އެމްޑީޕީން ފައިސާ ބަހާކަމަށް ބުނެ، މައްސަލަ އިލެކްޝަނަށް!
![](https://dhen.mv/wp-content/uploads/2022/02/56975151-E171-4FF9-A154-6C3889E59399-850x548.jpeg)
މިއަދު ކުރިއަށްދާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިންތިޚާބަށް ނުފޫޒު ފޯރުވައި، އެމްޑީޕީއަށް ވޯޓު ހޯދުމަށް ފައިސާ ބަހަމުންދާކަމަށް ބުނެ އެމައްސަލަ އިދިކޮޅު ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.
ޕީޕީއެމުން ބުނީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް އިސްކަންދަރު ސްކޫލު ކުރިމަތީގައި ހުރި މަ އޮނިކްސް ކިޔާ ގެއެއްގެ ތެރޭގައި ވޯޓަށް ނުފޫޒު ފޯރުވުމަށް އެމްޑީޕީއިން ފައިސާ ބަހާ މައްސަލަ އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފައިސާ ބަހައިފައި ވަނީ ވޯޓުލާ މަރުކަޒު ހުންނަ އިސްކަންދަރު ސްކޫލު ކުރިމަތީގައި ޖަގަހައެއް ހަދައިގެން އެތަނަށް މީހުން ވެއްދުމަށް ފަހުއެވެ. މިކަމާ ގުޅިގެން އާއްމުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.
މިކަމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން މިހައިތަނަށް އެއްވެސް ކަމެއް ފާހަގަކޮށްފައެއް ނުވެއެވެ.
އިލެކްޝަންސް ކޮމިޝަނުން އާއްމު ކޮށްފައިވާ ލިސްޓުގައިވާ ގޮތުން ފޯކައިދުއާއި މަރޮށި އަދި ކޮމަންޑޫން 3،309 މީހުންނަށް މި ދާއިރާއަށް ވޯޓު ލުމުގެ ހައްގު ލިބިގެންނެވެ. ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8.00 ފެށިގެން ހަވީރު 04.00އާ ހަމައަށެވެ.
![](https://dhen.mv/wp-content/uploads/2024/12/IMG_6998.png)