300އަށް ވުރެ ގިނަ ބައިވެރިންނާ އެކު، "ޕޯޓް ސޭފްޓީ ވީކް ރަން" މާދަމާ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ޑިސެމްބަރު މަހުގެ 26ވަނަ ދުވަހުން ފެށިގެން 31ވަނަ ދުވަހުގެ ކުރިޔަށް ގެންދާ ސޭފްޓީވީކްގެ އެންމެ ފަހު ހަރަކާތް "ޕޯޓް ސޭފްޓީވީކް ރަން" މާދަމާ ހުޅުމާލޭ އިންޓަރނޭޝަނަލް ޓަރމިނަލް ސަރަހައްދުގައި ބޭއްވުމަށް ނިންމަވައިފިއެވެ.
އެމްޕީއެލްއިން ވިދާޅުވީ، މާދަމާ ހެނދުނު 6:30ގައި ހުޅުމާލެ ޕޯޓު ސަރަހައްދުގައި ފަށާ މި ދުވުމުގައި މިހައިތަނަށް 300އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައިވާ ކަމަށެވެ. އަދި، އެކި ވުޒާރާތަކުގެ ވަޒީރުންނާއި، މުއައްސަސާތަކުގެ ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ދުވުމުގައި ބައިވެރިވާނެ ކަމަށް އެ ފަރާތުން މައުލޫމާތު ދެއްވައެވެ.
ފަސް ކިލޯމީޓަރުގެ މި ދުވުމުގައި ވަނަވަނައަށް ހޮވޭ ފަރާތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން، އެއްވަނައަށް ހޮވޭ ފަރާތަކަށް 2500 ރުފިޔާ، ދެވަނައަށް 1500 ރުފިޔާ އަދި ތިން ވަނަޔަށް ހޮވޭ ފަރާތަކަށް 500 ރުފިޔާ ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދުވުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޖާޒީ ވިއްކައިގެން ލިބޭ ހުރިހާ ފައިސާ، ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރަން މަސައްކަތް ކުރާ ޖަމިއްޔާ (އާކް)އިން ހަދިޔާކުރުމަށް ވެސް އެމްޕީއެލްއިން ވަނީ ނިންމައިފައެވެ.
އެމްޕީއެލްއިން ވިދާޅުވީ، އެ ކުންފުނިން އިސްނަގައިގެން އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީއަށް އާންމުން ހޭލުންތެރިކުރުމަށް ހަފްތާއެއް ހާއްސަކުރުމުގެ ބޭނުމަކީ، ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭ ސަގާފަތެއް ބޭނުން ކަމަށެވެ. އަދި، ކުރިޔަށް އޮތް ތަނުގައި މިއަށް ވުރެ ފުޅާކޮށް މިކަންތައް ކުރިޔަށް ގެންދިއުމަށް އެ ކުންފުނިން ވަނީ ރައިވައިފައިވާ ކަމަށް ވިދާޅުވިއެވެ.
މި ދުވުން ޕްރޮމޯޓްކުރުމުގެ ގޮތުން އެމްޕީއެލްއިން ވަނީ މިއަދު ހެނދުނު ނައިބު ރައީސް ފައިސަލް ނަސީމަށް ދުވުމުގެ ޖޯޒީ ހަދިޔާ ކުރައްވައިފައެވެ. މީގެ އިތުރުން، ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއަށާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަންއާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުއަށް ވެސް ވަނީ ޖާރޒީ ހަވާލުކުރައްވައިފައެވެ. އެމްޕީއެލްގެ ފަރާތުން ޖާރޒީ ހަވާލުކޮށްދެއްވީ ސީ.އީ.އޯ ޝާހިދު އަލީއެވެ.
ސަޅި