މާފުށީ ޖަލުން މިހައިތަނަށް 36 ގައިދީއަކު ކޮވިޑަށް ފައްސި

ކ. މާފުށީ ޖަލުން މިހައިތަނަށް 36 ގައިދީއަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަންސްއިން ވިދާޅުވެއްޖެއެވެ.
މާފުށީ ޖަލުގައި މަސައްކަތްކުރާ އޮފިސަރުންތަކަކާއި ޖަލުގައި ތިބި ގައިދީންތަކެއް ކޮވިޑް-19އަށް ފައްސިވުމާ ގުޅިގެން، ޖަލު ކުއްލި ހާލަތަށް ގެނެސްފައި ވަނީ މި މަހުގެ 14ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ މާފުށީ ޖަލުން ފައްސިވެފައި ވަނީ އަލާމާތްތައް ހުރެގެން ސުންކު ނެގި އޮފިސަރުންނާއި ގައިދީންނެވެ.
މި ޙާލަތާ ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެ ސަރވިސްއިން ކަނޑައަޅައިފައިވާ އުޞޫލުތަކުގެ ދަށުން މާފުށީ ޖަލުގައި ވަނީ ފިޔަވަޅުތައް އަޅައިފައެވެ.
އެގޮތުން ޢާންމު ޙާލަތަށް ގެނެވެންދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޤައިދީންނާއި ބަންދު މީހުންނަށް ޢާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުން އަދި ކޯޓުގެ އަޑުއެހުންތައް އޮންލައިކޮށް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
ކަރެކްޝަނުން މަޢުލޫމާތު ދިން ގޮތުގައި މާފުށީ ޖަލުން 36 ގައިދީއަކު މިހައިތަނަށް ވަނީ ކޮވިޑަށް ފައްސިވެފައެވެެ. އަދި އެ މީހުންނާ ގާތުން އެއްްތާވި މީހުންގެ ގޮތުގައި 68 ގައިދީއަކު ފާހަގަކުރެވި އެމީހުން އެކަހެރިކޮށްފައިވާ ކަމަށް ކަރެކްޝަނުން ވިދާޅުވިއެވެ.