ޚަބަރު ސަރުކާރު

އިންޑިއާއާއި ޔުކްރެއިންގައި ތިބި ދަރިވަރުންގެ ރައްކާތެރިކަމަށް ޓަކައި ހުށަހެޅި ކުއްލި މައްސަލަ ބަލައެއްނުގަތް!

ފަތޯނާ ފާއިޒު ، ދެން އޮންލައިން
މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ--

ޔުކްރެއިންއާއި އިންޑިއާގައި ތިބި ދިވެހި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

Ads by Hajj Corporation

މި މައްސަަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲއެވެ.

މިއަދުގެ ޖަލްސާއަށް 30 މެމްބަރުން ހާޒިރުވެވަޑައިގެން ތިއްބެވިއިރު، މޮސްޓާ ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރުމަށް ނުފެންނަ ކަމަށް 17 މެމްބަރުން ވޯޓު ދެއްވިއެވެ. އަދި މި މައްސަލައަށް ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 7 މެމްބަރުންނެވެ.

ކުއްލި މައްސަލަ ފާސްކުރަން 13 ވޯޓު ބޭނުންވާ އިރު، މި މައްސަލަ ވަނީ ބޭރުވެފައެވެ.

މޮސްޓާ ހުށަހެޅުއްވި މައްސަލައިގައި ވަނީ އިންޑިއާގެ ހަރުކަށި ފިކުރުގެ ހިންދޫ ޖަމާއަތްތަކުން އެގައުމުގައި ކިޔަވަމުން އަންނަ މުސްލިމު އަންހެން ކުދިންގެ ތެރެއިން ބުރުގާ އަޅައިގެން ތިބޭ ދަރިވަރުންނަށް ފުރައްސާރަކޮށް، ސްކޫލަށް ވަނަ ނުދީ، ބުރުގާ ނެގުން މަޖުބޫރުކޮށް އެކި ކަހަލަ ދުއްތުރާތައް ކުރަމުންދާކަން ބައިނަލްއަގްވާމީ މީޑިއާތަކުގެ ޒަރީއާއިން ހާމަވަމުން އަންނަ ކަމަށެވެ.

އިންޑިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ކިޔަވަމުން އަންނަ ގައުމަކަށްވާއިރު، އެގައުމުގެ ސްކޫލްތަކާއި ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ތެރެއިން ވަަރަށް ގިނަ އަންހެން ކުދިންނަކީ ބުރުގާ އަޅާ ކުދިން ކަމުން، އެ ކުދިން ހަރުކަށި ހިންދޫ ޖަމާއަތްތަކާއި، އެ ޖަމާއަތްތަކާ ލާމެހިފައިވާ ބީޖޭޕީ ސަރުކާރުގެ ތުރާލާއި އުނދަގޫ ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމުގައިވާތީ، އެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީ ދިވެހި ސަރުކާރުގެ ޒިންމާއެއް ކަމުގައިވާތީ، މިކަމުގައި ފަރުވާތެރިވެ، އެދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށް، އެ ދަރިވަރުންގެ ދީނީ މިނިވަންކަން ނިގުޅައިގަތަ ނުގަންނަކަން ކަށަވަރު ކުރުމަށް އެޅެން ހުރި ހުރިހައި ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ހާރިޖީ ވަޒީރަށާއި ސަރުކާރަށް ގޮވައިލާ ކަމަށް މައްސަލައިގައި ވެއެވެ.

މީގެ އިތުރުން، މޮސްޓާ ހުށަހެޅުއްވި މައްސަލައިގައި ވަނީ ޔުކްރެއިންއާއި ރަޝިޔާގެ ބޯޑަރު ހިމެނޭ ސަރަހައްދަށް ރަޝިއާގެ އެއްލައްކަ ސިފައިން ޖަމާވެފައިވާ އިރު، ރަޝިޔާއިން ޔުކްރެއިންއަށް އަސްކަރީ ހަމަލާއެއް ދީފާނެކަމުގެ އިންޒާރު ދީފައިވާތީ، އެތަނުގައި ތިބި ދިވެހި ދަރިވަރުން ހިމާޔަތް ކުރުމަށް ވެސް ގޮވައިލައްވައިފައެވެ.

"އަދި ފާއިތުވެ ދިޔަ ޑިސެމްބަރު މަހުން ފެށިގެން އެމެރިކާގެ ޖާސޫސީ އިދާރާތަކުން އެއްކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، 2022ވަނަ އަހަރުގެ ތެެރޭގައި ރަޝިޔާއިން ޔުކްރެއިންއަށް އަސްކަރީ ހަމަލާއެއް ދިނުމުގެ އިހްތިމާލު ވަރަށް ބޮޑެވެ. އަދި މިވަގުތު މަސްރަހު ހޫނުވަމުން، ބަދަލުވަމުންދާ ގޮތަށް ބަލާއިރު، ހަނގުރާމައިގެ އަލިފާންގަނޑު ރޯވެގަންނާނީ ކޮން އިރަކުކަން ދެނެގަތުމަކީ ދަތި ހާލަތެެއްގައި އޮތް ކަމެކެވެ." އޭނާ ހުށަހެޅުއްވި މައްސަލައިގައި ވެެއެވެ.

އެ މައްސަލައިގައި ވަނީ ޔުކްރެއިންގެ ޔުނިވަރސިޓީތަކުގައި 50އަށް ވުރެ ގިނަ ދިވެހި ދަރިވަރުން ތައުލީމު ހާސިލު ކުރަމުން އަންނައިރު، ހަނގުރާމަ ފެށިއްޖެ ހާލަތެއްގައި، އެގައުމުން ދިވެހި ދަރިވަރުން ބޭރު ކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވުމުގެ ފުރުސަތު އޮތް ކަމަށެވެ.

އެެހެން ގައުމުތަކުން ވެސް، ޔުކްރެއިންގައި ތިބި ދަރިވަރުން، އަނބުރާ އެމީހުންގެ ގައުމަށް ގެންދަމުންދާ އިރު، މިފަދައިން އަމަލު ކުރުމަކީ ދިވެހި ދައުލަތުގެ ޒިންމާއެއް ކަމަށްވެސް މޮސްޓާ ހުށަހެޅުއްވި މައްސަލައިގައި ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ޔުކްރެއިންގައި ތިބި ދަރިވަރުން ހިމާޔަތް ކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވެސް ފަށައިފައިވާއިރު، މި މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ބަލައި ނުގަނެވޭނެ ކަމުގައެވެ.

ނަމަވެސް އިންޑިއާގައި ތިބި ދިވެހި ދަރިވަރުންގެ ރައްކާތެރިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް އާޒިމް ވިދާޅެއް ނުވެއެވެ.

Ads by Ooredoo
  1. ނަން

    މީ ކިހިނެއް ވާ ކަމެއްތޯއެވެ. ސަރުކާރު ކޯލިޝަނަށް ނިސްބަތް ނުވާ މެމްބަރަކު ހުށަހަޅައިފިއްޔަކާ ބަލައެއް ނުގަނޭ. އެ މީހުންގެ މީހަކު ހުށަހަޅައިފިއްޔާ ވަގުތުން ބަލައިގަނޭ. ތަފާތު ކުރުމުގެ އިންތިހާ.