ޖިނާއީ މައްސަލަތަކުގައި ގޯސް ހަދާތީ އިދާރާތައް ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރަނީ
ޖިނާއީ މައްސަލަތަކުގައި ބޮޑެތި ގޯސްތައް ހަދަމުންދާތީ ކަމާގުޅުން ހުރި އިދާރާތައް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.
ޖުޑިޝަރީ ކޮމިޓީން މިއަދު ބޭއްވި ޖަލްސާއެއްގައި ބުނެފައި ވަނީ، ތަހުގީގީ މަރުހަލާއިން ފެށިގެން ޝަރީއަތުގެ މަރުހަލާއާ ހަމައަށް މައްސަލަތަކުގެ އަޑުއެހުންތައް ތާވަލުކުރެވޭ ގޮތަށް މައްސަލަތައް ކުރިއަށް ނުދާ ކަމަށެވެ.
މި ބައްދަލުވުމުގައި މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވަނީ ބޮޑެތި ބައެއް މައްސަލަތަކަށް އަލިއަޅުއްވައިލައި އެ މައްސަލަތައް ސާބިތުނުވެ ދިޔައީ ފުލުހުންނާއި ދައުލަތުގެ ބޮޑެތި އިހުމާލުންކަން ފާހަގަކުރައްވައިފައެވެ. އެގޮތުން ބްލޮގަރު ޔާމީން ރަޝީދުގެ މަރު މައްސަލައިގައި މިމަހުގެ 19ވަނަ ދުވަހު ކުރި ހުކުމުގައި ހަތަރު މީހަކު ސަލާމަތްވި ކަމާއި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ސުޕްރީމް ކޯޓުން މިނިވަންކުރި ގޮތާއި އެ މައްސަލަތަކުގައި ހަދައިފައިވާ ގޯސްތައް ވެސް މަތިވެރި ދާއިރާގެ މެމްބަރު ވިދާޅުވެ ދެއްވިއެވެ.
"ތަކުރާރުކޮށް އެއްބާވަތެއްގެ އެއް މައްސަލަތަކެއްގައި ކޯޓު މަރުހަލާއިން އެ މައްސަލަތަކުގެ ހެކި އިޖުރާއަތްތަކާ ހިލާފަށް ހޯދުމުގެ ސަބަބުން އަދި އެހެން ނޫނަސް ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންތައްތައް ފުރިހަމަނުކުރުމުގެ ސަބަބުން ދައުލަތުން އެތައް ހަރަދެއްކޮށް އެތައް އަހަރެއް ވަންދެން އެތައް ބަޔަކު ތަހުގީގުގައި އެ މައްސަލައިގައި އެތައް ބާވަތެއްގެ މަސައްކަތެއް ކުރުމަށް ފަހު އެތައް ވަގުތުތަކެއް ހޭދަކުރުމަށް ފަހުގައި ދައުލަތުން އެތައް ބޮޑު ހަރަދުތަކެއް ކުރުމަށްފަހު މި ދަނީ ސާބިތުނުވެގެން ހަމަ ސިލީ ކުދިކުދި މިސްޓޭކްތަކުގެ ސަބަބުން،" ޒަރީރު ވިދާޅުވިއެވެ.
މީގެ އިތުރުން ޒަރީރު ވިދާޅުވީ ދައުލަތުގެ މުއައްސަސާތައް އެދިގެން ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް މަޖިލީހުން ގެނެސްދޭ ކަމަށެވެ. އެކަމަކު އެ ގާނޫނުތަކާ އެއްގޮތަށް ބައެއް އިދާރާތަކުން އަމަލުނުކުރާ ކަމަށް ތުހުމަތު ކުރެއްވިއެވެ.
ތަނެއްދޮރެއް ނުދަންނަ ބަޔަކު ހަދާ ގާނޫނު ހުންނާނީ ކޮން ގޮތަކަށް؟ މީހުން ދޫވަނީ ގާނޫނުތަކުގައި ހުންނަ ދެކޮޅުނުޖެހޭ ކަންތައްތަކުގެ ސަބަބުން.