މިނިސްޓްރީއަށް އެންގުމަކާ ނުލައި ޑޮކްޓަރު ޗުއްޓީއަށް ފޮނުވީ ކުޑަރިކިލު ސިއްހީ މަރުކަޒުން

ބ. ކުޑަރިކިލުގައި ކުރިން ހުރި ޑޮކްޓަރު ޗުއްޓީއަށް ފޮނުވީ، މިނިސްޓްރީ އޮފް ހެލްތަށް އެކަން އެންގުމަކާ ނުލައި، އެ ރަށު ސިއްޙީ މަރުކަޒުން ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ކުޑަރިކިލު ސިއްހީ މަރުކަޒުގައި ޑޮކްޓަރެއް ނެތުމުގެ ސަބަބުން، އެ ރަށުގެ ބައެއް ރައްޔިތުން ނުކުމެ އެކަމާ ނުރުހުން ފާޅުކޮށް، އެ މަރުކަޒުގައި އިއްޔެ ވަނީ ބޮޑުތަޅު އަޅުވައިފައެވެ.
އެކަމާ ބެހޭ ގޮތުން "ދެން"އަށް މައުލޫމާތު ދެއްވަމުން ކުޑަރިކިލު ކައުންސިލްގެ ރައީސް، އަބްދުލް ހަންނާން އައްބާސް ވިދާޅުވީ ކުޑަރިކިލު ސިއްހީ މަރުކަޒުގައި ޑޮކްޓަރެއް ނެތުމުން އާންމުން ނުކުމެ މުޒާހަރާކޮށްފައިވާ ކަމަށެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ ކުޑަރިކިލުގައި ކުރިން ހުރި ޑޮކްޓަރު ޗުއްޓީއަށް ފޮނުވީ އެ މިނިސްޓްރީއަށް ނޭނގި ކުޑަރިކިލު ސިއްހީ މަރުކަޒުން ކަމަށެވެ.
ސިއްހީ މަރުކަޒުބަންދު ކުރި ފަހުން ޑޮކްޓަރަކު ހަމަޖައްސައި އެ ރަށަށް ފޮނުވަން ހެލްތުން ވަނީ ނިންމައިފައެވެ.
ހެލްތު މިނިސްޓްރީން ބުނީ ކުޑަރިކިލަށް މިހާރު ޑޮކްޓަރަކު ހަމަަޖައްސައިފައިވާ ކަމަށާއި އެ ރަށަށް މިއަދު ފޮނުވަނީ ބ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރަމުން އައި ޑޮކްޓަރެއް ކަމަށެވެ.