ޚަބަރު ސިޔާސީ

އެއްފަސްކުރުމުގެ ސިޔާސަތެއް ނެތަސް އެ ސިޔާސަތު ދަނީ ތަންފީޒުވަމުން: ރައީސް ޔާމީން

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރާއްޖޭގައި އެއްފަސް ކުރުވުމުގެ ސިޔާސަތެއް އެއްވެސް ސަރުކާރަކުން ރަސްމީކޮށް ގެންގުޅެފައި ނުވި ނަމަވެސް އެސިޔާސަތު ތަންފީޒުވަމުން ދާކަމަށާއި، ތަރައްގީވެ ފެންވަރު ރަނގަޅު ހިދުމަތްތައް ލިބެމުން އަންނަ ތަނަކަށް މީހުން ގަޔާވާނެކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ޗެނަލް13އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ މި ވޭތުވެދިޔަ އަހަރުތަކުގައި އެއްފަސްކުރުވުމުގެ ސިޔާސަތެއް ނުގެންގުޅުނު ނަމަވެސް އެކަން ފެންނަމުން ދިޔަކަމަށެވެ. އެގޮތުން ވަޒީފާ ލިބޭ އަދި ރައްޔިތުންނަށް ހިދުމަތްތައް ލިބޭ ތަނެއް މީހުން ގަޔާ ކުރުވާ މެގްނެޓަކަށް ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެއްފަސްކުރުވުމުގެ ސިޔާސަތަށް ބަލާއިރު އަދިވެސް ޕޮޕިއުލޭޝަން ހަބަކަށް ވާނީ މާލެ ސަރަހައްދު ކަމަށާއި ކުރިއަށް އޮތް ދިހައެއް ނުވަތަ ފަނަރަ އަހަރު ވެސް އެހެން ސަރަހައްދެއް މި ފެންވަރަށް ތަރައްގީ ކުރެވިދާނެކަމަށް ގަބޫލު ނުކުރައްވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އެހެންމަ އަޅުގަނޑު އަދިވެސް ގަބޫލު ކުރަނީ އެއްފަސްކުރަން ބަލާއިރު ވެސް ނުވަތަ ޕޮޕިއުލޭޝަން ޝިފްޓަކަށް ބަލާކަމަށް ވަންޏާ މިހެން ހުރި ބޮޑެތި ކޮމިޔުނިޓީޒް ނުވަތަ ތަންތަނަށް މިދާނީ." ރައީސް ޔާމީން ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މާލެ ސަރަހައްދާއި މާ ދުރު ސަރަހައްދަކަށް އެއްފަސްކުރުން ގެންދެވިދާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މިސާލު ނަންގަވަމުން ވިދާޅުވީ ކުޅުދުއްފުށީ ނުވަތަ ހިތަދޫގައި ބިން އޮވެގެންނޭ ކިޔައިފައި އެ ތަންތަނަށް ރާއްޖޭގެ އެކި ހިސާބުތަކުން މީހުން ދަތުރުކޮށްފާނެކަމަށް ގަބޫލު ނުކުރެވޭކަމަށެވެ.

ކުރިއަށް އޮތް ކައިރި މުސްތަގުބަލެއްގައި އެކަން ނުކުރެވޭނެ ސަބަބުތަކުގެ ތަފްސީލު ވެސް ރައީސް ޔާމީން ދެއްވިއެވެ. އެގޮތުން ވިދާޅުވީ ފައިސާ ހޯދައިގެން އިމާރާތްތަކާއި ވަސީލަތްތައް ކޮންމެ ތަނެއްގައި ވެސް ތަރައްގީ ކުރެވިދާނެ ކަމަށެވެ. އެހެން ނަމަވެސް ފަންނީ މީހުން ތަމްރީނު ކުރުމަކީ ކުރިމަތިވާނެ އެންމެ ބޮޑު ދަތިކަން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑު ހަނދާންވާ ގޮތުން ވެއްޖެއްޔާ ސުޕަ ސްޕެޝަލިސްޓުން ޓްރެއިން ކުރުމަށް ޓަކައި ގާތްގަނޑަކަށް 170 ޑޮކްޓަރުން ބޭރަށް ފޮނުވުނު. އެމްބީބީއެސް ޑޮކްޓަރުން ތަމްރީނުކުރުމަށް ޓަކައި 500 އެތައް މީހަކު ފޮނުވުނު. މީގެ ނަތީޖާ ލިބޭނީ ކޮން ދުވަހަކުންތޯ؟ މީގެ ނަތީޖާއެއް ނުލިބޭނެ އެ ސިޔާސީ ލީޑަރަކު ވެރިކަމުގައި ހުއްޓަކައެއް" ރައީސް ޔާމީން ވިދާޅުވިއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި އެއް ފަސްކުރުމުގެ ސިޔާސަތާއި ގުޅޭގޮތުން ވިސްނުންފުޅު ހުންނެވި ގޮތް ވަރަށް ތަފްސީލުކޮށް ވިދާޅުވެދެއްވިއެވެ. އެގޮތުން ދެން ފުރުސަތެއް ލިބިއްޖެކަމަށް ވާ ނަމަވެސް މާލެއާއި ދުރު ސަރަހައްދުތައް އެއްފަސްކުރުމަށް ޓަކައި ހާއްސަ ނުކުރައްވާނެ ކަމަށާއި މާލެ ސަރަހައްދަކީ މިހާރު ވެސް ތަރައްގީކުރެވިފައި އޮތް ޕްރޮޑަކްޓެއްކަމުން އެކަން ކުރާނީ މިސަރަހައްދުގައި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އަދި ވިދާޅުވީ މާލެއާއި ހުޅުމާލޭގެ އިތުރުން ތިލަފުއްޓާއި ގުޅިފަޅު އަދި ފުށިދިއްގަރު ފަޅު ވެސް މީހުން އާބާދުކުރުމަށް ހާއްސަ ކުރެވިދާނެ ކަމަށެވެ. މިސަރަހައްދަށް އިތުރު މީހުން ނުގެނެވި ފުރޭ ހިސާބަށް ނުދާނެކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ވިދާޅުވީ އެއް ސަރުކާރަކުން ވަކި ސަރަހައްދެއް އެއްފަސްކުރުމަށް ޓަކައި ހާއްސަކޮށް އެމަސައްކަތް ފަށައިފައި ވަނިކޮށް ސަރުކާރު ބަދަލުވުމުން އެސިޔާސަތު މުޅިން ބަދަލުކުރާނެ ކަމަށާއި، ކަން މިހެން ހިނގާ ނަމަ އެއީ ވަރަށް ގިނަ އަދަދެއްގެ ފައިސާ ބޭކާރު ކުރުންކަމަށެވެ.

"އެހެންވީމަ އެމީހަކު ބަލާނެ އެމީހެއްގެ ފަސް އަހަރުގެ ތެރޭގައި މެނެޖިބަލްކޮށް ކުރެވިދާނެ ކަންތައްތަކާއި ދޭތެރޭގައި ވިސްނާނީ. ހަމަ ވަރަށް ބޮޑަށް ޑްރީމް ކުރެވިދާނެ. ވިޝަންއެއް އޮވެދާނެ. އެކަމަކު ވިޝަންއެއް އޮތަސް އެ ފަސް އަހަރުން ނުކުރެވޭނެ މަޝްރޫއު އެންމެ ބިޔަ މަޝްރޫއުތަކަށް ވާނީ." ރައީސް ޔާމީން ވިދާޅުވިއެވެ.

އެއްފަސްކުރުމުގެ ސިޔާސަތުގެ ވާހަކަ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ސަރުކާރުގައި ވެސް ދެކެވުނެވެ. އޭގެ ފަހުން ރައީސް ނަޝީދުގެ ސަރުކާރުގައި މިސިޔާސަތު އަމާޒުކުރީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަބުތަކެއް ގާއިމްކޮށްގެން އެކަން ކުރާށެވެ. އެހެން ނަމަވެސް މިމަސައްކަތް ކުރެވިފައެއް ނުވެއެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ސިޔާސަތަކީ ޖަޒީރާ ތަރައްގީއެވެ. އެއީ ރާއްޖޭގެ ކޮންމެ ރަށެއް ވެސް އެއް ފެންވަރަކަށް ތަރައްގީކުރުމެވެ. އެހެން ނަމަވެސް ބޮޑެތި ހިދުމަތްތައް ކޮންމެ ރަށެއްގައި ގާއިމްކުރުމުގެ ބަދަލުގައި ކޮންމެ ސަރަހައްދަކުން ވެސް ލިބޭނެ ގޮތަށް އެކަން ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

Ads by Ooredoo
  1. ޢަބްދުއްލަޠީފު

    ރާއްޖެތެރެ ދޫކޮއްލާފަ މޯލްޑިވްސް ގެ ބަދަލުގަ މާލެ ކިޔާފަ ނިންމާލާ. އޭރުން ނުޖެހޭނެ ތަރަގީކުރާކައް. ރާޖެތެރެއައް ދަތިކުރީމަ މާލެސަރަހައްދު ތޮއްޖެހޭނެ. ތިޔަ ސިޔާސަތު ކަމަކުނުދޭ.