ޚަބަރު ސިޔާސީ

ސަރުކާރު މިހާރު ހިންގަމުންދަނީ ކޮމަންޑޫގައި: ފަތުހީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވެރިކަން ކުރާ ރަށަކީ މިއަދު ކޮމަންޑޫހެން ހީވާ ކަމަށާއި، ސަރުކާރު މިއަދު ހިންގަމުންދަނީ ކޮމަންޑޫގައި ކަމަށް، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަ ކުރައްވާ ކެނޑިޑޭޓް މޫސާ ފަތުހީ ވިދާޅުވެއްޖެއެވެ.

Ads by STELCO

ރޭ ށ. ފޯކައިދޫގައި ބޭއްވި މޫސާ ފަތުހީގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، މި އަހަރު ފެށުމާ އެކު ސަރުކާރު ހިންގަމުންދަނީ ކޮމަންޑޫގައި ކަމަށެވެ. މިގޮތުން ސަރުކާރުގެ ހުރިހާ ކަމެއް ހިނގަނީ އެރަށުގައި ކަމަށާއި ސަރުކާރުގެ ވަޒީރުންނާއި އިސްވެރިން ތިއްބެވީ އެ ރަށުގައި ކަމަށް ވިދާޅުވިއެވެ.

"މިއަދު ރާއްޖޭގެ ވެރިކަން ކުރާ ރަށަކީ އަޅުގަނޑުގެ އުފަން ރަށް. އޮޅިގެން ދެންނެވި އެއްޗެއް ނޫން. މި ޖެނުއަރީ މަހުން ފެށިގެން ގާތްގަނޑަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރާ ހުރިހާ ކަމެއް ހިނގަނީ ކޮމަންޑޫ ބިމުގައި. ރައީސުލް ޖުމްހޫރިއްޔާ، ނައިބު ރައީސް، ދިފާއީ ވަޒީރު، ކުރީގެ ވަޒީރު، މިހާރުގެ ވަޒީރުން، ކުންފުނިތަކުގެ ވެރިން. އަލިފްދާލުގެ ރައީސް ވެސް މިހާރު ކޮމަންޑޫގައި." ފަތުޙީ ވިދާޅުވިއެވެ.

ފަތުހީގެ ވާހަކަފުޅުގައި ވިދާޅުވީ، މި ދާއިރާގެ ގޮނޑިއަށް ވާދަ ކުރެއްވިއިރުގައި ވެސް، ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާ ލިބޭނެކަން އެނގޭ ކަމަށެވެ. އަދި ބަޔަކު އެމަނިކުފާނު އަބުރު ކަތިލަން ކިތަންމެ މަސައްކަތެއް ކުރިޔަސް، ފަހަތަށް ނުޖެހޭނެ ކަމަށް ފަތުހީ ވިދާޅުވިއެވެ. އަދި ވިދާޅުުވީ އޭނާއަކީ ބިރުން ފަހަތަށް ޖެހޭނެ މީހެއް ނޫން ކަމަށެވެ.

"2018ގެ އިންތިޚާބުގައި  އެތައް މިތަނަށް ދަތުރުކޮށް، މި ޒައާމަތު ގެއްލިއްޖިއްޔާ ވާނެ، ވެދާނެ ބިރުވެރި ކަންކަމުގެ ވާހަކަ ދެއްކީތީ ވޯޓްގެ ނަތީޖާ އެނގުނު ދުވަހު ނޫން އަނެއް ދުވަހު އަޅުގަނޑު މަރާލުމަށް ޓަކައި އެމްޑީޕީން މީހަކު ފޮނުވި. މައްސަލަ މިހާރު ވެސް ފުލުހުންގޭގައި އޮންނާނެ" ފަތުހީ ވިދާޅުވީ، ރައީސް ޔާމީން މިނިވަން ކުރަން އިޙްތިޖާޖް ކުރުމުން އަތް ވެސް ބިންދައިލި ކަމަށާއި ނަމަވެސް ފަސް ނުޖެހި އެ މަސައްކަތް ވެސް ކުރިޔަށް ގެންދިޔަ ކަމަށެވެ.

ފަތުހީގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މަޖިލީހަށް އިންތިޚާބުކޮށްފި ނަމަ އެ ތަނުގައި ޤުރުއާނުގެ އާޔަތްތައް ކިޔާނެ ކަމަށާއި، ނަބަވީ އިރުޝާތުތައް ވެސް ކިޔާނެ ކަމަށެވެ. އަދި ވަޟައީ އެއްވެސް ޤާނޫނެއް ހެދުމަށް ޖާގައެއް ނުދޭނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ވެސް ބައިވެރިވެ ވަޑައިގެންނެވި މި ޖަލްސާގައި ފަތުހީ ވަނީ ދިވެހިންގެ އަމިއްލަ ވަންތަކަން ޤުރުބާންކުރަމުންދާކަމަށް ވިދާޅުވެފައެވެ. ފަތުހީ ދެއްކެވީ އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ތިބޭ ތިބުމުގެ ވާހަކައެވެ. އަދި މިނިވަންކަން ޤުރުބާން ކުރުމަށް ފަހު ސިޔާސީ ލީޑަރަކަށްވުމުގެ ބޭނުމަކީ ކޮބައިތޯ ފަތުހީ ސުވާލު ކުރެއްވިއެވެ.

"އިސްލާމް ދީން ވަރިހަމަކޮށްފައި، ކޮބައިތޯ ސިޔާސީ ޕާޓީހިންގުމުގެ ބޭނުމަކީ. އަމިއްލަ މިނިވަންކަން ޤުރުބާންކޮށްފައި ކޮބައިތޯ ސިޔާސީ ލީޑަރަކަށް ވުމުގެ ބޭނުމަކީ. އަޅުގަނޑުމެންގެ ހަރު މުދާ، އުތުރު ކަރައިގެ ކުންފުނިތަކަށް ހިބައިން ދީފައި، ކޮބައިތޯ ދިވެހި ރައްޔިތުންނަށް ހޯދައިދެވޭނެ ފުދުންތެރިކަމަކީ" ފަތުހީ ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!