އައްޑޫ ކައުންސިލްގެ ދަށުން ހުޅުދޫ މީދޫ ވަކިކުރަން ހިޔާލު ހޯދަނީ

އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އެ ސިޓީގެ ހުޅުދުއާއި މީދޫ ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އާންމުންނަށް ހުޅުވައިލައްވައިފިއެވެ.
ރޮޒެއިނާ މިއަދު ވިދާޅުވީ ހުޅުދޫއާއި މީދޫ އައްޑޫ ކައުންސިލްގެ ދަށުގައި އޮވެ، އެ ދެ ރަށުގެ ރައްޔިތުންނަށް ވަނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ބަލަން ޖެހިފައިވާ ކަމަށެވެ. ރޮޒެއިނާ ވިދާޅުވީ ކޮންމެ ނިންމުމެއްގައި ވެސް ހުޅުދުއާއި މީދޫގެ ރައްޔިތުންނަށް އެތައް ދަތިތަކާ ކުރިމަތިލާން ޖެހޭކަމުގެ ޝަކުވާ ލިބޭ ކަމަށެވެ.
އަދި އައި ކައުންސިލުން ހަވާލުވުމުން އެ ޝަކުވާތަކަށް ހައްލެއް ލިބިގެން ދާނެ ކަމަށް އެ ދެ އަވަށުގެ ރައްޔިތުން އުންމީދުކުރި ނަމަވެސް އެ ޝަކުވާތަކަށް ނިމުމެއް ނާންނަ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރޮޒެއިނާ ވިދާޅުވީ މިކަމުގައި އެ ދެ އަވަށުގެ އާންމުން ދެކޭގޮތް ބަލަން ބޭނުން ކަމަށާއި، ކައުންސިލްގެ ދަށުން އެ ދެ އަވަށް ވަކިކުރުމަށް ރުހޭ ނަމަ، އަންނަ ފެބްރުއަރީގައި މަޖިލީހުގެ މަސައްކަތްތައް ފަށާއިރު އެކަން ކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ.