ރައީސް ޔާމީން ފިއްލަވާކަށް ނޫޅުއްވާ، ހުންނަވާނީ ރައްޔިތުންނާ އެކު: އާދަމް ޝަރީފް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފިއްލަވާކަށް ނޫޅުއްވާ ކަމަށާއި އެ މަނިކުފާނު ހުންނަވާނީ ރައްޔިތުންނާ އެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިފަދައިން ވިދާޅުވީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރާއްޖެއިން ބޭރަށް ފުރުން މަނާ ކުރުމަށް މިއަދު އަމުރު ނެރުމާ ގުޅިގެންނެވެ.
ޝަރީފް ވިދާޅުވީ ރައީސް ޔާމީން ފިއްލާވަކަށް ނޫޅުއްވާނެ ކަމަށާއި ޖަލަށްލުމުން ވެސް ހުންނެވީ ރާއްޖޭގައި ކަމަށެވެ. އަދި ދެން ވެސް ހުންނަވާނީ ރައްޔިތުންނާ އެކު ކަމަށާއި ދައުލަތުގެ މުއައްސަސާތަކުން މުސްތަގިއްލު ކަމާއެކު ވާޖިބު އަދާކޮށް، އަދާލަތާއި ހަމަޖެހުން ދެމެހެއްޓުމަށް މަސައްކަތް ކުރެއްވުމަށް އާދަމް ޝަރީފް ވަނީ ގޮވައިލައްވައިފައެވެ.
ރައީސް ޔާމީން ،ރާއްޖެއިން ބޭރަށް ފުރުން މަނާ ކުރުމުގެ ހުއްދައަކަށް ކްރިމިނަލް ކޯޓުގައި ފުލުހުން މިއަދު އެދުނީ ގއ. ވޮޑަމުލާ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އިއްވައިފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކުރުމާ ގުޅިގެންނެވެ.