ކޮމަންޑޫ ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓު މުހައްމަދު ރާޝިދު ނުހޮވިއްޖެ ނަމަ އާސަންދަ ލިބުން ހުއްޓިދާނެކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެއްކެވި ވާހަކަފުޅު ޖުމްހޫރީ ޕާޓީން ތަރުޖަމާކޮށްދީފިއެވެ.
ޖޭޕީގެ ނައިބު ރައީސް އަހުމަދު ސައުދު ވިދާޅުވީ ކޮމަންޑޫގައި ގާސިމް އާސަންދައާ ގުޅިގެން ދެއްކެވި ވާހަކަފުޅު މީޑިއާތަކުން ގެނެސްދިނީ އޭގެ ހަގީގީ މާނައިގައި ނޫން ކަމަށެވެ. ގާސިމް ވިދާޅުވާން އުޅުއްވި ވާހަކަ ތަފްސީލުކޮށްދެއްވަމުން ސައުދު ވިދާޅުވީ އެއިރެއްގައި އޮންނަ ސަރުކާރަކަށް ވާގިވެރިވެ، ތާއީދު ބޮޑުކަން ދައްކައިގެން ތަރައްގީ ގެންނަން ފަސޭހަވާކަމީ ކަން ހިނގާ ގޮތްކަމަށެވެ.
މިއީ ހަމައެކަނި މިސަރުކާރުގައި ކަން ހިނގާ ގޮތް ނޫން ކަމަށާއި ކުރީގެ ސަރުކާރުތަކުގައި ވެސް އަދި ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ވެސް ކަން ހިނގަމުން އައިސްފައި ވަނީ މިއުޞޫލުންކަމަށް ސައުދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އުސޫލެއްގެ ގޮތުން ސަރުކާރަށް ތާއީދު ކުރާ މީހަކު ނުވަތަ ބަޔަކު ކަމެއް ކޮށްދިނުމަށް އެދި ދެންނެވުމުން އެކަމެއް ކޮށްދޭން ފަސޭހަވާނެ ކަމަށެވެ. ގާސިމް ވިދާޅުވާން އުޅުއްވީ އެ ވާހަކަ ކަމަށް ވެސް ސައުދު ވިދާޅުވިއެވެ.
"ދެކޮޅު ވިސްނުމެއްގައި ހުންނަ މީހަކު ގުޅީމާ ފޯނު ވެސް ނުނަގާ ކަންތައްތައް މީގެ ކުރިން ވެފަ އެބަހުރި. މިސަރުކާރުން އެކަން ކުރާނެކަމަކަށް ވިސްނައިފައެއް ވެސް ނޫން އެ ވިދާޅު ވަނީ" ގާސިމް ދެއްކެވި ވާހަކަފުޅު ދިފާއު ކުރައްވަމުން ސައުދު ވިދާޅުވިއެވެ.
މީގެ އިތުރުން ސައުދު ވިދާޅުވީ އާސަންދަ އެންމެ ފުރަތަމަ ރާއްޖެއަށް ގެނެސްދިން ބޭފުޅަކީ ގާސިމްކަމަށް ދެންނެވުން ކުށަކަށް ނުވާނެ ކަމަށެވެ. އެގޮތުން ސަރުކާރުން ހިލޭ ބޭސްފަރުވާ ފޯރުކޮށްދިނުމުގެ ކުރިން ބޭސްފަރުވާގެ އެހީއަށް ބޭނުންވެފައިވާ ފޯރުކޮށްދިނުމަށް ގާސިމް އެތައް ފަހަރެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދެއްވިކަމަށް ސައުދު ވިދާޅުވިއެވެ.
ޕީޕީއެމްގެ ވެރިކަމެއްގައި ވަޒީފާތައް ދޭނީ ހަމައެކަނި އެ ޕާޓީގެ މެމްބަރުންނަށްކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވިކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ސައުދު ވިދާޅުވީ ރާއްޖޭގެ އާބާދީގެ މެޖޯރިޓީއަކީ ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ރައްޔިތުން ކަމަށެވެ. އެހެންކަމުން ވަޒީފާގެ ފުރުސަތު އެފަރާތްތަކަށް ނެތްކަމަށް ކުރީގެ ރައީސަކު ވިދާޅުވުމަކީ އިދިކޮޅު ޕީޕީއެމްއަށް އޭގެ ޑެމޭޖު ބޮޑު ކަމެއްކަމަށް ސައުދު ވިދާޅުވިއެވެ.
"ސިޔާސީ ކަންތައްތަކުގެ ތެރޭގައި މާނަ ނެގުމުގައި ދެއްކިދާނެ ހަމަ ކޮންމެ ވާހަކައެއް ވެސް. އަޅުގަނޑު މިދެއްކީތާ މިވާހަކަ. ހަމަ އެގޮތަށް މީގައި ހަމަ ނެގެޓިވިޓީ ބައެއް ދާއިރުގައި މި ޑެމޭޖު މާ ބޮޑުވާނެއޭ ޕީޕީއެމްއަށް މުސްތަގުބަލުގައި" ރައީސް ޔާމީން ދެއްކެވި ވާހަކަ އޮޅުވައިލަން ދެއްކިދާނެ ވާހަކަތަކާ ގުޅޭގޮތުން ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ އެމްޑީޕީން ވާދަކުރައްވާ ރާޝިދަކީ ހަމައެކަނި އެޕާޓީގެ ކެނޑިޑޭޓު ނޫން ކަމަށާއި އެއީ ސަރުކާރު ކޯލިޝަންގެ ކެނޑިޑޭޓުކަމަށެވެ. އެއީ މިވަގުތު ކޯލިޝަންގައި އޮތް ހަތަރު ޕާޓީގެ ތެރެއިން ތިން ޕާޓީން ތާއީދު ކުރަނީ ރާޝިދަށް ވުމުން ކަމަށް ސައުދު ވިދާޅުވިއެވެ.
ރާޝިދުގެ އިތުރުން ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވަނީ އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓަކާއި އެމްއެންޕީގެ ކެނޑިޑޭޓެކެވެ.