ފަލަކަމަށް ބުނެ މަލާމާތްކުރާ މީހުންނަށް ނޭހާ ރައްދުދީފި

މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރު ފަލަކަމުން އޭނާއަށް ފާޑުކިޔާ މީހުންނަށް އޭނާ ރައްދު ދީފިއެވެ.
ނޭހާގެ ބަރުދަން ވަރަށް ބޮޑަށް މިހާރު އިތުރުވެފައިވާއިރު އެކަމަށް އިންޓަނެޓުގައި ފާޑުކިޔާ މީހުން ވަނީ ނޭހާ ބަނޑުބޮޑުތޯ ވެސް ސުވާލު ކޮށްފައެވެ. މީގެ ކުރިން ވެސް ނޭހާ ބަނޑުބޮޑު ކަމަށް ވާހަކަ ދެކެވުނު ނަމަވެސް އޭނާ ވަނީ އެކަން ދޮގުކޮށްފައެވެ. ފަހުން ފެތުރުނު ވާހަކަތައް ވެސް ދޮގުކޮށް މިދިޔަ ނޮވެމްބަރު މަހު ނޭހާގެ އާއިލާއިން ވަނީ ވީޑިއޯ މެސެޖެއް ވެސް ނެރެފައެވެ.
ނޭހާ ބުނީ އޭނާގެ ބަރުދަން އިތުރުވެއްޖެކަން ގަބޫލުކުރާ ކަމަށާއި ނަމަވެސް މީހަކު ފަލަވުމުން އޭގެ މާނައަކީ އެމީހާ ބަނޑުބޮޑުވީ ނޫން ކަމަށެވެ.
އައު އަހަރު ފާހަގަކުރަން ގޯއާގައި އޮތް ޝޯއަކަށް ދާން އެއާޕޯޓުގައި ތިއްބާ ނޭހާއާއި އޭނާގެ ފިރިމީހާ ރޯހަންޕްރީތު ސިންގްގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. މި ފޮޓޯތަކުން ވެސް ނޭހާ ފަލަކޮށް ފެންނާތީ އިންޓަނެޓުގައި މީހުން ގެންދަނީ އޭނާއަށް ފާޑުކިޔަމުންނެވެ.
މަލާމާތް ރައްދުވާ ގޮތަށް ބައެއް މީހުން ނޭހާގެ އެ ފޮޓޯއަށް ކޮމެންޓު ކުރި ނަމަވެސް ފާޑުކިޔުންތަކާ ކުރިމަތިލައި އޭނާގެ އަމިއްލަ ނަފުސު ޕްރޮމޯޓު ކުރަން މަސައްކަތް ކުރާނެ ކަމަށް، އޭނާގެ ގާތް މީހުން ވަނީ ބުނެފައެވެ.