ޚަބަރު ސަރުކާރު

އެއްމެދު ޢިމާރާތުގެ ބިލު ރައީސް ތަސްދީޤުކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އެއްމެދު ޢިމާރާތުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ތަސްދީޤުކުރައްވައިފިއެވެ.

Ads by STELCO

މި ބިލަކީ ރާއްޖޭގައި ބިނާކުރާ ޢިމާރާތްތައް އެއްމެދު ޢިމާރާތްތަކެއްގެ ގޮތުގައި ރަޖިސްޓަރީކުރުމާއި، އެއްމެދު ޢިމާރާތްތަކުގައި ހިމެނޭ ޔުނިޓުތައް ގަނެވިއްކުމާއި މިލްކުކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އެއްމެދު ޢިމާރާތްތައް ބެލެހެއްޓުމާއި ބޭނުންކުރުމުގެ އުސޫލުތައް ބަޔާންކުރުމުގެ ބިލެކެވެ.

މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި، ރާއްޖޭގައި ބިނާކުރާ ޢިމާރާތްތައް، އެއްމެދު ޢިމާރާތްތަކެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދިނުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއި އެއްމެދު ޢިމާރާތެއްގައި ހިމެނޭ ޔުނިޓުތައް، ވަކިވަކި ފަރުދުންނަށް ނުވަތަ ވަކި ފަރާތްތަކަށް މިލްކުކުރެވޭނެ ގޮތް މަގުފަހިކޮށްދީ، އެ ޔުނިޓުތައް މިލްކުވާނެ ގޮތްތައް ކަނޑައެޅުމާއި، އެއްމެދު ޢިމާރާތުގެ ބައިތަކުގައި ދިރިއުޅެ، އެ ތަންތަން ގަނެވިއްކައި، ކުއްޔަށްދީ، އަދި އެނޫންވެސް މުޢާމަލާތްތައް ކުރެވޭނެ ގޮތް މަގުފަހިކޮށްދިނުން ހިމެނެއެވެ.

އަދި އެއްމެދު ޢިމާރާތެއްގެ ގޮތުގައި ރަޖިސްޓަރީކުރާ ޢިމާރާތުގެ ބިމާއި ޢާންމު ސަރަޙައްދުތައް ބަލަހައްޓައި ބޭނުންކުރާނެ އުސޫލުތައް ކަނޑައެޅުމާއި، ބިމާއި ޢިމާރާތުގައި ހިމެނޭ ވަކިވަކި ޔުނިޓުތައް މިލްކުކުރާ ފަރާތްތަކަށް ލިބިދޭ ޙައްޤުތަކާއި، އެފަރާތްތަކުގެ ޒިންމާތައް ކަނޑައެޅުން މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ރާއްޖޭގައި ރިއަލްއެސްޓޭޓް ވިޔަފާރިތައް ފުޅާކުރުމުގެ ފުރުޞަތު ޑިވެލޮޕަރުންނަށް ހޯދައިދިނުމާއި، ހަރުދަނާ އުސޫލުތަކާއި ހަމަތަކެއްގެމަތިން އެއްމެދު ޢިމާރާތްތަކާގުޅޭ މުޢާމަލާތްތައްކޮށް، އެއްމެދު ޢިމާރާތްތައް ހިންގައި ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުން ވެސް މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އެއްމެދު ޢިމާރާތުގެ ބިލު (ބިލު ނަންބަރު 2021/33) ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވާފައެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!