ދަރިއަކު ހޯދަން ޕްރިޔަންކާ މިހާރު އެބަވިސްނާ
ފިލްމީ ދާއިރާގައި މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ދަރިއަކު ހޯދުމުގެ ވިސްނުން ގެންގުޅޭކަމަށް ބުނެފިއެވެ.
ބޮލީވުޑްގެ ޚަބަރުތައް ބުނާ ގޮތުގައި ޕްރިޔަންކާ މިގޮތަށް ނިންމި ނަމަވެސް އެއީ ޔަގީންކޮށް ކޮންއިރަކު ކަމެއް އޭނާ އަދި ނުނިންމައެވެ.
ވެނިޓީ ފެއާއަށް ދިން އިންޓަވިއުއެއްގައި 39 އަހަރުގެ މި ބަތަލާ ބުނެފައި ވަނީ ކައިރި މުސްތަގުބަލެއްގައި އެކަން ވެދާނެކަމުގެ އުންމީދު އެބައޮތް ކަމަށެވެ.
"ހަމަ ޔަގީނުން ވެސް ކުއްޖަކު ނުވަތަ ކުދިންތަކެއް ހޯދުމަކީ ހަމަ ވަރަށް ބޮޑު ޕްލޭނެއް. އެކަމަކު ނޭނގޭ އަދި އެކަން ވާނެ އިރެއް. ޔަގީނުން ވެސް އެކަން ވާން އޮތިއްޔާ ވާނެ،" މީގެ ހަތަރު ވަރަކަށް އަހަރު ކުރިން އެމެރިކާގެ މިއުޒިޝަން/އެކްޓަރު ނިކް ޖޯނަސްއާ ކައިވެނިކުރި ޕްރިޔަންޔާ ބުންޏެވެ.
ދަރިޔަކު ހޯދުމާ މެދު މިހާރު އެހާ ސީރިއަސްކޮށް ނުވިސްނަނީ މަސައްކަތްތަކުގައި ބިޒީކަމުންތޯ ސުވާލުކުރުމުން އޭނާ ބުނީ ދަރިޔަކު ހޯދުމުގެ ޕްލޭނަށް މަސައްކަތްކުރާ ވަރަށް ބިޒީ ވެސް ނޫން ކަމަށެވެ. ޕްރިޔަންކާ ބުނި ގޮތުގައި ކޮންމެ ކަމެއް ވެސް ވާނީ އެކަމެއް ވާން އޮތް ދަނޑިވަޅެއްގައެވެ.
ޕްރިޔަންކާއާއި ނިކް 2018ގައި ކައިވެނިކުރި ފަހުން ދަރިޔަކު ހޯދުމާ ބެހޭ ގޮތުން ކުރިމަތިވާ ސުވާލުތައް ވަރަށް ގިނަވެފައިވެއެވެ. އަދި ދަރިން ހޯދުމުގެ ވާހަކަ އެންމެ ބޮޑަށް މިހައިތަނަށް ދައްކައިފައި ވަނީ ނިކްއެވެ. ނިކް މީގެ ކުރިން ބުނެފައި ވަނީ އޭނާ ކުރިން ގިނަ ދަރިންތަކެއް ހޯދަން ބޭނުންވާ ކަމަށެވެ.
ކައިވެނިކުރި ފަހުން ޕްރިޔަންކާ ބަލިވެއިން ކަމަށް ބުނެ އެކި ފަހަރުމަތިން ނޫސްތަކުގެ ފަލަ ސުރުހީތަކަށް ވެސް އެ ވާހަކަ އަރައިފައި ވެއެވެ.
މިދިޔަ މަހު ރިލީޒްކުރި "މެޓްރިކްސް ރިސަރެކްޝަންސް"ގެ ރޯލެއް ކުޅުނު ބަތަލާ މިހާރު އަންނަނީ ތިން އަހަރެއްހައި ދުވަސް ފަހުން ބޮލީވުޑްގެ ފިލްމެއް ވެސް ކުޅެން ތައްޔާރުވަމުންނެވެ. އެއީ ފަރުހާން އަޚްތަރު ޑައިރެކްޓްކުރާ ތިން އަންހެން އެކުވެރިއެއްގެ ވާހަކަ ކިޔައިދޭ ރޯޑް-ޓްރިޕް ފިލްމު "ޖީ ލޭ ޒަރާ" އެވެ. އޭގެ އަނެއް ދެ ބަތަލާއިންނަކީ ކެޓްރީނާ ކައިފާއި އާލިއާ ބަޓެވެ.