ރައީސުލްޖުމްހޫރިއްޔާ އަދި ވެރިކަން ކުރާ އެމްޑީޕީގެ އިސް ލީޑަރު އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވި ސިފަތައް ހުންނެވި ކެނޑިޑޭޓަކީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެންޑިޑޭޓް މޫސާ ފަތުހީ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ވާދަކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕޭން ލޯންޗު ކުރަން ކޮމަންޑޫގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޞާލިޙް ވިދާޅުވީ، ވޯޓު ދޭންވީ މަސްތުވާތަކެއްޗާއި މަނީ ލޯންޑަރިންއާ ބަޣާވާތާ ވެސް ދެކޮޅަށް ކަމަށެވެ.
ރައީސް އެހެން ވިދާޅުވުމާ ގުޅިގެން ނޫހެއްގައި ލިޔެފައިވާ ޚަބަރެއް ޓްވީޓް ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު ވިދާޅުވީ، ރައީސް ޞާލިޙް ވިދާޅުވި ގޮތަށް މަސްތުވާތަކެއްޗާ ދެކޮޅަށް ވޯޓުދޭ ނަމަ ދޭންވީ ފަތުހީއަށްކަން އެ ދާއިރާގެ ރައްޔިތުންނަށް މިހާރު ޔަގީންވާނެ ކަމަށެވެ. އެ ގޮތުން ފަތުހީއަކީ މަސްތުވާތަކެއްޗާއި އެފަދަ އިޖުތިމާއީ މައްސަލަތަކެއް ހައްލު ކުރުމަށް ނަމޫނާ ބޭފުޅެއް ކަމަށް ވެސް އާދަމް ޝަރީފު ވިދާޅުވިއެވެ.
މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވި މެންބަރު ޙުސެއިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ.
އެ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 5ވަނަ ދުވަހުއެވެ.