އަމާޒަކީ ބޭރު ދުނިޔެއަށް އިންޓަރނެޓް ވިއްކުން: ފައްޔާޒް

ސަރުކާރުގެ އަމާޒަކީ ރާއްޖެއިން ބޭރުގެ ޤައުމުތަކަށް އިންޓަރނެޓް ބޭރު ކުރުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވީ، ސަރުކާރުން ރާއްޖޭގައި އަޅާ ފުރަތަމަ ސަބްމެރިން ކޭބަލް "މޯލްޑިވްސް-އައިއޭއެކްސް ސަބްސީ ކޭބަލް" އެޅުމުގެ މަސައްކަތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ފައްޔާޒް ވިދާޅުވީ، މިއީ ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށެވެ. މިގޮތުން މިހާރު ރާއްޖޭ ބަރޯސާވެފައި އޮންނަނީ ޓޫރިޒަމުން ލިބޭ މަންފާއަކަށް ކަމަށާއި މި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އިޤްތިޞާދު ވަކި ކަމަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުން ކަމަށެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ، މިހާރު ރާއްޖެއިން ބޭރު ކުރެވެނީ ހަމައެކަނި މަސްވެރިކަމުގެ ބާވަތްތައް ކަމަށާއި ސަރުކާރުގެ އަމާޒަކީ އައިސީޓީ ސެކްޓަރ ފުޅާކޮށް، އިންޓަރނެޓް ރާއްޖެއިން ބޭރު ކުރުން ކަމަށެވެ.
މިއާ އެކު މުޅި ރާއްޖެއަށް ހަލުވި އަދި އަވަސް ސްޕީޑްގެ އިންޓަނެޓްގެ ޚިދުމަތެއް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިއަދު ސަރުކާރުން އެޅި ސަބްމެރިން ކޭބަލްއާ އެކު، ކޭބަލް މެދުވެރިކޮށް ރާއްޖެއާއި މުންބާއީއާއި، ސިންގަޕޫރާއި މި ސަރަހައްދުގެ އެހެން ގައުމުތަކާ ވެސް ގުޅައިލެވޭނެއެވެ. އަދި މި ކޭބަލްގެ ސަބަބުން މި މިސަރަހައްދުގެ ވިޔަފާރި ކުރިއަރައިގެންދާނެ ކަމަށާއި، މިއީ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ރާއްޖެއިން ކުރާ މަސައްކަތަށް ލިބިގެންދާ ކުރިއެރުމެއްކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.
ފައްޔާޒްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އިންޓަނެޓުގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ކުންފުނިތަކަށް ވެސް މި ކޭބަލް އެޅުމުން، ހެޔޮ އަގުގައި ސަރުކާރުން އިންޓަނެޓު ގަނެގެން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި މި ސަބްމެރިން ކޭބަލްއަކީ، މިހާރު މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކާ ވާދަކުރުން ނޫން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
އަމާޒަކީ ޖައްވަށް ދިއުމޭވެސް ބުނެވިދާނެ