ޚަބަރު

މާލެ ސިޓީ ކައުންސިލްގެ މައްޗަށް ދައުވާ ކުރާނަން: އެޗްޑީސީ

ރައުފާ ރަޝީދު ، ދެން އޮންލައިން
ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ފޮޓޯ: ރާއްޖެއެމްވީ

މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރަން ނިންމި ނިންމުމާ ގުޅިގެން އެޗްޑީސީއަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ސިޓީ ކައުންސިލުގެ މައްޗަށް ދައުވާ ކުރާނެ ކަމަަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެޗްޑީސީން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ހުޅުމާލޭގެ ބިމަކީ، އެ ކޯޕަރޭޝަނުގެ އަމިއްލަ ޚަރަދުގައި ހިއްކައި، ރަޖިސްޓަރީ ކޮށްދީފައިވާ އަމިއްލަ ބިމެއް ކަމަށެވެ. އަދި އެ ކޯޕަރޭޝަނަކީ ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ޤާނޫނުގެ 15ވަނަ މާއްދާގެ ދަށުން އުފައްދައިފައިވާ ޤާނޫނީ ގޮތުން މުދާ މިލްކުކުރުމުގެ ހައްޤު ލިބިދީފައިވާ ވަކި ޝަޚްސެއް ކަމަށާއި ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަން އެ ކޯޕަރޭޝަނަށް ލިބިދީފައިވާކަން ރަމްޒުކޮށްދޭ ބިމުގެ ރަޖިސްޓަރީ ބާޠިލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމެވި ނިންމުމަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ޙައްޤާއި، ބިމާއި ބެހޭ ޤާނޫނުގެ 24 ވަނަ މާއްދާގެ (ނ)އާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 2-56 ވަނަ މާއްދާގެ (ނ)އާ ޚިލާފަށް މާލެ ސިޓީ ކައުންސިލުން ނިންމައިފައިވާ ޤާނޫނާ ޚިލާފު، ނާތަހުޒީބީ ނިންމުމެއް ކަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 2-56ވަނަ މާއްދާގެ (ށ)ގައި ވާގޮތުން، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޢާއްމު ރައްޔިތުންނަށާއި، ސަރުކާރުގެ އިދާރާތަކަށް ދޫކޮށްފައިވާ އެންމެހާއި ވަޞީލަތްތަކާއި، ބިނާތަކާއި، ނުއުފުލޭ ހަރުމުދަލާއި، ޤައުމީ ސަލާމަތަށް ކަނޑައަޅައިފައިވާ ތަންތަނުގެ މިލްކުވެރިކަން ލިބިގެންވަނީ އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އެތަނެއްގެ މިލްކުވެރިކަން އޮތް ފަރާތަކަށް ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

މީގެ އިތުުރުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 8ވަނަ އިޞްލާޙު ގެނެވުނު އިރު، ހުޅުމާލެ ފޭސް 1 އަދި ފޭސް 2ގެ ބިން ވެސް ވަނީ އަމިއްލަ ބިމެއްގެ ގޮތުގައި އެ ކޯޕަރޭޝަނުގެ ނަންމަތީގައި ރަޖިސްޓްރީކޮށްދީފައި ކަމަށާއި ދިވެހިރާއްޖޭގެ ބިމާ ބެހޭ ޤާނޫނަށް ބަލާއިރު، ބިމުގެ މިލްކުވެރިކަމަކީ ބިމުގެ ވެރިފަރާތަށް އެބިމާ ގުޅިފައިވާ އެންމެހައި މަންފާތަކާއި، މަސްލަހަތުތަކާއި އަދި ހައްޤުތައް ލިބިދީފައިވުން ކަމަށް ވެސް އެޗްޑީސީން ވިދާޅުވިއެވެ.

އަދި، ދިވެހިރާއްޖޭގެ ބިމާ ބެހޭ ޤާނޫނާއި މިލްކުވެރިކަން ބަދަލު ކުރުމުގެ ޤާނޫނަށް ބަލާއިރު، ވަކި ފަރާތަކަށް ރަޖިސްޓަރީ ކޮށްދީފައިވާ އަމިއްލަ ބިމެއްގެ މިލްކުވެރިކަން ބަދަލުކުރެވޭނީ ޝަރުޢީ ކޯޓެއް މެދުވެރިކޮށް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރަން ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝެވެ. މިއަދު ކުރިއަށް ގެންދިޔަ ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަރީޝް ވިދާޅުވީ ހުޅުމާލެއަކީ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަނަކަށް ވާއިރު، އެތަނުގައި ރައްޔިތުން އެދޭ ކަމެއް ކުރުމުގެ ޖާގަ ނުލިބޭކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ނަރީޝް ވިދާޅުވީ އެ މައްސަލައިގައި މަޖިލީހާއި އެހެން އިދާރާތަކާ ވެސް ބައްދަލު ކޮށްފައި ވާނެ ކަމަށެވެ. ނަމަވެސް އެއްވެސް އިދާރާއަކުން އެކަމަށް ޖަވާބެއް ލިބިފައި ނުވާ ކަމަށާއި މިކަމާ ގުޅޭ އެއްވެސް މަސައްކަތެއް ވެސް ކޮށްފައި ނުވާ ކަމަށެވެ.

ނަރީޝްގެ އެ ހުށަހެޅުމާ އެކު މާލެ ސިޓީ ކައުންސިލުން އެޗް.ޑީ.ސީއަށް ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ހިމެނޭ ގޮތަށް ހަދައިފައިވާ ރަޖިސްޓްރީ ބާތިލްކުރުމަށް ފާސްކޮށްފައި ވަނީ ކައުންސިލް ބައްދަލުވުމަށް ހާޒިރުވި 12 ކައުންސިލަރުންގެ އިއްތިފާގުންނެވެ.

Ads by HDC
  1. ރައްޔިތުމީހާ

    އެޗް ޑީ ސީ އެއްކަމަކު މިގައުމުގައި ދެބޯގެރިއެއް ނުދުއްވޭނެ ދެނެއް އެޗްޑީސީ ޖެހޭނީ ސައިޒްވާން

  2. ރައްފުށު

    ތީމިހާރުު އޮންނަންޖެހޭޭ ތަނެއްކަމައްް ނުދެކެންް އެޗްޑީސީީ އަކީީ ބޭނުމަކީކޮބައިތޯޯ ސިޓީކައުންް ސިލެއްް އޮންނަންޏާާ ސިޓީކައުންސިލްް ބާރުވެރިި ކުރުވަންޖެހޭނެެ ނޫނީީ ބޭކާރުު ނަންބޯޑްތައްް ނުހަދާާ އަމިއްލަަޔައްް ކަންތައްް ކުރޭޭ ކޮންމެކަމެއްގަރައްޔިތުންް ގުބޯހެއްދިދާނެކަމައްް ހީކުރުމަކީީ މޮޔަކަމެއްް ފެއިލްް އިޒްް ފެއިލްް