ބޮލީވުޑް މުނިފޫހިފިލުވުން

ކަރީނާގެ ދޮށީ ދަރިފުޅު އުފަން ކުރަން ސިޒޭރިއަން ހަދަން ޖެހުނު ސަބަބުތައް!

  • ކަރީނާ ވަނީ ތައިމޫރަށް ބަލިވެއިން ދުވަސްވަރު ދިމާވި ކަންކަން ހިއްސާ ކޮށްފައި
ފަތޯނާ ފާއިޒު ، ދެން އޮންލައިން
ބަތަލާ ކަރީނާ ކަޕޫރު

ބަތަލާ ކަރީނާ ކަޕޫރުގެ ދެ ފިރިހެން ދަރިން ތިބޭއިރު، ދޮށީ ދަރިފުޅު ތައިމޫރު އަލީ ހާންއަށް މިހާރު ފަސް އަހަރެވެ. ކަރީނާ ވަނީ އޭނާ ތައިމޫރަށް ބަލިވެއިން ދުވަސްވަރު ކުރި ތަޖުރިބާގެ މައްޗަށް ފޮތެއް ވެސް ނެރެފައެވެ. މި ފޮތުގައި އޭނާ ވަނީ ތައިމޫރު ވިހެއުމުގައި ދިމާވި އެންމެ ކަންބޮޑުވި ކަންކަން ވެސް ހިއްސާ ކޮށްފައެވެ.

Ads by STELCO

ކަރީނާ ބުނި ގޮތުގައި ވިހަން ކައިރިވަމުން ދިޔަވަރަކަށް އޭނާގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ، އޭނާ އަބަދުވެސް ގުދުރަތީ ގޮތުން ވިހަން ބޭނުންވެ، އެކަން ނުވެދާނެތީއެވެ. ކަންވީ ވެސް އެހެންނެވެ. ތައިމޫރު ދުނިޔެއަށް އުފަން ކުރަން ޖެހުނީ ސިޒޭރިއަން ހަދައިގެންނެވެ.

"އެއީ އަހަރެންގެ އެންމެ ފަހު ސްކޭން. އޭރު ވިހަން އޮތީ ހަފްތާއެއް. ތައިމޫރުއަކީ ބޮޑުކޮށް އޮތް ކުއްޖެއް. ފޫޅު ވެސް އޮތީ ކަރުގައި އޮޅިފައި. ޑޮކްޓަރުން ބުނީ ރިސްކެއް ނަގަން ބޭނުން ނުވާ ކަމަށް. އަހަރެން ހުރީ ވަރަށް ބިރުގެންފައި. އަހަރެން ވަރަށް ބޮޑަށް ބޭނުންވެފައި ހުރީ ސިޒޭރިއަން ނުހަދާ ވިހަން." ކަރީނާ އޭނާގެ ފޮތުގައި ލިޔެފައިވެއެވެ.

ކަރީނާ ބުނީ އޭނާ ވިހަން ބޭނުން ވިޔަސް، ދަރިފުޅުގެ ކަރުގައި ފޫޅު އޮޅިފައިވާ ނަމަ، އެކަން ކުރުމުގައި ދަރިފުޅުގެ ފުރާނައަށް ނުރައްކާވެދާނެ ފަދަ މައްސަލަތައް ދިމާވެދާނެކަން ޑޮކްޓަރުން އޭނާއަށް ވިސްނައިދިން ކަމަށެވެ. އެހެންވެ، ޑޮކްޓަރުން އެކަން ހާމަކުރިތާ 48 ގަޑިއިރު ފަހުން، ތައިމޫރު ސިޒޭރިއަން ހަދައިގެން އުފަން ކުރުވީއެވެ.

ތައިމޫރު އުފަން ކުރަން ސިޒޭރިއަން ހަދަން ޖެހުނު ނަމަވެސް، ކަރީނާ ބުނި ގޮތުގައި އޭނާއަށް އެންމެ ފަސޭހައީ އެ ޕްރެގްނެންސީއެވެ. ދެވަނަ ދަރިފުޅު ޖެހަންގިރަށް ބަލިވެ އިންނަން ހިތްވަރު ލިބުނީ ވެސް ފުރަތަމަ ފަހަރުގެ ތަޖުރިބާ ފަސޭހަ ކަމުން ކަމަށް އޭނާ ބުންޏެވެ.

"އެކަމަކު ދެވަނަ ފަހަރު ތަފާތު. މިކަމެއް ނުވާނެއޭ ހިތަށް އެރި އެތައް ފަހަރަކު." ކަރީނާ ބުނެފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!