މި އަންނަ މަހު ފަސްވަނަ ދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން އެ ދާއިރާއަށް ވާދަ ކުރައްވާ ކެނޑިޑޭޓް އަބްދުލްހަންނާން ވިދާޅުވެއްޖެއެވެ.
ހަންނާން މިހެން ވިދާޅުވީ، އޭނާގެ މާލޭގެ ކެންޕެއިން ޖަގަހަ ހުޅުވުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ހަންނާނު ވިދާޅުވީ، އެމްއެންޕީގެ އިސް ބޭފުޅުންނާ އެކު، ކޮމަންޑޫ ދާއިރާގައި ހިމެނޭ، ކޮމަންޑޫ، މަރޮށީގެ އިތުރުން ފޯކައިދޫގެ ހުރިހާ ގެޔަކަށް މިހާރު ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި ރައްޔިތުންނާ ގާތުން މި ގޮތަށް ބައްދަލުވުމުން، ރައްޔިތުންކީ ހޫނު މަރުޙަބާއިން މި ފަހަރުގެ ގޮނޑި ކާމިޔާބު ކުރެވޭނެ ކަމުގެ ޔަޤީންކަން ހާމަވެގެން ދިޔަ ކަމަށް ހަންނާން ވިދާޅުވިއެވެ.
"ނުވަންނަ ކޮންމެ ގެއެއް ވެސް ނޯންނާނެ. ކޮންމެ ގެޔަކުން ވެސް ކީ މަރުޙަބާއެއް. އަޅުގަނޑުމެން ބޭނުންވެފައިކަން... މިފަހަރުގެ މި ގޮނޑި، އަޅުގަނޑަށް ކަށަވަރުވާނެ ކަމުގެ ފުރިހަަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް." ކޮމަންޑުއަށް ނިސްބަތްވެ، ވަޑައިގަންނަވާ ހަންނާން މިރޭ އިތުރަށް ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތައް ވަރަށް ގާތުން ހިއްސާ ކުރި ކަމަށާއި އެމްއެންޕީއަށް ރައްޔިތުން ބޭނުންވެފައިވާ މިންވަރު އެނގިގެން ދިޔަ ކަމަށެވެ.
އަޅުގަނޑުމެންގެ ޕާޓީ ވަރަށް މުހިންމޭ އަޅުގަނޑުގެ ދާއިރާއަށް. އަޅުގަނޑުމެންގެ ޕާޓީ ވަރަށް މުހިންމޭ މިހާރު މިއޮތް ސިޔާސީ ދެ ޕާޓީއަށް ވެސް. އަޅުގަނޑުމެންގެ ޕާޓީ ވަރަށް ބޮޑު ވެއްޖޭ. މިހާރު ރާއްޖޭގައި މިއޮތް ދެ ޕާޓީއަށް ވުރެ އަޅުގަނޑުމެންގެ ޕާޓީ މާ ބޮޑޭ މިހާރު
ހަންނާން އިތުރަށް ވިދާޅުވީ، އެމްއެންޕީން މަސައްކަތަށް ނިކުތުމުން، ދާއިރާގައި ނުވެ ހުރި ކަންތައް ކުއްލިއަކަށްވާން ފަށައިފި ކަމަށެވެ. މިއީ ހަމަ ގޮނޑި ލިބުން ފަދަ ކަމެއް ކަމަށް ހަންނާން ސިފަ ކުރެއްވިއެވެ.
އަޅުގަނޑުމެން މަސައްކަތަށް ދިޔައީމާ ބަޔަކު މީހުން ވަރަށް ހިތްތުރުތުރު އަޅައިފިއޭ. މިހާރު ވައުދު ވެފައި ނެތްކަންތައް ވެސް ވާން ފަށައިފި. އެހެންވީމާ އަޅުގަނޑަށް ގޮނޑި ލިބިއްޖޭ. އަޅުގަނޑުމެން ގޮނޑި ލިބިގެން ކުރަން ހުރި ކަންތައް އަޅުގަނޑުމެންނަށް ޓަކައި އެ ބޭފުޅުން ކުރައްވައިފިއޭ
ހަންނާންގެ ވާހަކަފުޅުގައި އިޝާރާތް ކުރެއްވީ އިންތިޚާބާ ދިމާކޮށް ބަޖެޓްގައި ނެތް ބައެއް ކަންކަން ކުރަން ސަރުކާރުން ކުރަން ނިންމައިފައިވާތީ އެކަން ކަމަށް ބެލެވެއެވެ.
ސަރުކާރުން ވަނީ އިންތިޚާބާ ދިމާކޮށް ދެކޮމަންޑޫ ގުޅުވައިލުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައެވެ. މިކަމާ ގުޅިގެން ، މިއީ އިންތިޚާބަށް ނުފޫޒު ފޯރުވާ ކަމެއް ކަމަށް ވިދާޅުވެ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އިއްޔެ ވަނީ ބަޔާނެއް ވެސް ނެރުއްވައިފައެވެ. އެ ގޮތުން އިންތިޚާބާ ދިމާކޮށް މިފަދަ ކަންކަން ކުރުމުން ވޯޓްލާންވީ ކެނޑިޑޭޓް ނިންމުމުގައި އާންމުންނަށް ނުފޫޒު ފޯރުވޭކަމަށް އެ ޖަމްޢިއްޔާއިން ވަނީ ވިދާޅުވެފައެވެ. އަދި މި އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓްގައި އެ މަޝްރޫޢު ހިމަނައިފައި ނެތް ހިނދު އެ މަސައްކަތް ކުރައްވަން އިޢުލާން ކުރެއްވުމުން ވެސް އެ ޖަމްޢިއްޔާއިން ވަނީ ސުވާލު އުފައްދަވައިފައެވެ.
ހަންނާނު ވަނީ ދާއިރާގެ ހުރިހާ ރަށެއްގައި ވެސް ކެންޕެއިން ޖަގަހަ ހުޅުވައިފައެވެ. ހަންނާންގެ ފުރަތަމަ ކެމްޕޭން ޖަގަހަ ކޮމަންޑޫ ދާއިރާގައި މި މަހުގެ ހަތްވަނަ ދުވަހު ހުޅުވީ މަރޮށީގައެވެ. އެރޭ ދެވަނަ ޖަގަހަ ހުޅުވީ ފޯކައިދޫގައެވެ. އަދި ދިހަވަނަ ދުވަހު ކޮމަންޑޫ ޖަގަހަ ވަނީ ހުޅުވައިފައެވެ.
ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހުއެވެ. މި އިންތިޚާބުގެ ފޯރި މިހާރު ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. އެއާ އެކު ކެބިނެޓްގެ ވަޒީރުންނާއި އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއި ޕީޕީއެމްގެ އިސްވެރީން ވެސް ދަނީ ކޮމަންޑޫ ދާއިރާގައި ކެމްޕެއިންގައި ހަރަކާތްތެރިވަމުންނެވެ.