ޝަރުއީ ނިޒާމު ސިޔާސީވުމަކުން އެމްޑީޕީ މެމްބަރުންނަށް މައްސަލައެއް ނޫން
ކޯޓުތަކުގެ ބެލެނިވެރި ފަރާތް، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ސިޔާސީ ބޭފުޅުން ތިއްބެވުމަކީ މައްސަލައެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުން ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ޠާރިގު ވަނީ ހޯމަ ދުވަހު އޮތް މަޖިލިސް ޖަލްސާގައި، ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހުކޮށް އެކޮމިޝަނުން ސިޔާސީ ބޭފުޅުން ބޭރުކުރުމަށް ބިލެއް ހުށަހަޅުއްވައިފައެވެ. އެބިލުގެ ބަހުސް މަރުހަލައިގައި އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.
އެގޮތުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު މިބިލަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ދުނިޔޭގެ އެއްވެސް ބަޔަކަށް ސިޔާސީ ނުފޫޒު ނުވަންނަނާނެހެން ސިސްޓަމެއް އުފެއްދިފައި ނުވާ ކަމަށެވެ. ވަކި ފަރާތަކަށް ބުރަ ނުވާ އަދި ސިޔާސީ ނުވާނެ ޖުޑިޝަލް ސާވިސް ކޮމިޝަނެއް އޮންނަން ޖެހޭނެކަމަށް ގަބޫލުކުރައްވާ ކަމަށާއި ސިޔާސީ ބޭފުޅުން ތިއްބެވިޔަސް ވަކި ފަރާތަކަށް ނުޖެހޭ ކޮމިޝަނެއް އޮވެދާނެކަމަށް ގަބޫލު ކުރައްވާކަމަށް ޝަރީފު ވިދާޅުވިއެވެ. ޖޭއެސްސީ މިހާރު އެކުލެވިގެންވާ ގޮތް ބަދަލުކުރަން މެމްބަރު ޠާރިގު ހުށަހެޅުއްވުމުން ޝަރީފު އެކަން ސިފަކުރެއްވީ "ކުޅިކުޅިވަރަށް ގާނޫނު އަސާސީއާ ކުޅުމުގެ" ގޮތުގައެވެ.
"ރައްޔިތުން އެދޭ ގޮތަކަށް ވެސް އަޅުގަނޑުމެން ފުންކޮށް ވިސްނާލަން ޖެހޭ. ސިޔާސީ ނުފޫޒު އެއްކިބާ ވާނެ ހެއްޔޭ؟ މި އިއްޒަތްތެރި މަޖިލީހުގެ މެމްބަރުންގެ އަޣްލަބިއްޔަތުން ނިންމާ ކޮންމެ ކަމެއްގައި ޖޭއެސްސީ ފަދަ މުއައްސަސާތަކުގެ މިނިވަންކަމާ ހުރީ ގުޅިލާމެހިފަ" ބިލަށް ތާއީދު ނެތްކަން ހާމަކުރައްވަމުން ޝަރީފު ވިދާޅުވިއެވެ.
ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުލްޝަހީމް އަބްދުލްހަކީމް ވިދާޅުވީ ޖޭއެސްސީގެ މަސްއޫލިއްޔަތަކީ ފަނޑިޔާރުގެއިން ޖަހާ ހުކުމަކީ ރައްޔިތުންނަށް އިންސާފު ލިބޭ ހުކުމެއްތޯ ބެލުން ކަމަށެވެ. އެހެންކަމުން ސިޔާސީ ބޭފުޅަކު ޖޭއެސްސީގައި އިންނެވުމަށް ވުރެ ކަންބޮޑުވަނީ ކޯޓުތަކުގެ ފަނޑިޔާރުން އެ ކޮމިޝަންގައި ތިއްބަވާތީކަމަށް ޝަހީމް ވިދާޅުވިއެވެ.
ފަނޑިޔާރުންގެ ޖޭއެސްސީގައި ތިއްބެވުމުން މަސްލަހަތު ފުށޫއަރާނެކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައްޔިތުންގެ އިތުބާރާއި ލޯބި ލިބިގެން މަޖިލިހަށް މެމްބަރުން ހޮވިވަޑައިގެން ތިއްބެވި އިރު ކުރިއަށް އޮތްތަނުގައި ވެސް ބޭނުން ވަނީ މަޖިލިސް މެމްބަރުން ޖޭއެސްސީގައި ތިއްބެވުމަށް ކަމަށެވެ.
"އަޅުގަނޑު މިއަދު ވެސް އަޑަށް ބާރުލައިލައއި ބުނަން ކެރޭނެ އިއްޒަތްތެރި ރައީސް، ޖޭއެސްސީއަށް ދެން ވެސް މެމްބަރުން ލާކަމަށްވާ ނަމަ އަޅުގަނޑަށް ވަރަށް ރަނގަޅު ސިޔާސީ ޕާޓީތަކުން ރައްޔިތުން މިމަޖިލީހަށް އިންތިހާބުކުރާ ކޮންމެ ޕާޓީއަކުން މެމްބަރަކު އެތަނަށް ދާން" ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވެސް ވަނީ މިމައުޟޫއަށް ވާހަކަފުޅު ދައްކަވައިފައެވެ. އޭނާގެ ވާހަކަ ފެއްޓެވީ އެމްޑީޕީއަކީ ވެރިކަމުގައި އޮތަސް އަދި އިދިކޮޅުގައި އޮތަސް އިސްލާހު ކުރަންޖެހޭ ކަންކަމުގެ ވާހަކަ ދައްކަވާނެ ޕާޓީއެއްކަން ފާހަގަ ކުރައްވަމުންނެވެ.
ސަލީމްގެ ވާހަކަފުޅުން ދޭހަވީ އިދިކޮޅުން ހުށަހެޅި އިސްލާހެއްކަމުން އެމްޑީޕީން އެއަށް ތާއީދު ނުކުރާނެކަމެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ވައުދުނާމާގައި އަދުލު އިންސާފުގެ ނިޒާމުގެ އިސްލާހު ކުރުން ހިމަނައިފައިވާނެ ކަމަށާއި އެހެންކަމުން އެ އިސްލާހު ވަރަށް އަވަހަށް މަޖިލީހަށް އަންނާނެ ކަމަށެވެ.
ސިޔާސީ ވަފާތެރި ކެހިވެރިން ބޭނުންވާނީ ޝަރުޢި ނިޒާމް މޮޑޭ ފުއްގަޑެއްހެން އޮތުމަށް ނުންތޯ !