ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ބާއްވަނީ

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އިސްތިއުނާފު މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި ބާއްވަން ތާވަލުކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އަޑުއެހުމަކީ ވަކީލުންގެ ފަރާތުން ހުށަހެޅި ކަމަކާ ގުޅިގެން މަޢުލޫމާތެއް ސާފު ކުރުމަށް ބާއްވާ އަޑުއެހުމެކެވެ.
ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަކާއި 5 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 28 ނޮވެމްބަރު 2019ގައެވެ.
ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ނޮވެމްބަރު 2019ގައި ކްރިިމިނަލް ކޯޓުން ހުކުމްކުރީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑާކުރުމުން ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކަނޑައެޅުމާ އެކުގައެވެ.