ޚަބަރު

އަމިއްލަ ގޭގޭގެ ފާރުގައި “އިންޑިއާ އައުޓް" ޖެހުމަކީ ސަރުކާރާ ބެހޭ ކަމެއް ނޫން: ރައީސް ޔާމީން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ގާއިމުވެތިބުމާ ދެކޮޅަށް އިދިކޮޅުން ހިންގަމުން އަންނަ "އިންޑިއާ އައުޓް" ކެންޕެއިންގެ ތެރެއިން ގޭގޭގެ ފާރުގައި އެ އިބާރާތް ޖެހުމަކީ ސަރުކާރާ ބެހޭ ކަމެއް ނޫން ކަމަށް އިދިކޮޅު ލީޑަރު ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by STELCO

"އިންޑިއާ އައުޓް" ކެންޕެއިން ފުޅާ ކުރުމަށް ރައީސް ޔާމީން މިހާރު އަތޮޅުތަކުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ރ.ދުވާފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ދެއްކި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ، އިންޑިއާ އައުޓް ޖަހަނީ އަމިއްލަ އަންނައުނުގައި ކަމަށާއި އެއީ ދައުލަތާ ބެހޭ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ޤައުމީ ޖިހާދެއް ކަމަށާއި މި ހަރަކާތް ހުއްޓުވަން ސަރުކާރަށް މަޤްބޫލު އުޒުރެއް ދެއްކިފައި ނެތް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އަޅުގަނޑުމެން ގޭގޭގެ ފާރުގައި އިންޑިއާ އައުޓް ޖެހީމަ އުދަނގޫވާ ބަޔަކު އެބަ އުޅޭ. އެއީ އަޅުގަނޑުމެން ހިތުގެ ޝުއޫރު. އަޅުގަނޑުމެންގެ ފާރު އެއީ. އެއީ ދައުލަތާ ބެހޭ ކަމެއް ނޫން. ދައުލަތުން ކިތަންމެ ވަރަކަށް މިއީ އަދަބާ ޚިލާފު ކަމެކޭ ބުނުއްވަން އުޅުއްވިޔަސް އަދި މިއީ އަޚްލާޤީ ގޮތުން ރަނގަޅު ކަމެއް ނޫނޭ ވިދާޅުވިޔަސް، މަޤްބޫލު އެއްވެސް ސަބަބެއް ދެއްކިއްޖެތޯ އިންޑިއާ ހަރަކާތް ހުއްޓައިލާން ޖެހޭ

ށ. ފުނަދޫގެ ސްކޫލު ފާރެއްގައި އިންޑިއާ އައުޓް ޖެހި މައްސަލައެއް ދާދިފަހުން ވަނީ ފެންމަތިވެފައެވެ. މިކަމާ ގުޅިގެން އެކަން ކުށްވެރިކޮށް އެޑިއުކޭޝަނުން ވެސް ބަޔާނެއް ނެރުނެވެ.

ދެ ހާހެއްހައި މީހުން ބައިވެރިވި މި ހަރަކާތުގައި ވަރަށް ޖޯޝުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އިންޑިއާ އައުޓް ޓީޝާޓު ލައިގެން ރައީސް ޔާމީން އުޅުއްވުމަކީ އަޚްލާޤީ ގޮތުން ދަށް ފެންވަރުގެ ކަމެއް ކަމަށް އެމްޑީޕީގެ ފަރާތްތައް ބުނަމުންދާ ދިއުމަށް ރައްދު ދެއްވައިފައެވެ.

މިގޮތުން ވިދާޅުވީ، އިންޑިއާ އައުޓް ކިޔުމަކީ ހަޑި ކަމެއް ނޫން ކަމަށާއި ހަޑި ކަމަކީ މިނިވަންކަމާ އެކު ބޮޑުވި ބަޔަކު ރާއްޖެއަށް ޣައްދާރުވެ، ރާއްޖޭގެ މިނިވަންކަން ނަގައިލާން ކުރާ މަސައްކަތް ކަމަށެވެ. އެމީހުންގެ މަސައްކަތަކީ އަޚްލާޤީ ގޮތުންނާއި، ސުލޫކީ ގޮތުން، އިލްމީ ގޮތުން، އަދި ޤައުމީ ގޮތުން ވެސް ހަޑި ކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މީހުންނަކީ ދިވެހި ލޭ ހިނގާ ބައެއްތޯ ރައީސް ޔާމީން ސުވާލު ކުރެއްވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ދިވެހި ރާއްޖޭގެ ތާރީޚުގައި ދިވެހިންގެ މިނިވަންކަމަށް ބުރޫއަރައި، ދިވެހިންނަށް ކުރިމަތިވި ކޮންމެ ހިތްދަތިކަމެއް ކުރިމަތި ވެފައި ވަނީ އިންޑިއާގެ އައްސޭރިފަށުން ކަމަށެވެ. އަދި އެ މީހުންގެ އަސްކަރިއްޔާއަށް ދިވެހި ބިމުގައި ޖާގަ ނެތް ކަމަށް ވިދާޅުވިއެވެ.

"މިރަށުގައި ތިބޭފުޅުންނަށް މެހެމާންދާރީއެއް ނެތޭ. ތިބޭފުޅުންގެ އަސްކަރިއްޔާއަކަށް މި ރަށުގައި ޖާގައެއް ނެތޭ. އެހެންވީމާ، އަޅުގަނޑުމެންގެ ފަސްގަނޑު ދޫކޮށްލައިފައި ފައިބާށޭ." ރައީސް ޔާމީން ވިދާޅުވިއެވެ.

Ads by Allied Insurance
  1. ކެންފެއިންގެ؟
    ނުވަތަ ކެންޕެއިން

  2. ބޭބެ

    ރޔާމީން އެ ވިދާޅުވީ ހަމަ ތެދުފުޅެއް އަމިއްލަ ގޭގެ ފާރުގާ ޖެހޭނެ، މިގޭގަވެސް ޖަހައިފިން.

  3. ައަފްރާޙް

    މީހަކު ބުންޔޭ ކިޔާފަ އަހަރުމެން ނުކުރާނަން ކޮސް ކަންތަކެއް. މަގުމަތިން ދާ މީހަކަށް ނަސޭހަތަކަށް ވާ ފަދަ ބަސްކޮޅެއް ނުވަތަ ރަސޫލާގެ ހަދީސް ފުޅެއް ލިޔުންވެސް މާކަ ބުއްދި ވެރި.

  4. އެމްސް

    މުޖުތަމަޢުގަ ފިތުނަ އުފެއްދުމީ ފައިދާހުރި ކަމެއް ނޫން!