ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ

ކުރީގެ ރައީސް ، ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ، ދައުވާގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ތާވަލުކޮށްފިއެވެ.
މާދަމާ ބޭއްވުމަށް ތާވަލުކޮށްފައި ވަނީ ރިސޯޓެއް ތަރައްގީކުރަން ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނަގައި މަނީ ލޯންޑާ ކުރިކަމަށް ތުހުމަތު ކޮށްފައިވާ ދައުވާގެ އަޑުއެހުމެކެވެ.
މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ ކްރިމިނަލް ކޯޓުގައި މާދަމާ ހެނދުނު 9:30އަށެވެ.
މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުވާކުރަނީ ރިސޯޓް ތަރައްގީ ކުރުމަށް ޓަކައި އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަވައިގެން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ރިޝްވަތުގެ ގޮތުގައި އެއް މިލިއަން އެމެރިކާ ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތެވެ.
މި މައްސަލައިގައި ރައީސް ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައިފައެވެ. އޭނާގެ މައްޗަށް އުފުލައިފައި ވަނީ ރިޝްވަތު ދިން ކަމުގެ ދައުވާއެވެ.