ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ނ. ވެލިދޫ ކައުންސިލާއި ބައްދަލުކުރައްވައި ކައުންސިލަރުންގެ ހުރި ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީއަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު ހޯއްދަވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއާ ގުޅުންހުރި އެކި ކަންކަމާ ބެހޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ރައީސްއާ އެކު މަޝްވަރާކުރައްވައިފައެވެ.
ކައުންސިލުން ވަނީ މި ބައްދަލުކުރެއްވުމުގައި ރަށުގެ ތަރައްޤީއަށް މިވަގުތަށް އެންމެ މުހިންމު ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރައްވައިފައެވެ. މިގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ޞިއްޙީ ޚިދުމަތް އިތުރަށް ތަރައްޤީ ކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ބަނދަރު ހަލާކުވުމާއި ރަށް ގިރުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި ދިރިއުޅުމަށާއި އެހެނިހެން ބޭނުންތަކަށް ވެސް ބިން ދޫކުރުމުގައި ހުރި ދަތިކަމުގެ އިތުރުން ސްކޫލަށް އިތުރުކުރެވޭ ކްލާސްރޫމްތަކުގެ މަސައްކަތާއި ފުޓުބޯޅަ ދަނޑުގެ މަސައްކަތް ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވައިފައެވެ. އަދި ކައުންސިލަރުން ކަންބޮޑުވުން ފާޅުކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ތެރެއިން ހައްލު ހޯދައިދެވެންހުރި ކަންކަމުގައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ކައުންސިލަށް ދެއްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް ވެސް ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.