޭގެ މިނިވަންކަމާއި މާތްވެގެންވާ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލު ރައްކާތެރިކޮށް ދަމަހައްޓާނެކަން އެއީ ޝައްކެއް ވެސް ހުރި ކަމެއް ނޫން." އަދުރޭ ވިދާޅުވިއެވެ.
މިއަދުގެ ހިނގާލުމުގައި އަދުރޭ ވަނީ ރައްޔިތުންގެ އަޑުއެއްސެވުމަށް ރައީސްއާއި ސަރުކާރަށް ތަކުރާރުކޮށް ގޮވައިލައްވައިފައެވެ، މިގޮތުން އަދުރޭ ވިދާޅުވީ އަމިއްލަ އެދުމަށް ޓަކައި ދިވެހިންގެ ދިވެހި ގައުމު ގުރުބާން ނުކުރެއްވުމަށާއި އަމިއްލަ އެދުމަށް ޓަކައި އިސްލާމް ދީން ގުރުބާން ނުކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާއަށް ގޮވައިލައްވާ ކަމަށެވެ.