ފަރްހާންއާއި ޝިބާނީ ވެސް ކައިވެނި ކުރަނީ

ގިނަ ދުވަސްވަންދެން އެކުގައި އުޅުނު ޝިބާނީ ޑަންޑޭކަރްއާ ފަރްހާން އަޚްތަރު ، އަންނަ މާޗް މަހު ކައިވެނި ކުރަން ތައްޔާރުވެއްޖެއެވެ.
މި ދެތަރިންވެގެންދާނީ ބޮލީވުޑް ތަރިންގެ ތެރެއިން 2022ވަނަ އަހަރު އެންމެ ފުރަތަމަ ކައިވެނިކުރާ ދެމަފިރިންނަށެވެ. އެކްޓަރު ފަރްހާން އަދި ޝިބާނީ ޑަންޑޭކަރް 2018ވަނަ އަހަރު ޑޭޓް ކުރަން ފެށި އިރު މި ދެތަރިންނަކީ އަބަދުވެސް ވަރަށް އެއްކޮށް އުޅޭ ދެމީހުން ކަމަށް ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.
އިންޑިއާގެ މަހަރާޝްތްރާގައި ކޮވިޑް-19ގެ ވޭދަނަތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔުމާ ގުޅިގެން ކައިވެނި ހަފްލާ ބާއްވަނީ ވަރަށް ކުޑަ ގޮތަކަށެވެ. އެގޮތުން އެ ހަފްލާގައި ބައިވެރިވާނީ ހަމަ އެކަނި ގާތް ރަހުމަތްތެރިންނާއި އާއިލާގެ މަދު ބައެކެވެ.
ފަރްހާން އަޚްތަރުގެ މަސައްކަތަށް ބަލާއިރު އޭނާ ދެން ޑައިރެކްޓްކުރާ ފިލްމަކީ "ޖީ ލެ ޒަރާ" ނަމަކަށް ކިޔާ ރޯޑް ޓްރިޕްއެއް ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމުގައި ޕްރިޔަންކާ ޗޯޕްރާ، އާލިއާ ބަޓް، ކެޓްރީނާ ކައިފް ފަދަ އެކްޓަރުން މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. މި ފިލްމު ރިލީޒްކުރާނީ 2022ވަނަ އަހަރުއެވެ. ފަރްހާން ވަނީ އޭނާގެ ފިލްމު "ދިލް ޗާހްތާ ހޭ"އަށް 20 އަހަރު ފުރުން ފާހަގަކުރި ދުވަހު އެކަން އިއުލާންކޮށްފައެވެ.