މާލޭގައި ސިފައިންގެ މީހަކަށް އަނިޔާ ކުރި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ ތިން މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައިގައި ހައްޔަރު ކުރީ 18 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހެއް ކަމަށެވެ. މި ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
އެންޑީއެފްގެ ސްޓާފް ސާޖެންޓުގެ މަގާމުގައި ހުރި ހަސަން ފަހީމަށް އަނިޔާ ކުރުމަށް ފަހު އެއްލައިލި މައްސަލަ ފެންމަތިވެފައި ވަނީ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.
ޙަސަން ފަޙީމް ރަހީނުކުރީ މާފަންނު އޭސް ހާޑްވެއާ ކައިރީގައި އޮންނަ ގޯޅިގަނޑަކުން އެ ރޭ 11:30 ހައިއިރު ހިނގާފައި ދަނިކޮށް ކަމަށް މަޢުލޫމާތު ލިބެއެވެ. އޭނާގެ ހަށިގަނޑުގެ ފޮޓޯތައް މީސް މީޑިއާގައި އާންމުވެފައިވާއިރު ގައިގައި އެއްޗަކުން ތަޅައިފައި ހުރިކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މީގެ ކުރިން ވިދާޅުވީ ރަހީނުކޮށްފައި ވަނީ މާލެއިންކަމަށް ނުބެލެވޭ ކަމަށެވެ. އަދި މިކަން ހިނގައިފައި ވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅުން ހުރި ޒާތީ ކަމެއްގެ ތެރެއިންކަމަށް މިހައިތަނަށް ލިބިފައިވާ މައުލޫމާތުން ބެލެވޭ ކަމަށެވެ.
މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.