އައު ވޭރިއަންޓަކީ ކަންބޮޑުވާ ވަރުގެ ވޭރިއަންޓެއް، އޯމިކްރޮންގެ ނަން ދީފި

ދެކުނު އެފްރިކާއިން ފެނުނު ކޮރޯނާ ވައިރަހުގެ އައު ވޭރިއަންޓާ ގުޅިގެން ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން އިންޒާރު ދީ، އަވަސް ފިޔަވަޅުތަކެއް އެޅުމަށާއި ސަމާލުވުމަށް އަންގައިފިއެވެ.
B.1.1.1.529 މި ވޭރިއަންޓަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ދީފައިވާ ނަމަކީ އޯމިކްރޯންއެވެ. ކޮވިޑް-19 ވޭރިއަންޓްތަކަށް ޑަބްލިއުއެޗްއޯއިން ދަނީ ގްރީކް އަކުރުތަކުން ނަންދެމުންނެވެ. މިވަގުތު އެ ގައުމުގައި އެންމެ ގިނައިން ފެތުރެނީ އިންޑިއާއިން ފުރަތަމަ ފެނުނު ޑެލްޓާ ވޭރިއަންޓެވެ.
އެ ޤައުމުން މި ވޭރިއަންޓްގެ ސަތޭކައެއްހައި ވޭދަނަ ފެނިފައި ވެއެވެ. އޭގެ ތެރެއިން ގިނަ ވޭދަނަތައް ފެނިފައިވަނީ ޖޮހަނަސްބާރގް އަދި ޕްރިޓޯރިއާގައި އޮންނަ އެ ޤައުމުގެ އެންމެ އާބާދީ ބޮޑު ޕްރޮވިންސް ކަމަށްވާ ގައުޓެންގްއިންނެވެ.
ކޮވިޑް-19ގެ އައު ވޭރިއަންޓްގައި މިއުޓޭޝަންގެ ވަރަށް އާދަޔާ ޚިލާފު ކޮންސްޓަލޭޝަންއެއް އެކުލެވިގެންވާ ކަމަށް ސައިންވެރިން ބުނެއެވެ. މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ފޫއަޅުވައިލެވޭ ފަދަ ވޭރިއަންޓެއް ކަމަށާއި މިހެންކަމުން، ބަލި ޖެހޭ މިންވަރު އިތުރުވާނެ ކަމަށް މިހައިތަނަށް ހެދުނު ދިރާސާތަކުން ދައްކަައެވެ.
ދެކުނު އެފްރިކާގެ ސައިންސްވެރިން ވަނީ މި ވޭރިއަންޓްގެ ސްޕައިކް ޕްރޮޓީންއަށް 30އަށް ވުރެ ގިނަ މިއުޓޭޝަން އައިސްފައިވާކަން ދެނެގަނެފައެވެ. ސްޕައިކް ޕްރޮޓީނަކީ ކޮރޯނާ ވައިރަސް އިންސާނުންގެ ސެލްތަކަށް އިންފެކްޓްވުމަށް އެންޓްރީ ޕޮއިންޓެއް އުފެއްދުމަށް އެހީތެރިވެދޭ ބައެވެ.