ޚަބަރު އިޖުތިމާޢީ

ޖިންސީ ކުށުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކަށް ޖަމިއްޔާތަކުން މަރުހަބާ ކިޔައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ޖިންސީ ކުށުގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ މުހިންމު އިސްލާހުތަކަށް ގުޅިފައިވާ ޖަމިއްޔާތަކުން މަރުހަބާ ކިޔައިފިއެވެ.

Ads by Sosun Fihaara

ރާއްޖޭގެ އެކި ޖަމިއްޔާތައް ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ކުށުގެ ވެށީގައި ޖިންސީއަނިޔާގެ އެކި ބާވަތުގެ ކުށްތަކަކީ ބޮޑެތި ޖަރީމާތަކެއްކަން ފާހަގަކުރަމުންދާތާ އަހަރުތަކެއް ވެފައިވާ ކަމަށެވެ. އަދި ޖިންސީ ކުށުގެ ޤާނޫނެއް ވުޖޫދަށް އައި ނަމަވެސް އެ ޤާނޫނުގައިވާ މާއްދާތަކުގައި ހުރި އުނިކަންތައްތަކެއްގެ ސަބަބުން އަނިޔާގެ ޝިކާރައަށްވާ ފަރާތްތަކަށް އިންސާފު ލިބުމަށް ވުރެ ނުލިބުން ގާތްކަމަކަށް ވެފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ މިކަމާ ގުޅިގެން ރައްޔިތުންނާއި މަދަނީ މުޖުތަމައުން މިކަންކަމާ ބެހޭ ގޮތުން އަޑުއުފުލައި ކެނޑިނޭޅި ކަންބޮޑުވުންތައް ފާޅުކޮށް އެކަންކަން ފާހަގަ ކުރަމުންދާ ކަމަށާއި މި ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލިހަށް ފޯރުކޮށްދެވުމުގެ ނަތީޖާއެއްގެ ގޮތުން ޖިންސީ ކުށުގެ ޤާނޫނުގައިވާ ބައެއް އުނިކަންކަމަށް އިސްލާހު ގެނައުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވި، ޖިންސީ ކުށުގެ ޤާނޫނަށް މުހިންމު އަދި ތަހުޒީބީ އިސްލާހުތަކެއް މަޖިލިހުން ގެނެސްފައިވާ ކަމަށެވެ.

އަދި އެ އިސްލާހުތައް މަޖިލިހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ދިރާސާކޮށް، މަޖިލިހުގެ އާންމު ވޯޓަށް ހުށަހަޅައި މެމްބަރުންގެ ފުރިހަމަ އަގުލަބިއްޔަތުން ފާސްކޮށްފައިވުމަކީ ޖަމްޢިއްޔާތަކުން މަރުހަބާކިޔާ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ފާސްކުރެވިފައިވާ އިސްލާހުތަކުގެ ތެރޭގައި ޚާއްސަ ގޮތެއްގައި ރޭޕްގެ ކުށާއި، ޖިންސީއަނިޔާ އަދި ޖިންސީ ގޯނާގެ ކުށް ސާފު އިބާރާތުން މާނަކުރެވިފައިވުމަކީ މުހިންމު ކުރިއެރުމެއް ކަމަށާއި ޖިންސީ ކުށްތަކާއި ރޭޕްގެ ކުށްތަކަކީ ނޭއްގާނީ އަދި ލާއިންސާނީ ބޮޑު ޖަރީމާތަކެއް ކަމަށް ޖަމިއްޔާތަކުން ފާހަގަކޮށްފައިވެއެވެ.

އަދި މިއީ އެ ޖަރީމާތަކުގެ ޝިކާރައަށްވާ ފަރާތްތައް މުޅި އުމުރަށް ސިއްހީގޮތުންނާއި އެހެނިހެން ގޮތްގޮތުން އޭގެ ޖިސްމާނީ އަދި ނަފްސާނީ ނޭދެވޭ އަސަރުތައް ދިރިއުޅުމަށް ކުރުވާ ކަމަށާއި ކައިވެނީގެ ތެރޭގައި ކުރާ ރޭޕަކީ ހުރިހާ ހާލަތެއްގައި ވެސް ރޭޕްކަމަށް ކަނޑައެޅި، ގެނެވުނު އިސްލާހުތަކުގެ ތެރޭގައި ފާސްވެގެން ދިއުމަކީ ދެކުނު އޭޝިއާގައި ވެސް މި ދާއިރާގެ ޤާނޫނުތައް ކުރިއަރައިފައިވާ އެހެން ޤައުމުތަކާ ދިވެހިރާއްޖެ އެއްހަމަވެގެން އައިސްފައިވާ ކަމުގެ ހެއްކެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ވީއެންމެ އަވަސް ފުރުސަތެއްގައި މި ޤާނޫނު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީގު ކުރައްވައި، ޖިންސީ އަނިޔާގެ ޖަރީމާއިން ދިވެހި މުޖުތަމައު ރައްކާތެރި ކުރުމަށް ޤާނޫނީ ގޮތުން ކުރެވެން ހުރި އެންމެހައި ކަންކަން ލަސްނުކޮށް ތަންފީޒީ އިދާރާތަކުން ފެނިގެން ދިއުމަކީ ޖަމިއްޔާތަކުގެ އުންމީދެއް ކަމަށެވެ.

ޖަމިއްޔާތަކުން ވަނީ ޤާނޫނުގައި މިހާރު އޮތް ކަންކަމާއި އިސްލާހު ކުރެވޭ ކަންކަން ވެސް ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކަމާ ބެހޭ މުއައްސަސާތަކުން ތަންފީޒުކުރުން އަވަސްކުރުމަށް ގޮވައިލައިފައެވެ. 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!