ޚަބަރު ސިޔާސީ

ކަމެއް ނުވެގެންނޭ ކިޔައިފައި އެމްޑީޕީއަށް ވޯޓް ނުދޭންޖެހޭ ސަބަބެއް ނޯންނާނެ: މަޙްލޫފް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މި ސަރުކާރުން ކަމެއް ނުކޮށްދީގެން ނުވަތަ ސަރުކާރުން ކަމެއް ނުވެގެންނޭ ކިޔާފައި، ވޯޓް ނުދޭން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއިނިޓީ އެންޕަވަރމެންޓް އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް ރޭ ށ. ކޮމަންޑޫގައި ބޭއްވި ޖަހަގަ ޖަލްސާގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މަޙްލޫފް ވިދާޅުވީ މިއަދު ރާއްޖޭގެ ކޮންމެ ރަށަކަށް ދިޔަޔަސް ހީވަނީ ކޮންސްޓްރަކްޝަން ސައިޓަކަށް ދާހެން ކަމަށެވެ. އެހައި ވެސް ތަރައްޤީގެ މަޝްރޫއުތައް ގިނަ ކަމަށް ފާހަގަ ކުރައްވަމުން މަޙްލޫފް ވިދާޅުވީ، މި ސަރުކާރުގެ ތިން އަހަރުގައި ތަރައްޤީގެ ކަންތަކުގައި 80 އިންސައްތައަށް ވުރެ މަތި ސަރުކާރުން ހޯދައިފި ކަމަށެވެ. އަދި މި ސަރުކާރުގެ ތަރައްޤީގެ މަޝްރޫއުތަކާ މެދު ރައްޔިތުން ޝައްކު ނުކުރައްވާނެ ކަމަށް ވިދާޅުވެ ވިދާޅުވީ، ކަމެއް ނުވިއޭ ކިޔައިފައި އެމްޑީޕީއަށް ވޯޓް ނުދޭންވީ ސަބަބެއް ނެތް ކަމަށެވެ.

"ހަމަގައިމު ވެސް ކަމެއް ނުވެގެންނޭ ކިޔައިފައި ވޯޓް ނުދޭން ޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެ." މަޙްލޫފް ވިދާޅުވިއެވެ.

އިންތިޚާބާ ދިމާކޮށް ސަރުކާރުން ކޮމަންޑޫ ދާއިރާގެ ރަށްތަކުގައި ތަރައްޤީގެ މަޝްރޫއުތައް ހިންގާ ކަމަށް ބުނެ އިދިކޮޅުން ކިޔަމުންދާ ފާޑު ކިޔުންތަކަށް ރައްދު ދެއްވަމުން މަޙްލޫފް ވިދާޅުވީ، މި ސަރުކާރުން އަބަދުވެސް ރާއްޖޭގެ ރަށްތަކުގައި ތަރައްޤީގެ މަޝްރޫއުތައް ކުރިޔަށް ގެންދާ ކަމަށެވެ. މިގޮތުން އެމަނިކުފާނުގެ ދާއިރާ ކަމަށްވާ ސްޕޯޓްސް ދާއިރާއިން މި ސަރުކާރުން ދަނޑުތައް އަޅައިދީފައިވާ ކަމަށާއި އަދި ދަނޑު އަޅައިނުދީ އޮތް ރަށުގައި ވެސް އެ މަސައްކަތް މީގެ މާކުރިން ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މަޙްލޫފްގެ ވާހަކަފުޅުގައި ސަރުކާރުން އަނިޔާވެރިވާ ކަމަށް އިދިކޮޅުން ދައްކަމުންދާ ވާހަކަތަކަށް ވެސް ރައްދު ދެއްވިއެވެ. މިގޮތުން ވިދާޅުވީ، މިއަދު ބޭނުން އެއްޗެއް ބޭނުންވަރަކަށް ގޮވާނެ ފުރުސަތު އެބައޮތް ކަމަށެވެ. ނަމަވެސް ކުރިން މުޒާހަރާއަކަށް ދިޔަސް "ގެއްލޭ" ކަމަށާއި މިހާރު މުޒާހަރާތަކުގައި ކޮންމެ ކަމެއް ކުރިޔަސް ވެއްދުމަށް ފަހު ނެރޭ ކަމަށެވެ. އަދި އިދިކޮޅުގައި އަނިޔާގެ ވާހަކަ ދައްކަން ކުފޫހަމަވާ ވަރުގެ މީހެއް ނެތް ކަމަށް ވެސް މަޙްލޫފް ވިދާޅުވިއެވެ.

"މިއަދު އަނިޔާއޭ ކިޔައިގެން ބައެއް ބޭފުޅުން ވާހަކަ ދައްކަވާތީ، ހަމަ ހަޤީޤަތުގައި ވެސް ހިތަށް އަރާ ކީކޭތޯއޭ ކިޔަން އޮތީ" މަޙްލޫފް ވިދާޅުވިއެވެ.

Ads by Ooredoo
  1. ވަރަށްވެސް ބޮޑު ތެދެއް ކަމެއް ވޭބަ ގައުމު ދަރުވާލައިފި، އަޅުވެތި ކޮށްފި ތިމާމެން ބޭނުން ގޮތަކަށް ގައުމު ބޭރުގެ ފަރަންޖީންނަށް ބަހާ ހުސް ކޮށްފި ތިމާމެން އެޔެއްމިޔެއް ނުބަލާ ގައުމުގެ ޚަޒާނާ ބަހާލައިފި، ކަމެއް ވެއްޖެތާ،!!

  2. ދޭންޖެހޭ ސަބަބެއްވެސް ނެތް