ޚަބަރު

"އިންޑިއާ އައުޓް" ހިނގާލުމުގެ ތެރެއިން 11 މީހަކު ފުލުހުންގެ ހައްޔަރަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިން ބޭލުމަށް ގޮވައިލާ އިދިކޮޅު، ޕީޕީއެމްއިން ކުރަމުން އަންނަ "އިންޑިއާ އައުޓް" ކެންޕެއިންގެ ތެރެއިން މިއަދު މާލޭގައި ކުރިޔަށް ގެންދިޔަ ހިނގާލުމުގައި ބައިވެރިވި 11 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

Ads by STELCO

ފުލުުހުން ވިދާޅުވީ، ޕީޕީއެމްއިން ކުރިޔަށް ގެންދިޔަ ހިނގާލުމެއްގެ ތެރެއިން 9 އަންހެނަކާއި 2 ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި، މިމީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ކަމަށެވެ.

މިއަދު ޕީޕީއެމް އޮފީސް ދޮރުމަތިން ފެށި ހިނގާލުން ކުރިޔަށް ނުގެންދެވޭ ގޮތަށް ފުލުުހުން ވަނީ ހުރަސް އަޅައިފައެވެ.

"އިންޑިއާ އައުޓް" ކެންޕެއިނަކީ އިދިކޮޅު ޕީޕީއެމްއިން އިސްވެ ކުރިޔަށް ގެންދަވާ ހަރަކާތެކެވެ. މި ހަރަކާތުގެ ތެރެއިން އިދިކޮޅުން ބާއްވަން އުޅުނު ސައިކަލު ބުރު ބޭއްވިޔަ ނުދީ ފުލުހުން ވަނީ ހުރަސް އަޅައިފައެވެ. ފުލުހުން އޭރު ވިދާޅުވީ ސައިކަލު ބުރުގެ ތެރެއިން ހަމަނުޖެހުން އުފައްދަން އުޅޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އިދިކޮޅުން ގެންދަނީ "އިންޑިއާ އައުޓް" ކެންޕެއިން ފުޅާ ކުރަމުންނެވެ. މިގޮތުން އަތޮޅު ތެރޭގެ ރަށްތަކުގައި މި ކެންޕެއިން ފުޅާ ކުރެއްވުމަށް ރައީސް ޔާމީން ގެންދަވަނީ އަތޮޅު ތެރެއަށް ދަތުރުފުޅުތަކެއް ކުރައްވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!