އެމްޑީޕީ ކެންޑިޑޭޓަށް ތާއީދު ކުރަން ނިންމީ އެމްޑީޕީ އިސް ލީޑަރުގެ އެދުމަށް: އަދާލަތު ޕާޓީ
މި އަންނަ މަހު ފަސްވަނަ ދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ކުރަން އަދާލަތު ޕާޓީން ނިންމައިފައި ވަނީ އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އެދިވަޑައިތުމަށް ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
ށ.ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓަށް ތާޢީދުކުރުމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުން ނިންމައިފައި ވަނީ، އެ މަޖިލީހުގެ 3 ވަނަ ދައުރުގެ 10 ވަނަ ޖަލްސާގެ އަޣުލަބިއްޔަތުންނެވެ.
މަޝްވަރާގެ މަޖިލީހުގެ ޖަލްސާއަށް ފަހު މިއަދު އަދާލަތު ޕާޓީން އާއްމު ކުރި ބަޔާނެއްގައި ވިދާޅުވީ، ސިޔާސީ ޕާޓީތަކުން އެކުގައި ފަށައިފައިވާ ސިޔާސީ މަސައްކަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިއަށް އެހީތެރިވެ އެއްބާރުލުން ދިނުމަކީ، ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަޙަތު މިވަގުތަށް އޮތްގޮތް ކަމުގައި ޢަދާލަތު ޕާޓީން ދެކޭ ކަމަށެވެ. އަދި އެމްޑީޕީއަށް ތާއީދު ކުރަން ނިންމައިފައި ވަނީ ޤައުމާއި ރައްޔިތުންގެ އެންމެ އިސް މަޞްލަޙަތުތަކަށާއި، ރާއްޖޭގެ ސިޔާސީ މަސްރަހަށާއި ޢަދާލަތު ޕާޓީން ކުރިއަރުވާ ސިޔާސަތު ތަކަށް ރިޢާޔަތްކޮށް ކަމަށް އަދާލަތުން ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ޞާލިޙަށް އަދާލަތުން ތާއީދު ކުރާ ސަބަބުތައް އަދާލަތުން ވަނީ އެ ބަޔާނުގައި ވިދާޅުވެފައެވެ. އެކަންކަމަކީ:
1. 2008 ވަނަ އަހަރު ފާސްކުރެވުނު ޤާނޫނު އަސާސީގެ ޙަޔާތުގައި މިހައިތަނަށް އުފެދުނު ސަރުކާރުތަކަށް ނަޒަރުކުރާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި، އަމާން ޞުލްޙަވެރި މުޖްތަމަޢެއް ޤާއިމްކޮށް، ސިޔާސީ ހަލަބޮލިކަން ކުޑަކޮށް، ކޮވިޑް 19ގެ ޢާލަމީ ވަބާއާއި މެދުވެރިވި އިޤުތިޞާދީ ދަތިތަކާއެކު ވެސް، ދިވެހިރާއްޖޭގެ އިޤްތިޞާދު ހަރުދަނާކޮށް، އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ފަދައިން ގިނަ ޕާޓީއެކުލެވޭ ކޯލިޝަން ސަރުކާރެއް ކާމިޔާބުކަމާއެކު ހިންގެވުން
2. ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތަށް ބޮޑު ގޮންޖެހުމެއް ދިމާވެދާނެކަމަށް ފާހަގަކުރެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހުގައި ޢަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކުރި ކަމެއްގައި މިއަދާ ހަމަޔަށް އެކަށީގެންވާ ޙައްލު ހޯދުމަށް މަސައްކަތްކުރެއްވުން
3. ޤައުމުގައި ޞުލްޙަ މަސަލަސްކަން ޤާއިމްކޮށް އަމާން ވެއްޓެއް ހަރުދަނާ މަސައްކަތްތަކެއް ކުރެވި،
މުޖްތަމަޢަށް ދިމާވެފައިވާ އެންމެ ބޮޑު ކަމަށްވާ މަސްތުވާތަކެއްޗާއި، ކުށްތައް ހުއްޓުވުމަށް މިހައިތަނަށް
ދައުލަތުގެ ފަރާތުން ދުވަހަކު ވެސް މަސައްކަތް ނުކުރާ މިންވަރަށް އަދުގެ ސަރުކާރުން މަސައްކަތް ކުރެއްވުން
4. ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށް، މިނިވަން ދީމިޤްރާތީ ވެއްޓެއް ޤާއިމްކޮށް، ޤައުމު ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް، މާނަހުރި ފިޔަވަޅުތަކެއް އަޅުއްވައި، ހަމަހަމަ އުސޫލެއްގެ ދަށުން އަސާސީ ޚިދުމަތްތައް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދީ، ޢުމްރާނީ ގޮތުން ދިވެހިރާއްޖެ ތަރައްޤީކުރުމަށް މުޅި ރާއްޖޭގައި މަޝްރޫތަށް ކުރިއަށްދާކަން ފެންނަން އޮތުން
އަދާލަތު ޕާޓީން އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ރާޝިދަށް ތާއީދު ކުރަން ނިންމައިފައިވާއިރު، ކޯލިޝަންގައި ހިމެނޭޖުމްހޫރީ ޕާޓީން ވެސް ވަނީ އެމްޑީޕީ ކެނޑިޑޭޓަށް ތާއީދު ކުރަން ނިންމަވައިފައެވެ. ކޯލިޝަންގައި ދެން ހިމެނޭ ރައީސް މައުމޫންގެ އެމްއާރުއެމްއިން އަދި ވަކި ގޮތެއް ނުނިންމަވައެވެ. ނަމަވެސް މި އިންތިޚާބަށް ބޮޑެތި ނުފޫޒު ފޯރުވަމުންދާކަމަށް ތުހުމަތުކޮށް، ރައްޔިތުންނަށް އެންމެ ފެންނަ ކެނޑިޑޭޓަކަށް ވޯޓް ލުމަށް އެމްއާރުއެމްއިން މިއަދު ވަނީ ގޮވައިލައްވައިފައެވެ.
އަދާލަތު ޕާޓީން ރާޝިދަށް ތާއީދު ކުރަން ނިންމި ނަމަވެސް އަދާލަތު ޕާޓީގެ ބައެއް އިސް ބޭފުޅުން ގެންދަވަނީ އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ނުކުރާ ކަމަށް ވިދާޅުވަމުންނެވެ. މިއަދު އަދާލަތު ޕާޓީގެ ދީނީ މަޖިލީހުގެ މެންބަރު ޝެއިޚް ޒައިދު ވަނީ މި އިންތިޚާބުގައި އެމްޑީޕީއަށް ވޯޓް ނުލުމަށް ގޮވައިލައްވައިފައެވެ.
އަދާލަތަށް ނިސްބަތްވާ މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްސް ވަނީ ރާޝިދުގެ ކެންޕެއިނުން ފެނިގެން ގޮސްފައެވެ.
ކޮން ދޮގެއް ހަދާކަށް! ރާއީގެ އިންޒާރަށް ބިރަށް.
ވަޒީފާގެއްލިދާނެތީ ބިރުން ހާ މިޝޭޚު ވަރަށްދޮގުހަދާނެ
ދީންނެތިގެންދާއިރުވެސް މޑޕ ގެއިސްލީޑަރުގެއެދުމަށް އެކަމުގާވެސްއެމީހުނަންއެހީތެރިވުމުގާ އަމަލާބަހުން
ތީމާގަދަ ޕާޓީއެއްތާ
ތިޔަ އިމްރާންތީ މިހާރު މީހުންގަބޫލުކުރާމީހެއްނޫން
މި ގައުމު އިންޑިއާއަށް ވިއްކަން ތާއީދު ކުރީވެސް އެމްޑީޕީ އިސް ލީޑަރުގެ އެދުމަށްނު. އެމްޑީއެން ރިޕޯޓާއި އުތެމަ އަށް ރުހެން ތާއީދު ކުރީވެސް އެމްޑީޕީ އިސް ލީޑަރުގެ އެދުމަށްނު. ކަލޭމެން ހަމަ ސާފުސީދާ! ލަދުކޮބާތަ!
ޢެމްޑީޕީ އަށް ތާއީދު ނޮކޮށްފިނަމަ މިވެރިކަމުގައި ތިޔަމަޤާމުގައި މަނިކްފާނު ނުބަހައްޓަވާނެ މިއީ ހަޤީގަތަކީ….