ރާއްޖެ ބަނގުރޫޓުވުމުގެ ބިރުއޮތް: އިދިކޮޅު
ރައްޔިތުންގެ މަޖިލީހުން 2022ވަނަ އަހަރަށް ފާސްކުރި ބަޖެޓަކީ ރާއްޖެ ބަނގުރޫޓު ވުމުގެ ބިރުއޮތް، ރައްޔިތުން ނިކަމެތިވެ ދަރީންގެ ދަރީންގެ ބޮލުގައި ބޮޑު ދަރަންޏެއް އެޅިގެންދާނެ ބަޖެޓެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
އެ ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މިބަޖެޓަކީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ރޭވިފައިވާ ބަޖެޓެއް ކަމަށެވެ. އަދި 9.1 ބިލިއަން ރުފިޔާގެ ދަރަނި މި ބަޖެޓަކީ މިހައިތަނަށް ހުށައެޅިފައިވާ ބަޖެޓްތަކުގެ ތެރެއިން އެންމެ ދަރަނި ބޮޑު ބަޖެޓު ކަމަށާއި މި ވެރިކަމުގެ 5 އަހަރު ނިމޭއިރު ދިވެހި ދައުލަތުގެ ދަރަނި ހުންނާނީ 100 ބިލިއަން ރުފިޔާއަށް ވުރެ މަތީގައި ކަމަށް ބަޔާނުގައި ވެއެވެ. އަދި ލިބެން ހުރި ހިސާބުތަކަށް ބަލައި މިހާތަނަށް ލަފާ ކުރެވޭ ގޮތުގައި މި ވެރިކަމުގެ 5 އަހަރު ދުވަހުގެ މުއްދަތުގައި ދައުލަތުގެ ދަރަނި 50 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެގެންދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން، ދައުރު ނިމޭއިރު ޖީޑީޕީގެ ނިސްބަތުން ދިވެހި ރާއްޖޭގެ ދަރަނި ހުންނާނީ 105އިން ސައްތައަށް ވުރެ މަތީގައި ކަމަށާއި ފައިސާ ޗާޕް ނުކުރުމަށް އިދިކޮޅުން ތަކުރާރުކޮށް ގޮވާލަމުން ދަނިކޮށް ވެސް ދައުލަތުގެ ޚަރަދަށް ޒިންމާވާ ޤާނޫނުގެ 32ވަނަ މާއްދާގެ (ހ)، (ރ)، އަދި (ބ) ސަސްޕެންޑު ކުރުމަށް ފަހު ސަރުކާރުން މިދިޔަ އަހަރު 4.4 ބިލިއަން ރުފިޔާ ޗާޕްކޮށްފައިވާ ކަމަށެވެ. އަދި ފައިސާ ޗާޕުކުރުމަށް ފަހު ސަރުކާރުން ބުނެފައި ވަނީ 1 އަހަރުގެ ތެރޭގައި އެ ފައިސާ އަނބުރާ ދެއްކޭނެ ކަމަށާއި ނަމަވެސް 1 އަހަރުވީ އިރު ވެސް އެފައިސާ ދައުލަތަށް ދައްކައިފައި ނުވާ ކަމަށެވެ.
ސަރުކާރުގެ ހިންގުމުގެ ޚަރަދު ފޫބައްދަން މިގޮތަށް ފައިސާ ނެގުމަކީ ރާއްޖޭގެ އިޤްތިސާދަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށް މަރުކަޒީ ބޭންކުންނާއި އިޤްތިސާދީ މާހިރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނިކޮށް ގަވަރުނަރުގެ ބާރާއި މިނިވަންކަމަށް އަރައިގަނެ ކުރިން ޗާޕުކުރަން ނިންމައިފައިވާ 4.4 ބިލިއަން ރުފިޔާގެ އިތުރަށް، އަނެއްކާ ވެސް ސަރުކާރުން 2.5 ބިލިއަން ރުފިޔާ ޗާޕުކުރުމުގެ ހުއްދަ 2023ވަނަ އަހަރުގެ ޑިސެމްބަރުމަހާ ހަމައަށް ހޯދާފައިވާ ކަމަށާއި ޖުމްލަ 6.9 ބިލިއަން ރުފިޔާ ޗާޕުކުރާ ފައިސާގެ ގޮތުގައި ހިމެނޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
އެއާއެކު ކުރިން ދައްކަން ހުރި ފައިސާ ބޮންޑަކަށް ބަދަލު ނުކުރައްވާނެ ކަމަށް ފިނޭންސް މިނިސްޓަރ ވަރަށް ޔަގީންކަމާ އެކު މަޖިލިސްގައި ވިދާޅުވެ، މިހާރު އެ ފައިސާ (4.4 ބިލިއަންއަކީ 50 އަހަރުން ދައްކަން ޖެހޭ ލޯނަކަށް ބަދަލުކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން މިހާރު ވެސް ގޯސްވެފައިވާ އެކްސްޗޭންޖް މާކެޓުގައި ޑޮލަރުގެ އަގު އިތުރަށް މަތިވެ، ތަކެއްޗާއި ޚިދުމަތުގެ އަގު ބޮޑުވެ، ވިޔަފާރިތަކަށް ހީވެސް ނުކުރާ ފަދަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެ ބަޖެޓަކީ ރައްޔިތުން ނިކަމެތި ކޮށްލުމަށް ފަހު 2023ގެ ރިޔާސީ އިންތިޚާބަށް ސަރުކާރުން ބޭނުންވާގޮތަށް ސިޔާސީ ކަންކަންކޮށް ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ރޭވިފައިވާ ބަޖެޓެއް ކަމަށާއި ބަޖެޓްގައިވާ ފައިސާގެ އިސްރާފުގެ ބޮޑުބައެއް ޚަރަދު ކުރުމަށް ރާވައިފައި ވަނީ އެމްޑީޕީގެ ވެރިންނާއި ސިޔާސީ ވަޒީފާތަކާއި މިފަދަ ނާޒުކު ހާލަތެއްގައި އުފައްދަން ނުޖެހޭ ބޮޑެތި ޚަރަދު ހިނގާ ސިޔާސީ އަދި ސިޔާސީ ނުފޫޒު ފޯރުވާފަދަ އިދާރާތައް އިތުރުކޮށްގެންކަން ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.