ޚަބަރު ރައްޔިތުންގެ މަޖިލިސް

އޭސީސީގެ މެންބަރުން ވަކިކުރަން ކޮމިޓީން ފާސްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ/ ދެން އިމޭޖްސް

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

Ads by MWSC

މިގޮތަށް ފާސްކޮށްފައި ވަނީ ކޮމިޓީގައި ބައިވެރިވި އަށް މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ ވޯޓުންނެވެ. އެއީ އެމްޑީޕީގެ ފަސް މެންބަރުންނެވެ. އޭސީސީ މެންބަރުން ވަކި ކުރަން ފާސްކޮށް، މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ހުށަހެޅުއްވީ، އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަޙްމަދު (ހަސަންޓޭ)އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލަތް)އެވެ.

އޭސީސީގެ ފަސް މެންބަރުންގެ ތެރެއިން ދެ މެންބަރަކު، މެންބަރުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފަށައިފައި ވަނިކޮށް ވަނީ އިސްތިއުފާ ދީފައެވެ. އެއީ، އިބްރާހީމް ޝަކީލްއާއި އަލީ އަޝްރަފެވެ.

މިއަދު މަޖިލީހުގެ ކޮމިޓީން ނިންމީ، ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާއާއި، ނާއިބު ރައީސް ފާޠިމަތު އަނޫލާގެ އިތުރުން މެންބަރު ޢާއިޝަތު ޢަބްދުﷲ ވަކި ކުރުމަށެވެ.

ވަނީ އޭސީސީއަށް ޖަވާބުދާރީވާން ފަސް ދުވަހުގެ މުއްދަތެއް ދިން ނަމަވެސް، ޖަވާބުދާރީވެފައި ވަނީ މުއްދަތު ހަމަވިފަހުން ކަމަށް މިއަދުގެ ކޮމިޓީގައި މެންބަރުން ވަނީ ފާހަގަ ކުރައްވައިފަައެވެ. އަދި އޭސީސީން ފާހަގަކޮށްފައިވާ ގިނަ މައްސަލަތަކަކީ މީގެ ކުރިން ވެސް ހިއްސާކޮށްފައިވާ މައްސަލަތައްކަން މެންބަރުން ފާހަގަ ކުރެއްވިއެވެ. މިގޮތުން، މުވައްޒަފުންގެ ދަތިތަކާއި، ބަޖެޓްގެ ދަތިކަމާއި، ޕީޖީއާ އެކު އޭސީސީން އޮތް ނުތަނަވަސްކަމުގެ ވާހަކަ މީގެ ކުރިން ވެސް ހުށަހެޅި މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތް ކުރެވުނުކަން މެންބަރުން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އޭސީސީއަށް މެންބަރުން ކަނޑައެޅިތާ މިހާރު 2 އަހަރާއި ހަ މަސް ވެފައިވާކަން ފާހަގަކޮށް، އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާ ކަމަށް މެންބަރުން ފާހަގަ ކުރެއްވިއެވެ. އަދި މި ކަމުގެ ސަބަބުން ދައުލަތަށް ލިބެން ޖެހޭ އެތައް ފައިސާއެއް ނުލިބިވާ ކަމަށް ވިދާޅުވިއެވެ.

އޭސީސީގެ މެންބަރުން ވަކި ކުރަން ބާއްވާ ކޮމިޓީ ޖަލްސާއަށް ވަގުތުު ކުޑަތަންވެފައި  ވަނިކޮށް، އޭސީސީން ވަނީ ދިގު ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އެ ކޮމިޝަނުން ވިދާޅުވީ، ސިޔާސީ ގޮތުން ވަކި ފަރާތަކަށް ބުރަ ނުވެ، ނުފޫޒު ނުފޯރުވޭނެކަން ސާބިތުކޮށްދެވިއްޖެ ކަމަށާއި ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓު ތަކުރާރުކޮށް ނަގަން މަސައްކަތް ކުރަނީ ކޮމިޝަންގެ މިނިވަންކަމުގެ ސަބަބުން އަމާޒުވި ނަފުރަތާ ހުރެ ކަމަށް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!