ދަރީން ހެޔޮކަންތައްތަކަށް އާދަ ނުވަނީ ކީއްވެ؟
ދަރީންނަށް އެންމެ ހެޔޮ ، އެންމެ ރަނގަޅު ގޮތްވުމަކީ ކޮންމެ މައެއްގެ އަދި ބަފައެއްގެ އުއްމީދެވެ. ދެކޭ ހުވަފެނެވެ. އެ ކުދީން ހެޔޮ ގޮތުގައި ތަރުބިއްޔަތުކޮށް ހަރުދަނާ ، ފުދުންތެރި ޒުވާނުންތަކަކަށް ހެދުމަކީ މައިންބަފައިންގެ މަގުސަދެވެ.
ނަމަވެސް ދަރީން ބަސްނާހާ ވާހަކައާއި ފިލާވަޅުތައް ނުހަދައި ، ކިޔެވުމަށް ފަރުވާ ކުޑަ ކުރާ ވާހަކައަކީ މިއަދު އާންމު ވާހަކަތަކެކެވެ. ކުދީން ޤުރުއާނާ ދުރުވެ ނަމާދާ ކައިރި ނުވާ ކަމުގެ ޝަކުވާއަކީ އާންމު ޝަކުވާތަކެކެވެ.
ބެލެނިވެރީން ވިސްނަވައި ފިކުރުކުރުން ހުއްޓެވެ.
މައިންބަފައިން ކުދީންނަށް ހެޔޮ ކަންތައްތަކަށް އަމުރުކުރާއިރު އެ ކުދީން ހެޔޮކަންތަކަށް އެކުދީން އާދަ ނުވަނީ ކީއްވެ ހެއްޔެވެ؟އެއަށް ވަރަށް ބުނާއިރުގައި އެއަށް ވަރަށް ކުރުވާއިރުގައި އެ ކަންކަމަށް އާދަ ނުވަނީ ކީއްވެ ހެއްޔެވެ؟ ޤުރުއާން ކިޔަވަން ބުނެފައި މަންމަ ކިރިޔާ ވެސް އެއް ފަރާތަކަށް ޖެހިލައިފިއްޔާ ނުކިޔަވަނީ ކީއްވެގެން ހެއްޔެވެ؟
ދަރީންނަށް ގެއިން ނިކުންނައިރު ކިޔާ ދުޢާއާއި ވަންނައިރު ކިޔާ ދުޢާ ވެސް ދަސްކޮށްދިން ނަމަވެސް ، ސުވާލަކީ މިހާރު ދެ އަހަރުވީ ނުވަތަ ތިން އަހަރުވީއިރު ވެސް އެ ކުއްޖާ އެ ދުޢާ ނުކިޔަވައި އެ އުޅެނީ ކީއްވެތޯއެވެ. މިއީ ކޮންމެ މަޔަކު އަދި ބަފަޔަކު އަމިއްލަ ނަފުސާ ކުރައްވަންވީ ސުވާލެކެވެ.
މީގެ ސިއްރަކީ ކޮބައިތޯއެވެ. ކޮންމެ ކަމަކަށް ވެސް ތައުފީގު ދެއްވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. މައިންބަފައިން ނުވަތަ ދަރީންނަށް މަގު ދައްކައިދޭން ތިބޭ މީހުން އެ ދުޢާ ކިޔަމުން ގެންދޭތޯއެވެ. ކުޑަކުއްޖާގެ ޢަމަލުތައް ނުލިޔުއްވޭ ހިނދު އަދި ޢަމަލުތައް ލިޔުއްވޭނީ މައިންބަފައިންގެ ކަމަށްވީ ހިނދު ކިޔުން އަޢުލާވެގެން ވަނީ ވެސް މައިންބަފައިން ނޫންތޯއެވެ.
ފުރަތަމަ ކަމަކީ ދަރީންނަށް ނަމޫނާ ދެއްކުމެވެ. ބައްޕަ ގެއަށް ވަންނައިރު ދުޢާ ކިޔާކަން ކުއްޖާގެ ހިތަށާއި ސިކުނޑިއަށް ދެނެގަނެވުމެވެ. ނަމަވެސް ހެޔޮ ކަންތައްތަކަށް ދަރިފުޅު އާދަ ނުވެ އެކަމުގެ ޝަކުވާ ކުރާއިރު ހިތާމައަކީ މައިންބަފައިން ނަމާދުކުރާ ތަނެއް ކުއްޖާއަކަށް ނުފެނެއެވެ. އެ ދެމަފިރީން ޤުރުއާން ކިޔަވާ މަންޒަރެއް ކުއްޖާ ނުދެކެއެވެ.
ﷲ ކީރިތި ޤުރުއާނުގައި އެފަދަ މީހުންނަށް މަލާމާތުގެ ބަސް ވަޙީ ކުރައްވައިފައިވެއެވެ.
﴿2﴾ يَا أَيُّهَا الَّذِينَ آمَنُوا لِمَ تَقُولُونَ مَا لَا تَفْعَلُونَ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ތިޔަބައިމީހުން ބުނެއުޅެނީ ކީއްވެގެން ހެއްޔެވެ؟
﴿3﴾ كَبُرَ مَقْتًا عِندَ اللَّهِ أَن تَقُولُوا مَا لَا تَفْعَلُونَ
ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ބުނުން، اللَّه ގެ حضرة ގައި ނުރުއްސެވުން ބޮޑުވެގެންވެތެވެ.
﴿44﴾ ۞ أَتَأْمُرُونَ النَّاسَ بِالْبِرِّ وَتَنسَوْنَ أَنفُسَكُمْ وَأَنتُمْ تَتْلُونَ الْكِتَابَ ۚ أَفَلَا تَعْقِلُونَ
ތިޔަބައިމީހުން ފޮތް ކިޔަވަކިޔަވައި ތިބޭ حال ގައި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކުގެ މަތިން ހަނދާން ނައްތައިލައި، މީސްތަކުންނަށް ހެޔޮކަންތަކަށް أمر ކުރަނީ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟
އަޅަމެންނީ އަޅަމެންގެ ދަރީންނަށް ނަމޫނާ ދައްކާ ބައެއްކަމުގައި ލައްވާށިއެވެ. އާމީން!
(ޝައިޚް މުޙައްމަދު އިބްރާހީމް ،ނައިފަރީގެ ދަރުހަކުން)