އެމްޑީޕީ ކެނޑިޑޭޓުގެ ކެމްޕެއިނަށް މާދަން ދެ ރައީސުން ފޯކައިދުއަށް

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް، މުހައްމަދު ރާޝިދުގެ ކެމްޕެއިނަށް އެ ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާދަމާ ށ. ފޯކައިދުއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ،
މާދަމާ ރޭ ފޯކައިދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްޕެއިން ޖަލްސާގައި ދެ ރައީސުން ބައިވެރިވެ ވާހަކަފުޅު ދައްކަވާނެއެވެ. މެއި މަހު ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާއަށް ފަހު، މިއީ ދެ ރައީސުން އެއް ޖަލްސާއެއްގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ.
މި ބައިއިލެކްޝަންގައި އެމްޑީޕީގެ އިތުރުން ޕީޕީއެމްއާއި އެމްއެންޕީއިން ވެސް ވާދަކުރާއިރު މި އިންތިޚާބުގެ ވާދަވެރި ކެންޕެއިނެއް ދެ ޕާޓީން ވެސް ދަނީ ކުރަމުންނެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން، މި އިންތިޚާބުގައި އެމްޑީޕީއަށް ސަޕޯޓް ކުރަން ނިންމައިފައިވާއިރު، އަދާލަތުން ތާއީދު ކުރާ ވަކި ޕާޓީއެއް ހާމަކޮށްފައެއް ނުވެއެވެ.
ރާޝިދުގެ ކެމްޕެއިން ފައްޓަވައި ދެއްވުމުގެ ގޮތުން ރައީސް ޞާލިޙް ކޮމަންޑޫ ދާއިރާގެ ތިން ރަށަށް މީގެ ކުރިން ވަޑައިގެންފައިވެއެވެ. އަދި ނައިބު ރައީސް ފައިސަލް ނަސީމާއި ފޮރިން މިނިސްޓަރު އަދި އދ. އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވެސް އެ ދާއިރާގެ ރަށްތަކަށް ވަޑައިގެންނެވިއެވެ. އަދި އެމްޑީޕީގެ އިސްވެރިންނާއި ސަރުކާރުގެ ވަޒީރުން ވެސް އެމްޑީޕީ ކެނޑިޑޭޓަށް ކެމްޕެއިން ކުރުމަށް ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ވަޑައިގެންފައިވެއެވެ.
ކޮމަންޑޫދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ.